ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގައި މިއަދު 25،000ރ އަށްވުރެ މަތިން މުސާރަ ލިބޭ އެއްވެސް މީހަކު ހުރެގެން ނުވާނެ: އިދިކޮޅު ޕީޖީ ލީޑަރު

އޭދަފުށީ ދާއިރާގެ މެމްބަރު ރެޑްވޭވް އަހުމަދު ސަލީމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހުގެ ސަބަބުން ދިވެހިރާއްޖެއަށް އާންމުދަނީ ލިބޭ ހުރިހައި ދޮރެއް ބަންދުވެފައިވާއިރު މިފަދަ ހާލަތެއްގައި ދައުލަތުގައި 25،000ރ އަށް ވުރެ މަތިން މުސާރަ ލިބޭ އެއްވެސް މީހަކު ހުރެގެން ނުވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ އަދި މަޖިލީޙުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. 

ކޮވިޑް-19 ގެ ސަބަބުން ރައްޖޭގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ދިމާވެފައިވާ ހީނަރު ކަމުގެ ހާލަތުގައި ދައުލަތް ހިންގުމަށްޓަކައި މިހާރުން މިހާރަށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާތީ އެ ފައިސާ އޯވާޑްރޯ ކޮށްދެވޭނެ ގޮތެއް ހެދުމަށް ފިނޭންސް މިނިސްޓަ އިބްރާހިމް އަމީރު ވަނީ ރައްޔިތުންގެ މަޖިލީޙުގައި އެދިވަޑައިގެންފައެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެ ހުށަހެޅުމާއި ބެހޭ ގޮތުން އާދީއްތަ ދުވަހު ބޭއްވި މަޖިލީޙުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖެއަށް އާންމުދަނީ ލިބޭ ހުރިހައި ދޮރެއް ބަންދުވެފައިވާއިރު މި ހާލަތުގައި ސަރުކާރުން އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭ ކަމަކީ މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓް އަލުން ރިވައިސްކޮށް 20 ބިލިޔަނަށްވުރެ މައްޗަށް ނުދާނެ ގޮތަކަށް އަލުން މަޖިލީހަށް ބަޖެޓެއް ހުށަހެޅުން ކަމަށް ސަލީމް ވިދާޅުވިއެވެ. 

ސަލީމް ވިދާޅުވީ މިހާރު ރާއްޖޭގެ ހާލަތު އޮތްގޮތަށް ބަލާއިރު މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ ގިނަ ވިޔަފާރިތައް އިނދަޖެހިގެންދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެން ކަމުން މިއަހަރު ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫޢުތަކާއި، އަދި ރައީސުލްޖުމްހޫރީއްޔާއިން ފެށިގެން ދައުލަތުގެ ހުރިހައި މުވައްޒަފުންގެ މުސާރަ 25،000ރ އަށްވުރެ މަތި ނުވާނެ މިންވަރަށް ކުޑަކުރުމަށް ސަލީމް ވަނީ ގޮވާލައްވާފައެވެ. 

އެގޮތުން ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުންގެ މުސާރަ 20،000ރ އަށްވުރެ މަތިނުވާނެ ގޮތަކަށް ކުޑަކޮށް ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލައި އަދި ރައީސުލްޖުމްހޫރީއްޔާއާއި އެމަނިކުފާންގެ ނައިބުގެ މުސާރަ 25،000ރ އަށް ވުނެ ބޮޑުނާނެ ވަރަށް ކުޑަކުރުމަށް ސަލީމް ވަނީ ގޮވާލައްވާފައެވެ. 

”މިއަދު ސަރުކާރުން ފަށާފައިހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ އެންމެ އެދެވޭ ކަމެއް ނޫން. އެކަން ކޮށްގެން ނުވާނެ . އެވަރަކަށް ދައުލަތަކަށް ފައިސާއެއް ނުހޯދޭނެ. ނުވެސްލިބޭނެ. އަދި މި އަންނަ އަހަރުގެ ހާލަތަކީ ކޮބައިކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ ބުނާކަށެއް. ދިވެހި ގިނަ ވިޔަފާރިވެރިންގެ ވިޔަފާރިތައް މިއަހަރުގެ ނިޔަލަށް ފުނޑިގެންދާނެ. މިހާރު މި ކަންތައް ހިނގަލުންދާ ގޮތަށް ކަންތައް ހިނގަމުންދާނަމަ އަޅުގަޑުމެންގެ ކުދި އަދި މެދު ފެންތީގެ ވިޔަފާރިތައް ފުނޑިގެންދާނެ. މިހާރު ސަރުކާރުން ބަލަންވީ ހަރަދު ކުޑަކުރުމަށް. އަޅުގަނޑު އެންމެ ފުރަތަމަ ވެސް ހުށަހަޅަން މިހާރުން މިހާރަށް ދައުލަތުގެ ބަޖެޓް އަލުން ރިވައިސްކޮށް 20 ބިލިޔަނަށްވުރެ މަތި ނުވާނެ ގޮތަށް ބަޖެޓް ހުށަހަޅަން. “ ސަލީމް ވިދާޅުވިއެވެ.

ސަލީމްވިދާޅުވީ މިހާރު ރާއްޖެއަށް ދިމާވެފައިވާ މިހާލަތުގައި ރާއްޖެއަށް އާންމުދަނީ ލިބޭނެ ކަމަށް ސަރުކާރުން ބުނާ ވަރަށް އާންމުދަނީ ނުލިބޭނެ ކަމަށާއި ސަބަބަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވިޔަފާރިތައް ހުއްޓިފައިވުން ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެން ކަމުން މިއަހަރު ސަރުކާރުން އެއްވެސް ސިފައެއްގައި އެއްވެސް މަޝްރޫޢުއެއް ހިންގުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ. 

ސަލީމް ވިދާޅުވީ ސަރުކާރުން ކުރަންވީ ކަމަކީ ހަރަދު ކުޑަކުރުން ކަމަށާއި ދަރަންޏަށް ފައިސާ ނަގައިގެން ގާތް ޜައްޓެހިން ހިންގާ މަޝްރޫޢުތައް ހިންގަން ފައިސާ ދީގެން ނުވާނެ ކަމަށެވެ. އެހެން ކަމުން ފައިސާ ޗާޕް ކުރެވޭނެ ގޮތަކަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ސަލީމް ވިދާޅުވޮއެވެ. 

ސަލީމް ވިދާޅުވީ މިހާރު ސަރުކާރުގެ ވާހަކަ ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން މިއަހަރު ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫޢުތައް ހިންގާނެ ކަމަށް ސަރުކާރުން ކުރިން ބުނި ކަމަށާއި ނަމަވެސް މިހާރު ބުނަމުންދަނީ ހިންގޭނީ ހަމައެކަނި ފަށާފައިވާ މަޝްރޫޢުތައް ކަމަށާއި ހަގީގަތަކީ މިއަހަރު އެއްވެސް މަޝްރޫޢުތަކެއް ނުހިންގޭނެކަން ކަމަށް ސަލީމް ވިދާޅުވިއެވެ. 

އެހެން ކަމުން މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލި މަޑުކަމުގައި ސިވިލް ސާވިސްގައި މަސައްަތްކުރާ މުވައްޒަފުން ފިޔަވައި ހުރިހައި އެންމެންގެ މުސާރަ ކުޑަކުރުމަށް ސަލީމް ވަނީ ގޮވާލައްވާފައެވެ. އަދި މީގެކުރިން ރާއްޖޭގައި ފިނޭންސް މިނިސްޓަރުކަން ކުރި ހުރިހައި ފަރާތްތައް އެއްވެ މަޝްވަރާކޮށް ސަރުކާރުން ފައިސާ ނެގުން ނޫން ގޮތެއް އޮތްތޯ ބަލަން ޖެހޭ ކަމަށާއި އަދި ހަރަދު ކުޑަކޮށްގެން ކަންކަން ކުރަން ސަރުކާރަށް ނޭނގޭނަމަ މިހާރު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް އަމީރު މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ސަލީމް ވަނީ ގޮވާލައްވާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: