ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ފައިސާ ނެގުމަށް ސަރުކާރުން އެދުނު ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހުގައި އެދުނީ، އެއް އަހަރު ދުވަހުގެ ތެރޭގައި އެމްއެމްއޭ އިން 4.2 ބިލިއަން ރުފިޔާ ދަރަންޏަށް ނެގުމަށްޓަކައި ގާނޫނީ ގޮތުން ބޭނުންވާ ހުއްދަ ހޯދުމަށެވެ. އެގޮތުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އެއް އަހަރު ދުވަހަށް ސަސްޕެންޑް ކޮށްދިނުމަށް ސަރުކާރުން އެދިފައިވެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ ހުށަހެޅުއްވުން ފާސްކުރީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި ވެވަޑައިގެންނެވި 69 މެމްބަރުންގެ ތެރެއިން 60 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުއްވާފައިވާ ސިޓީގައި އެދިވަޑައިގަތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ބ) އަދި (ރ) އަށް އަމަލު ކުރުން އެއް އަރަހަށް ފަސް ކުރުމަށް މަޖިލީހުން ފާސް ކުރުމަށެވެ. އެގޮތަށް ފަސްކޮށް ދިނުމަށް އެދޭ ސަބަބެއް ކަމަށް ސިޓީގައި ބުނެފަނީ މިވަގުތަކީ އެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބުނާ ގުދުރަތީ ކާރިސާއެއް މެދުވެރިވެފައިވާ ހާލަތަކަށް ވާތީ އެވެ.
މިނިސްޓަރު އެދިވަޑައިގެން 32 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ރ ގައި ވަނީ ޖެނުއަރީ 1، 2016 އިން ފެށިގެން ސަރުކާރަށް ދަރަނީގެ ގޮތުގައި ފައިސާ ނަގަން ވާނީ ތަރައްގީގެ މަޝްރޫއުތަކަށާއި އިގުތިސާދީ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. ދަރަނި އަދާކުރުމަށް ދަރަނި ނެގުން އެ މާއްދާއިން މަނާކޮށްްފައި ވެ އެވެ.
ބައްތިރީސް ވަނަ މާއްދާގެ މާއްދާގެ ބ. ގައި ވަނީ ރ. ގައިވާ އުސޫލުގެ އިސްތިސްނާ ހާލަތެވެ. އެއީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރަން އެމްއެމްއޭއިން ފައިސާ ނަގަން ދީފައިވާ ހުއްދަ އެވެ. އެ މާއްދާގައިވާ ގޮތުން އެގޮތަށް ނަގާ ފައިސާ 14 ދުވަހުގެ ތެރޭގައި އެމްއެމްއޭ އަށް އަނބުރާ ދައްކަން ޖެހޭނެ އެވެ.

