ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ އެތެރެވުމުގެ ހުއްދަ ދިނުމުގައި، މީހެއްގެ ނަމަކަށް އަދި ހައިސިއްޔަތަކަށް ނުބަލަން: ނަވީން

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދު ލޮކްޑައުންކުރި ދުވަހުން ފެށިގެން މިހާތަނަށް މާލެ އައުމުގެ ހުއްދަ ދިން މީހެއްގެ ތެރޭގައި ނުފޫޒެއްގެ ސަބަބުން މާލެ އާދެވުނު މީހެއް ނުހުންނާނެ ކަމަށާއި، ހުއްދައެއް ދޭއިރު މީހެއްގެ ހައިސިއްޔަތަކަށް ވެސް ބަލާފައި ނޯންނާނެ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.

މާލެ ލޮކްޑައުންކޮށްފައި އޮއްވާ ރިޔާޒަށް މާލެ އެރުމުގެ ހުއްދަ ދިނުމުން ބައެއް އާންމުންނާއި މަޖިލިސް މެމްބަރުން ވެސް ވަނީ ސުވާލު އުފައްދާފައެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަވީން ވިދާޅުވީ މާލެ ލޮކްޑައުން ކުރުމަށްފަހު، މާލެ އައުމުގެ ހުއްދަ ވަކި ވަކި މީހުންނަށް ދީފައިވަނީ ވަކި ކަންތަކަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި މިހާތަނަށް 108 މީހަކަށް އެ ހުއްދަ ދެވިފައިވާކަމަށް ވިދާޅުވިއެވެ.

އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެ ދުވަހުން ފެށިގެން މާލެ ލޮކްޑައުންކޮށް މަލެ އައުމާއި ފުރުން މަޑުޖައްސާލިއެވެ. އަދި އޭގެ ސަބަބުން ބޭސްފަރުވާގެ ކަންކަމަށް މަލެ އައި މީހުން ތާށިވިއެވެ. އަދި ޒަރޫރީ ބޭނުންތަކަށް މާލެއިން ބޭރުވި ބައެއް އާއިލާތައް ތިބީ މާލެ އާދެވޭނެ ގޮތެއް ނެތިފައެވެ. ގިނަ އާއިލާތަކުން ދަނީ، ގޭގައި އައިސޮލޭޓުވާ ގޮތަށް ނަމަވެސް ހުއްދަ ދޭން އެދިފައެވެ. ސަބަބަކީ، ގެސްޓް ހައުސްތަކަށް ބޮޑެތި ހަރަދުތައް ހިނގަމުން ދާތީ އެވެ. ބައެއް ފަރާތްތަކުން ވަނީ، ތަކުރާރުކޮށް ހުއްދައަށް އެދުމުން ވެސް އެ ހުއްދަ ދީފައި ނުވާކަމަށް ބުނެފައެވެ.

https://twitter.com/riyazabdulla/status/1254310204344156160

މައްސަލަ ބޮޑުވެގެން ދިޔައީ، އާދީއްތަ ދުވަހުގެ ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްއަށް މާލެ އާދެވެމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ތިމަރަފުށީގައި ހުރުމަށްފަހު މާލެ އައިސްފައިވާކަން ރިޔާޒް ހާމަކުރީ ޓްވީޓެއް މެދުވެރިކޮށެވެ. އަދި އޭނާއަށް ވަރަށް ގިނަ މީހުން ވަނީ އެކަމާއި ގުޅިގެން ފާޑުކިޔާފައެވެ. އޭގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ މެމްބަރުން ހިމެނެއެވެ. އަދި މީޑިއާތަކުން ވެސް ވަނީ އެކަމަށް ސުވާލު އުފައްދާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަވީން ވިދާޅުވީ މާލެއަށް އެރުމުގެ ހުއްދަ ދެނީ އެ މީހަކީ ކަރަންޓީން ކޮށްފައިވާ ނުވަތަ މޮނީޓަރިންގެ ހާލަތުގައި އޮތް ރަށަކުން އަންނަ މީހެއް ނޫން ކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ. އަދި އޭނާ މާލެ އައުމަށްފަހު ހުންނަ ގެ ވެސް ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.

”ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި އަދި ބައެއް ރަށްރަށުން ވެސް އައިސްފައި ހުންނާނެ. ސަބަބަކީ އެ ރަށްރަށަކީ ކަރަންޓީން ފުރިހަމަވެގެން ނުވަތަ ކަރަންޓީނެއް ނެތް ނުވަތަ އައިސޮލޭޝަންގައި ނެތް ރަށްރަށް.“ ނަވީން

މަލެ އަންނަ މީހަކު އައިސް ދިރިއުޅޭ ގެއަކީ އެއީ މޮނީޓަރިން ނުވަތަ ކަރަންޓީންކޮށްފައިވާ ގެއެއް ނޫންކަން ޔަގީން ކުރާކަމަށް ނަވީން ވިދާޅުވިއެވެ. އަދި އެ މީހަކަށް ހުއްދަދޭއިރު އެއީ ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި ހިމެނޭ މީހެއްތޯ ފުލުހުން ބަލާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ހާއްސަ އުސޫލުތަކެއްގެ ދަށުން ކުރެވޭ ކަމެއްކަމުގައި ވިދާޅުވެ ނަވީން ވަނީ، ހުއްދަ ދިނުން ޕްރޮސެސް ކުރުމުގައި ވަގުތުތަކެއް ނަގާފާނެކަމަށް ވިދާޅުވެފައެވެ. އަދި ދުވާލަކު އެތައް މެއިލްއެއް ލިބޭއިރު، ކޮންމެ މެއިލްއެއް ބަލާ ޗެކްކުރުމަށް ވަގުތުތަކެއް ނަގާކަން ނަވީން ފާހަގަކުރެއްވިއެވެ.

ރިޔާޒްއަށް މާލެ އާދެވުނީ ނުފޫޒެއްގެ ސަބަބުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި އެ ސުވާލު، ނޫސްވެރިން ވަނީ ނަވީން އާއި ޕްރެސްއަށް ފަހު ވެސް ކުރިމަތި ކުރުވާފައެވެ. ނަމަވެސް ނަވީން ވިދާޅުވީ މާލެ އެރުމުގެ ހުއްދަތަށް ދޫކުރަނީ ވަކި ހާއްސަ ޓީމަކުން ކަމަށެވެ. އަދި ހުއްދަދޭއިރު އޭނާގެ ހައިސިއްޔަތާއި، އޭނާއަކީ ނުފޫޒެއް އޮތް މީހެއްތޯ ނުވަތަ ނޫންތޯއެއް ނުބަލާ ކަމަށެވެ. ނަވީން ވިދާޅުވީ ރިޔާޒަށް ހުއްދަ ދިނުމުގައި އުސޫލުން ބެރުން އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.

https://twitter.com/nihad_m/status/1254311047835475970

ލޮކްޑައުންއާއި އެކު މާލެއަށް އަރާ ފޭބުން މަނާކޮށް، ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވަނީ އެންގުމެއް އާއްމު ކުރައްވާފައެވެ. އަދި އެ އެންގުމުގައި ވާ ގޮތުން ފިޔަވަޅުތައް ތަންފީޒުކޮށް ރައްކާތެރިކަމަށް ފިޔަވަޅު އެޅުމުގެ ޒިންމާ މަތިކޮށްފައި ވަނީ ފުލުހުންނާއި އެވެ.

ވަކި ބަޔަކަށް ވަކި ގޮތަކަށް، ކަންކަން ހަމަޖެހެންވީ ކީއްވެގެންތޯ ”ސަންގު“ އިން ސުވާލު ކުރުމުން ނަވީން ވިދާޅުވީ އެއްވެސް މީހަކަށް ނުފޫޒުން ކަމެއްކޮށްދީފައި ނުވާނެ ކަމަށެވެ. އަދި ގިނަ ބަޔަކު މާލެ އެތެރެވުމަށް އެދެމުންދާއިރު ފުލުހުން ބަލާ ކަންތަކެއް ވެސް ހުންނާނެ ކަމަށް ނަވީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: