މިވަގުތު މަސައްކަތް ކުރަމުން ދަނީ، އަތޮޅު ތެރޭގެ ބައެއް ރަށް ރަށުގައި ވެސް ކޮރޯނާ ވައިރަހުގެ އަލާމާތްތަކާއި އެކު ބަލި ޖެހިފައި ހުރި މީހުން ތިބެދާނެ ކަމަށް ގަބޫލު ކޮށްގެންކަމަށް ހެލްތް މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އަމީން ވިދާޅުވީ ސަވޭލެންސްގެ ދަށުން، މާލެއެކޭ އެއްގޮތަށް ރާއްޖޭގެ ރަށްތަކުގައި ވެސް މުޖްތަމައުގެ އެކި ގްރޫޕުތަކުގެ މެދުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ކަމަށެވެ. މާލެއަކީ ބިދޭސީން ގިނަތަކަކަށް ވާއިރު، އަމީން ވިދާޅުވީ ބިދޭސީން ތިބި ތަންތަން ޓެސްޓުކުރިއިރު މިހާރު ވެސް ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ކަމަށެވެ.
އަތޮޅުގެ ރަށްތަކުގައި ވެސް ބަލި ނެތް ރަށްތައްކަން މިހާރު ކަށަވަރު ނުވާކަމަށް އަމީން ވިދާޅުވިއެވެ.
”އެހެން ނަމަވެސް މިހާރު ވެސް އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް މި ބަލީގެ މީހުން ތިބެދާނެ ކަމަށް ގަބޫލު ކޮށްގެން އަޅުގަނޑުމެން މަސައްކަތް ކުރަނީ،“ އަމީން
އަމީން ވިދާޅުވީ ބަލި ނުހުންނާނެކަމަށް ބެލެވުނު ބައެއް ތަންތަނުން ވެސް ބަލީގެ އަސަރު ފެނިފައިވާ ކަމަށެވެ. ބަލި ހުރި މީހުން ދެނެގަތުމުގެ ގޮތުން ރެންޑަމްކޮށް ވެސް ބައެއް ތަންތަން ޗެކްކުރި ކަމަށާއި ކުރިޔަށް އޮތްތަނުގައި ވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.
ބަލި ރަންކާތެރިވުމަށް ފިޔަވަޅުތަކެއް އަޅަމުންދާއިރު، މިކަމުގައި އާއްމުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ނެރެފައިވާ ގަވައިދުތަކާއި އުސޫލުތަކަށް އަމަލު ކުރުމަށް އަމީން ވިދާޅުވިއެވެ.
މާލެއިން ބަލި ޖެހިފައި ހުރި މީހުން ފެންނަވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު އެކަމަށް އިށާރާތް ކުރައްވާ އަމީން ވިދާޅުވީ މިހާލަތުގައި އެ މީހަކު ގޭގައި ވެސް ކަރަންޓީނު ކުރަންޖެހިދާނެ ކަމަށެވެ. އަދި އަތޮޅު ތެރެއިން ބައްޔަށް ޕޮޒިޓިވް ވާ އެންމެން ވަކި ރަށެއްގައި ވެސް ބަހައްޓަން ޖެހިދާނެ ކަމަށެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ، މީހަކު މި ދުވަސްވަރު މާލެއިން ފުރައިގެން ރަށަކަށް ދާންޖެހޭނީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ. މާލޭގެ ހާލަތު މިވަގުތު އޮތް ގޮތުން، އެ މީހާ ކިތަންމެ ކުޑަ ވަގުތިކޮޅަކަށް ނަމަވެސް ބައްދަލުވާ މީހާއަކީ ބަލި ނެތް މީހަކަން ކަށަވަރު ނުވާ ކަމަށެވެ.
ސާމްޕަލްތައް ނެގުމުގައި ލަސްތަކެއް އުޅޭތީ އެކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން އަމީން ވިދާޅުވީ، ކަރަންޓީން ފެސިލިޓީތަކުން ވެސް މީހުން ދޫކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ. އެގޮތުން 14 ދުވަސް ފުރިހަމަ ކުރި މީހުންގެ ސާމްޕަލްތަކާއި މާލޭގެ ހައިރިސްކު ކޮންޓެކްޓުންގެ ސާމްޕަލްތައް އެއްފަހަރާ ޓެސްޓު ކުރަން ޖެހުނު ކަމަށެވެ.

