ރާއްޖޭގައި ހީކުރި އަދަދަށްވުރެ ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ކޮންޓެކްޓްސްތައް ގިނަ ކަމަށާއި، މިގޮތަށް ކޭސްތައް އިތުރުވަމުންދާ ނަމަ އެ ފެސިލިޓީއަކަށް ނުގެންދެވި އެ މީހަކު ކަރަންޓީން ކުރަންޖެހޭނީ ގޭގައި ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ ޕޮޒިޓިވް ވާ ކޭސްތައް އިތުރުވާން ފެށުމާއި އެކު ދެން ޖެހޭނީ ހޯމް ކަރަންޓީން ކުރަން ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ އުސޫލަކީ އެއީ ކަމުގައި ޑރ. ލަތީފް ފާހަގަކުރެއްވިއެވެ. ކޮރޯނާ ވައިރަސްއަކީ ނުރައްކާތެރި ބައްޔަކަށްވެފައި އަވަހަށް ފެތުރޭ ބައްޔެއްކަން ފާހަގަކުރައްވާ ޑރ. ލަތީފް ވިދާޅުވީ އެންމެ ފުރަތަމަ ކޭސްއާއި އެކު ވެސް ދައްކަމުން އައި ކޮމިއުނިޓީ ސްޕްރެޑްގެ ވާހަކަ ކަމަށެވެ.
ރާއްޖޭގައި މި ބަލި ފެތުރުން ލަސް ވެގެންދިޔައީ އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ. އެހެން ނަމަވެސް، ރާއްޖެއިން ޕޮޒިޓިވް ކޭސްއެއް ފެންނައިރު ވެސް އެހާ ގިނަ ކޮންޓެކްޓްސް ހުރެދާނެކަމަށް ހީ ކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެސްޓިމޭޝަންތަކަށް ބަލާއިރު، ކޮންޓެކްޓުން މަދުވާނެކަމަށް އުންމީދު ކުރިކަމަށް ވެސް ޑރ. ލަތީފް ވިދާޅުވިއެވެ. ނަމަވެސް، މިވަގުތުގެ ހާލަތު އޮތް ގޮތުން ކޮންޓެކްޓުން އިތުރުވާނަމަ ދެން ދާންޖެހޭނީ ހޯމް ކަރަންޓީނަށް ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ.
ޑރ. ލަތީފް ވިދާޅުވީ ކޮންޓެކްޓްސްތަކަށް ބަދަލުތައް އައިސް އިތުރުވާނަމަ ހޯމް ކަރަންޓީންއަށް ދާން ޖެހިދާނެކަމުގެ ވާހަކަ މީގެ ކުރިން ވެސް ދައްކާފައިވާނެ ކަމަށެވެ. ހޯމް ކަރަންޓީން ކުރާއިރު ބަލާނެ ބައެއްކަންތައް ފާހަގަކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ ގޭގައި އެކަހެރިވެގެން ހުރެވޭ މީހެއް ނަމަ އޭނާއަށް އަންގާނީ ގޭގައި އައިސޮލޭޓުވުމަށް ކަމަށެވެ. އަދި ކަރަންޓީން ފެސިލިޓީތަކަށް ގެންދާނީ ގޭގައި އެކަހެރިވެގެން ހުރެވޭނެ ގޮތެއް ނެތް މީހުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ހާލަތަށް ވެސް ބަދަލު އައިސްދާނެކަން ފާހަގަކުރެއްވިއެވެ.
”މުޅި މުޖުތަމައުގައި ބަލި ފެތުރިގެން، މުޅި މާލޭގައި ބަލި ފެތުރިގެން، އެ ހިސާބަށް ހިނގައްޖިއްޔާ ގައިމު ވެސް ފެސިލިޓީތައް މަދުވެދާނެ. އެހެން ވެއްޖެއްޔާ އެކަހަލަ ހާލަތެއްގައި އަޅުގަނޑުމެން ޖެހޭނީ ހޯމްކަރަންޓީނު ކުރަން، އަދި ގޭގައި ތަން ނެތަސް“ ޑރ. ލަތީފް
ޑރ. ލަތީފް ވިދާޅުވީ އެއްވެސް މީހެއްގެ ފަރާތުން އަލާމާތެއް ފެންނަނަމަ އެ މީހަކު މާސްކު އަޅާ އެކަހެރިވެ ހުރުން ވަރަށް މުހިންމު ކަމަށެވެ.
ކޮންޓެކްޓުން އިތުރުވާނަމަ، އެ ހުރިހާ އެންމެން އެކޮމޮޑޭޓް ކުރެވޭ ވަރަށް ފެސިލިޓީތައް ނެތް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އެހެން ގައުމުތަކުގައި ވެސް ޕޮޒިޓިވް ކޭސްތައް ވަކި އަދަދަކަށްވުރެ މަތިވުމުން އަމަލު ކުރާ އުސޫލަކީ އެއީ ކަމަށް ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ލޮކްޑައުންކޮށްފައިވާއިރު އާއްމުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި މި ބަލީގެ ސަބަބުން ދިރިއުޅުމަށް އައި ބަދަލުތަކަށް އާދަވާން ޖެހޭ ކަމަށް ވަނީ ބުނެފައެވެ.
ޑރ. ލަތީފް ވަނީ ކުރިޔަށް އޮތްތަނުގައި ވެސް އެއްވުންތައް ބޭއްވުމާއި، މީހުންނާއި ބައްދަލު ކުރުން މަދުކުރަން ޖެހޭ ކަމަށެވެ. އަދި ކޮންމެހެން ބައްދަލު ކުރަންޖެހޭ މީހުންނާއި ނޫނީ ބައްދަލު ނުކުރުމަށް ވެސް އެދިވަޑައިގަތެވެ. ޑރ. ލަތީފް ވިދާޅުވީ ކޮންމެ މީހަކުވެސް، ކިރިޔާ ވެސް ރޯގާގެ އަލާމާތެއް ފާހަގަ ކުރެއްވިއްޖެ ނަމަ އެކަން ރިޕޯޓުކުރުމަށް އެދޭ ކަމަށެވެ.

