ފިޔަވަޅުތައް އެޅުމުގައި ރަށްރަށުން ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކާ އެއްގޮތަށް އަމަލުކުރުމުން ރައްޔިތުންނަށް ތަންކޮޅެއް ފަސޭހަވާނެ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައިމޫނާ ވިދާޅުވީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުންނަ މީހަކު އެހެން ރަށަކުން ފެންނަ ހާލަތުގައި އެޗްޕީއޭ އިން އަޅާ ފިޔަވަޅުތަކަށް ވުރެ ހަރުކަށި ފިޔަވަޅު ބައެއް ރަށްރަށުން އަޅާ ކަމަށެވެ.
މައިމޫނާ ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާ އެކު، ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި ތާށިވި މީހުންނަށް، އެ މީހުން ތިބި ރަށްރަށުގެ ރައްޔިތުން އެހީތެރިކަން ދިނުން މުހިއްމު ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ރަށްރަށުން ވެސް އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް އަމަލުކުރުމުން ރައްޔިތުންނަށް ފަސޭހަވާނެ ކަމަށް މައިމޫނާ ވިދާޅުވިއެވެ.
”ބައެއް ރަށްރަށް، ސަސްޕެކްޓެޑް ކޭސްއެއް ނުވަތަ ސިމްޕްޓަމްސް ހުރި މީހަކު ފެނިގެން ޓެސްޓްކުރާ އިރު، އެބަ ގެއެއް ބަންދު ކުރަން ނުވަތަ އެ ގެ މޮނިޓަރިންއަށް ލެވޭ. އެހެން ހާލަތްތަކުގައި ރަށްރަށުން އެ އަށް ވުރެ ތަންކޮޅެއް ހަރުކަށިކޮށް ވެސް އެބަ މަސައްކަތް ކުރައްވާ.“ މައިމޫނާ ވިދާޅުވިއެވެ.
މީގެ އިތުރުން މައިމޫނާ ވިދާޅުވި ގޮތުގައި، ފިޔަވަޅުތައް އެޅުމުގައި ކަންތައްތައް ކުރުން ރަނގަޅީ އެޗްޕީއޭގެ އެންގުމާ އެއްގޮތަށެވެ. ކޮވިޑް-19 އާ ގުޅުވައިގެން މީހުން ވަކި ގޮތަކަށް ލޭބަލްކޮށް، އެކަހެރި ނުކުރުމަށާއި އެކަކު އަނެކަކަށް އެހީތެރިވާން ޖެހޭ ކަމަށް ވިދާޅުވެ، ވީހާ ވެސް ބޮޑަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މައިމޫނާ އިލްތިމާސް ކުރެއްވި އެވެ.

