ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް މާލެއިން އިތުރު 36 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 177 އަށް އަރައިފިއެވެ.
ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވިޓެއްގައި ބުނެފައިވާ ގޮތުގައި ކޮރޯނާ ވައިރަހަށް އެންމެ ފަހުން ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން ހަ މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 29 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ އެކަކު ކަމަށް އެޗްޕީއޭގެ ޓުވިޓުގައި ބުނެފައިވެއެވެ.
https://twitter.com/HPA_MV/status/1254195999284830208
އެޗްޕީއޭގެ ޓުވިޓުގައި ބުނެފައިވާ ގޮތުގައި ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން30 މީހުންނަކީ ތިން ގޭބިސީއަކަށް ނިސްބަތްވާ މީހުންނެވެ. އަދި ޕޮޒިޓިވްވި36 މީހުން އައިސޮލޭޝަން ފެސިލިޓީޒްއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭގެ ޓުވިޓުގައި ވަނީ ބުނެފައެވެ.
ކޮރޯނާ ވައިރަސް މާލޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާއިރު ބަލިޖެހުނު 177 މީހުންގެ ތެރެއިން ބަޔަށް ފަރުވާދެވި ބަލިން ރަނގަޅުވެފައި ވަނީ 17 މީހުންނެވެ.
މާލެއިން އެންމެ ފުރަތަމަ ކޮރޯނާ ވައިރަހަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެދުވަހު މާލެ 24 ގަޑިއިރަށް ލޮކްޑައުން ކުރުމަށް ފަހު ފަހުން ވަނީ ލޮކްޑައުންގެ މުއްދަތު މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައެވެ.

