ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން ފަސްކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔޮތުންގެ މަޖިލީހަށް ހާއްސަ ބިލް މަޖިލީހަށް ބަލައިގަނެ ބިލް ދިރާސާ ކުރުމަސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލު ތަޅުމަށް ބަލައިގަނެ ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވަން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށްޓަކައި މަޖިލީހަށް ފޮނުވާފައިވާ ބިލްގައި ބުނެފައިވާ ގޮތުގައި އެ ބިލަކީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެއް ކަމުގައިވާ ކޮވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކޮށްފައިވާތީއާއި، އެގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުނަނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީ، ދިވެހިރާއްޖޭގައި ބޭއްވުމަށް އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާޢަހުލެއް ޤާއިމުކުރެވެންދެން ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެނޫންވެސް ޚާއްޞަ އުސޫލުތަކެއް އެކަށައެޅުމުގެ ޤާނޫނެވެ.
ބިލްގައި ބުނެފައިވާ ގޮތުގައި އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، ފަސްކުރެވިގެންދާނެއެވެ. އަދި ފަސްކުރެވޭ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު 2020، ލަސްވެގެން، 6 ޖަނަވަރީ 2021 ގެ ނިޔަލަށް ބާއްވައި ނިންމަންވާނެ ކަމަށް ބިލްގައި ވަނީ ބުނެފައެވެ.
ބިލްގައި ބުނެފައިވާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިޚާބުގައި ވާދަކުރާނީ، އެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމަށް، 6 މާރިޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ޢާންމުކޮށްފައިވާ ކެންޑިޑޭޓުންނެވެ.
މީގެއިތުރުން ބިލްގައި ބުނެފައިވާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު އާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ ދަށުން އިލްކެޝަންސް ކޮމިޝަނުން ކުރިއަށްގެންގޮސްފައިވާ އެންމެހައި އިޖުރާއަތުތައް އެއީ، އިންތިޚާބުގެ ބޭނުމަށްޓަކައި ޞައްޙަ އިޖުރާއަތުތަކެއް ކަމުގައި ބެލޭނެއެވެ. އަދި އެއިން އެއްވެސް އިޖުރާއަތަކީ، އެ އިންތިޚާބު ފަސްކުރެވުމުގެ ސަބަބުން އަލުން ފުރިހަމަކުރަންޖެހޭނެ އިޖުރާއަތުތަކެއް ނޫން ކަމަށް ވެސް ބިކްގައި ވަނީ ބުނެފައެވެ.
ބިލްގައި އިތުރަށް ބުނެފައިވާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމުގައި 6 މާރިޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސަރވިސްގެ މުވައްޒަފުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 13 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސްގެ ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާޠިލުވާނެއެވެ.

