އެސްޓީއޯގެ އީސްޓޯރުގެ ޚިދުމަތް ފޯރުކޮށްދޭން އަލުން ފަށައިފިއެވެ.
އީސްޓޯރަކީ، ކޮވިޑް-19 އާއި ގުޅިގެން މާލޭސިޓީ ލޮކްޑައުންކުރުމުގެ ސަބަބުން، ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ހޯދަން ދަތިތަކެއްކުރިމަތިވާތީ، އޮންލައިންކޮށް ވިޔަފާރިކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެގޮތުން އެސްޓީއޯއިން ތަޢާރަފުކުރި ވެބްސައިޓެކެވެ.
އީސްޓޯރުގެ ޚިދުމަތްތައް އެސްޓީއޯއިން މެދުކަނޑާލައިފައިވަނީ، ކުޑަ ވަގުތުކޮޅެއްގެތެރޭގައި ގިނަ އޯޑަރުތަކެއް ލިބިފައިވާތީ، މުދާ ޑެލިވަރީކުރުމަށްޓަކައެވެ.
ނަމަވެސް ފުރަތަމަނަގާފައިވާ އޯޑަރުތަކުގެ ޑެލިވަރީތައް ނިމިފައިވާތީ، މިއަދު ހެނދުނު 09:00 އިން ފެށިގެން އީސްޓޯރު މިވަނީ ޚިދުމަތްދޭން ފަށާފައެވެ.

މި ގޮތުން މިއަދު އެސްޓީއޯއިން ކުރި ޓްވީޓެއްގައި ބުނީ، އީސްޓޯރުގެ ޚިދުމަތްތައް އަލުން ފެށިކަމުގައި ވިޔަސް،އެއްފަހަރާ މާ ގިނަ އަދަދެއްގެ މުދަލަށް އޯޑަރުކުރުމުން ޚިދުމަތްދޭން ދަތިތަކެއް ކުރިމަތިވާނެކަމަށެވެ.
މި ގޮތުންް، އެއްފަހަރާ ގިނަ އަދަދެއްގެ މުދަލަށް އެދި އޯޑަރުނުކުރުމަށާއި، ކޮންމެ ކަސްޓަމަރަކު ވެސް އެންމެ ގިނަވެގެން ވިޔަސް ހަފުތާއަކަށް ފުދޭވަރަށް އޯޑަރުކުރުމަށް އެ ކުންފުނިންވަނީ އެދިފައެވެ.
އެސްޓީއޯގެ މި ޚިދުމަތްތަކުގެ އިތުރަށް ބޭސްސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.

