ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުތަކަށް ޑޮލަރުގެ މައްސަލަ ހައްލު ނުވި، ފިޔަވަޅު އަޅަން ކެރުނީ ރައީސް މުއިއްޒަށް: ނައިބް ރައީސް

ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުތަކުން ޑޮލަރު މާރުކުރުން ފަދަ މުހިންމު ކަންކަން ތަންފީޒުކުރަން އުޅެ، އެކަން ތަންފީޒު ނުކުރެވުނު ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ރައްޔިތުންގެ ހައްގުގައި އެ ސިޔާސަތު ތަންފީޒުކުރައްވަން ކެރިވަޑައިގެންނެވި ފުރަތަމަ ލީޑަރަކީ ރައީސް ޑރ. މުއިއްޒުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

އެގޮތުން ނައިބް ރައީސްވަނީ ސިޔާސީ ވާދަވެރިން ތަފާތު ވާހަކަތައް ދެއްކެވި ނަމަވެސް، ރައީސް ޑރ. މުޢިއްޒު ކުރިއަށް ވަޑައިގަންނަވަނީ ކެރިވަޑައިގެން، ލިބިވަޑައިގެންފައިވާ ބާރުތަކުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވައިގެން ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒު ގެންދަވަނީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ދައުލަތުގެ ރިޒާވް ހުސްވެ، ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ގޮސްފައި އޮތް އޮތުން ބަދަލުކުރައްވައި، ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް ކަންކަން ހައްލުކުރައްވަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޑޮލަރު މާރުކުރުމުގެ ސިޔާސަތަކީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ތަންފީޒުކުރަން ބޭނުންވި ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ތަންފީޒުކުރުމަށް ތައްޔާރުވުމަށްފަހު ކޮންމެވެސް ސަބަބަކާހުރެ ފަހަތުފަޔަށް ބުރަވެ، އެމްޑީޕީއަށް އެ ސިޔާސަތު ތަންފީޒުކުރަން ނުކެރުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން މަޖުބޫރުވާ ގޮތަށާއި، ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ބޭރު ފައިސާ މުޢާމަލާތްކުރުން ހުއްޓުވުމަށްޓަކައި ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި މުހިންމު އިސްލާހުތަކަކީ ދިވެހި ރައްޔިތުންގެ މަސްލަހަތު ނެގުހެއްޓުމަށްޓަކައި ރައީސް ޑރ. މުއިއްޒު ނިންމެވި، ނިންމެވުމެއްކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

އަދި ޑޮލަރު މާރުކުރުން ލާޒިމުކުރުމަށް ރައީސް ނިންމެވި ނިންމެވުކީ އިގުތިސާދުގައި ޑޮލަރު ދައުރުނުކުރާ މައްސަލަ ހައްލުކުރެއްވުމަށް އެޅުއްވި ދުރަށް ވިސްނަވައިގެން ފަރުމާކުރެއްވި ސިޔާސަތެއް ކަމަށް ނައިބުރައީސް ސިފަކުރެއްވިއެވެ. ނައިބުރައީސް ވިދާޅުވި ގޮތުގައި މި ސިޔާސަތުތަކަކީ ޖުމްލަކޮށް ގިނަ ރައްޔިތުންނަށް އެއިން މަންފާވާނެ ސިޔާސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ދިމާވެގެން އުޅޭ އިޤްތިސާދީ ހާލަތާއި ބޭރު ފައިސާގެ ދަތިކަން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ފައިސާ ޗާޕުކުރުމުން ޑޮލަރުގެ އަގަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން އެއިރުގެ އިދިކޮޅު ފަރާތްތަކުން ދެމުންދިޔަ މަޝްވަރާތަކަށް ރިއާޔަތްކުރުމެއްނެތި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށް ގިނަ އަދަދެއްގެ ދިވެހި ފައިސާ ޗާޕުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބް ރައީސް ވިދާޅުވީ، އަމިއްލަ ގައުމުގައި މަސްލަހަތު ހުރި ވިޔަފާރިތައްވެސް ރައްކާތެރި ކުރެވޭނީ، ގައުމު މިނިވަންކަމާއި ސިޔާދަތާއި ރައްކާތެރި ކަންމަތީގައި ދެމި އޮވެގެން ކަމަށެވެ. އަދި ރައީސް ގެންދަވަނީ އެ މަގުން ކަމަށާއި، އެމަނިކުފާނަކީ ވަތަނީ ލީޑަރެއް ކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ގެސްޓްހައުސްތައް ފަދަ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ކޮންމެ މަހަކު ލިބޭ ޖުމްލަ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުވާ ގޮތަށް، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ އެފަދަ ބަދަލަކަށް ގިނަ ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށެވެ. މި އިސްލާހާއި އެކު، އޭ ކެޓަގަރީގެ ވިޔަފާރިތަކުން މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ބޭންކުތަކަށް މާރުކުރަން ލާޒިމްވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: