ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްތަނެއްގައި ގިނަ ބިދޭސީންތަކެއް: 800 އަށްވުރެ ގިނަ ބިދޭސީން އުޅޭ 18 ތަނެއް ފުލުހުންގެ މޮނީޓަރިންއަށް! 

އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން ނޫސްވެރިންގެ ބައްދަލުވުމުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ބަލި ފެތުރުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، މަލޭގައި ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ބިދޭސިން ދިރިއުޅޭ ތަންތަން ބަލައި މޮނީޓާރ އެތަންތަނުގެ ޙާލަތު ދެނެގަނެ އެތަންތަނުން ވަދެ ނިކުމެ އުޅުން ކޮންޓްރޯލްކޮށްފައިވާ ކަމަށް އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަވީން ވިދާޅުވީ އެއް ތަނެއްގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން އަންނައިރު އެއީ ބަލި ފެތުރުމަށް ހުޅުވިގެންދާ ދޮރަކަށް ވެދާނެއެވެ. އެހެން ކަމުން އެ ފުރުސަތު ކުޑަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން ފުލުހުން ވެސް ހެލްތް ޕްރޮޓެޝަން އޭޖެންސީ (އެޗްޕީއޭ) އާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ނަވީން ވިދާޅުވިއެވެ.

ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ހިއްސާ ކުރައްވަމުން ނަވީން ވިދާޅުވީ ފުލުހުން މިހާރުވެސް 18 ތަނެއް މޮނީޓާކޮށް ބަލަހައްޓަމުން ދާ ކަމަށެވެ. މި 18 ތަނުގައި ޖުމްލަ 837 މީހަކު ދިރިއުޅެމުން އަންނަކަން ނަވީން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ތަންތަނަށް ވަދެ ނިކުމެ އުޅުންވެސް ކޮންޓްރޯލަށް ގެނެސްފައިވާ ކަމަށެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ގިނައިރު، ނަވީން ވަނީ ބަލަހައްޓަމުންދާ ތަންތަނުގައި ގިނައީ އަންޑޮކިއުމެންޓެޑް މީހުންކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އެކަންތަކަށް އެޓެންޑުވުމަށްވުރެ ބަލި ފެތުރުން ހުއްޓުވުން މުހިންމުކަމަށް ނަވީން ވިދާޅުވިއެވެ.

ބައެއްތަންތަނުން ރެންޑަމް ސާމްޕަލްތައް ނެގި، ބައްޔަށް ދަނީ ޓެސްޓު ކުރަމުންނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ޕޮޒިޓިވްވީއިރު އޭގެ ތެރޭގައި ބިދޭސީންވެސް ގިނައެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 177 އަށް އަރާފައިވާއިރު އޭގެ ތެރޭގައި 75 ބިދޭސީއެއް ހިމެނެއެވެ.  

ތޮއްޖެހިގެން އުޅޭ ބިދޭސީން އެކި ތަންތަނަށް ބަދަލުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން

މާލޭގައި ކުޑަ ކޮޓަރިތަކުގައި އެތައް ބިދޭސީންނެއް ދިރިއުޅެއެވެ. އަދި އެތަންނުގައި އެކަށީގެންވާ ސާފުތާހިރުކަމެއް ނުހުންނައިރު، އެއީ އިންސާނުން ދިރިއުޅެންވެސް ހެޔޮވާވަރުގެ ތަންތަނެއް ނޫނެވެ. މީގެ ސަބަބުން ބަލި ނުރައްކާވާ މިންވަރަކަށް ބިދޭސީންގެ މެދުގައި ފެތުރިދާނެކަމަށް ބެލެވެއެވެ. އަދި އެކަމާއި ގުޅިގެން ބައެއް ބިދޭސީން ވަނީ ރަނގަޅު ތަންތަނަށް ވަގުތީގޮތުން ބަދަލުކުރެވިފައެވެ.

ރޭ ފަތިހު އެކަނިވެސް، މާލެއިން 29 ބިދޭސީއަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މި މަހުގެ ކުރީކޮޅު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެއް ކޮޓަރީގައި 50 ބިދޭސީން އުޅޭ ތަންތަން ވެސް މާލޭގައި އެބަހުރި ކަމަށެވެ. އެގޮތުން ދިރިއުޅުން އެހެން ތަންތަނަށް ބަދަލުކުރަންޖެހޭ 200 ވަރަކަށް ތަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: