ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ވަޒީރުގެ ވާހަކަތަކަށް އެމްޑީޕީގެ ބައެއް މެންބަރުން ރައްދު ދެއްވައިފި!

ފޮޓޯ: ދި އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ދުނިޔެއާއި ރާއްޖޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދު އޮތީ ވެންޓިލޭޓަރަށް ލާންޖެހޭ ހިސާބުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ވާހަކަތަކަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ރައްދު ދެއްވައިފިއެވެ.

ހުކުރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮރޯނާ ވައިރާހާއި ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް ލޮޅުންތައް އަންނަމުންދާ ގޮތަށް ރާއްޖޭގެ އިގްތިސާދަށްވެސް ބޮޑެތި ލޮޅުންތަކެއް އައިސް ވެންޓިލޭޓަރުގެ އެހީ ބޭނުންވެފައި ކަމަށެވެ. މިއީ އާންމު ހާލަތެއް ނޫން ކަމަށާއި މި ހާލަތުގައި އިގްތިސޯދަށް ބޭނުންވާ ބޭސް ދޭން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރުގެ އެވާހަކަތަކާއި ގުޅިގެން، ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ވެންޓިލޭޓަރުގައި އޮތްކަން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އަންގާފައި ނުވާކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ، ފިނޭންސް މިނިސްޓަރު ދެއްވި ޕްރެސް ބައްލަވަން އިންނެވިރު ވަރަށް ބޮޑަށް ހިތާމަކުރެއްވި ކަމަށެވެ. އެގޮތުން އެ ޕްރެސް ސިފަ ކުރެވުނީ ގާތް ރައްޓެއްސެއްގެ މަންމަ ނިޔާވީ ހަފްތާއެއް ވަންދެން ވެންޓިލޭޓަރުގައި އޮވެފައިކަމަށް، އެ ރަހުމަތްތެރިޔާ ސަހަރާގައި ހުރެފައި ބުނުމުން ކުރެވޭނެ ކަހަލަ އިހްސާސެއް ކަމަށް ވިދާޅުވިއެވެ.

”އެކަމަކު ރާއްޖޭގެ އިގްތިސޯދު ވެންޓިލޭޓަރުގައި އޮތް އިރު، އަޅުގަނޑުމެން އެއްވެސް މީހަކަށް އެކަން ސަރުކާރުންް އަންގާލާފައި ނެތީމާ ދެން އެ ކުރެވުނު އިހްސާސް. އެކަމަކު މި ދަންނަވަނީ މި ގައުމުގެ އިގްތިސޯދުގެ ވާހަކަ ވިއްޔާ. އަޅުގަނޑުމެން ވެސް ހަމަ ދިރި މި ތިބީ މި ދުނިޔޭގައި އަދި. އަންގާލަން ވާނެ ނޫންހޭ އަޅުގަނޑު ހިތަށް އަރަނީ“ ހަސަން ވިދާޅުވި އެވެ.

ހަސަން ލަތީފް އިތުރުން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އިގްތިސާދަށް އައިސްފައިވާ ލޮޅުމާއެކު، ސަރުކާރުގެ ހިންގުން ހުއްޓުމެނެތި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ފައިސާ އަނބުރާ ދައްކާނެގޮތް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ ސުޕަމެޖޯރިޓީ މަޖިލީހުގައި އޮތުމުން، ސަރުކާރުން ބޭނުންވާ ގޮތަށް އެކަން ކޮށްދިނުމަކީ އެމްޑީޕީއަށް މާ ބޮޑު ކަމެއް ނޫން ކަމަށެވެ. ބަހުސް ކުރުމެއް ނެތި، މާބޮޑަށް ނުބަލައި ސަރުކާރުން ބޭނުންވާ ގޮތް ހަދައިދެވިދާނެ ކަމަށެވެ.

”އެހެންނަމަވެސް އެއީ ނިމިދިޔަ މަޖިލީހުގައި ކަން ކުރި ގޮތް. ހުދުމުހުތާރު ވެރިިޔަކު ކަން ކުރި ގޮތް، އޭރު ހިންގި ގޮތަކީ ސަރުކާރުންް ކަމެއް ކުރަން ބޭނުންވިއްޔާ މަޖިލީހަށް ފުލުހުން ސިފައިން ވަދެ ވަށާލަނީ. އަތުޖެހުނިއްޔާ އެ މެމްބަރަކު ހައްޔަރުކުރަނީ ޖަލަށް ލަނީ. އެހެން ނަމަވެސް މިއަދު ސަރުކާރުން ކަމެއް ނުރަން ބަލީ ރައްޔިތުންގެ ރުުހުން ހޯދަން. ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ސަރުކާރުން ކަންކަން ކުރުމަށް،“ އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ފިނޭންސް މިނިސްޓަރަށް އިތުބާރު ނުކުރައްވާ ކަމަށާއި، ސަރުކާރުން 4.2 ބިލިޔަން ނެގުމުގެ ހުއްދައަކަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެކަން ފާސްކުރަން ބޮލުގައި ބަޑި ޖައްސާފައިވާ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ، މިއަހަރަށް ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައިވާ އާމްދަނީ ނުލިބޭނެކަން ވަރަށް ރަނގަޅަށް ސާބިތުވާ ކަމަށެވެ. އަދި ގައުމުގެ ޑީޖީޕީގެ 85 ޕަސެންޓް ހިއްސާކުރާ ފަތުރުވެރިކަން ހުއްޓިފައިވާ ކަމަށާއި، މިއަހަރު ފަތުރުވެރިކަން 50 ޕަސެންޓަށް ދަށްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

”ކުއްލި އަކަށް ހަމަ ހުށަހަޅައިފަ ތިމަންނަމެންނަށް 4400 މިލިޔަން ޕަބްލިކް ބޭންކް އެކައުންޓުން އޮވާޑްރާފްޓްކޮށްފަ ތިމަންނަމެންނަށް އޮޑި ދޭށޭ ބުނީމަ މީ ވަރަށް ވިޔާނުދާ ކަމެއް،“ ބޮންޑޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުއްވާފައިވާ ސިޓީގައި އެދިވަޑައިގަތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ބ) އަދި (ރ) އަށް އަމަލު ކުރުން އެއް އަރަހަށް ފަސް ކުރުމަށް މަޖިލީހުން ފާސް ކުރުމަށެވެ. އެގޮތަށް ފަސްކޮށް ދިނުމަށް އެދޭ ސަބަބެއް ކަމަށް ސިޓީގައި ބުނެފަނީ މިވަގުތަކީ އެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބުނާ ގުދުރަތީ ކާރިސާއެއް މެދުވެރިވެފައިވާ ހާލަތަކަށް ވާތީ އެވެ.

މިނިސްޓަރު އެދިވަޑައިގެން 32 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: