މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މުސީބާތަކީ ކޮރޯނާ ވައިރަސްކަން އެއީ މުޅި ދުނިޔެ ގަބޫލު ކުރާ ހަގީގަތެކެވެ. ސަބަބަކީ ކޮރޯނާ ވައިރަހަކީ މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ބައްޔަކަށްވުމެވެ. އެހެން ކަމުން މިބަލިން ސަލާމަތްވުމަކީ ނުވަތަ ރައްކާތެރިވުމަކީ އެއްވެސް ގައުމަކަށް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. އެކަން މިއަދު މުޅި ދުނިޔެއަށް ނަޒަރު ހިންގާލި ނަމަވެސް ވަރަށް ސާފުކޮށް ދަނީ ފެންނަމުންނެވެ.
އެގޮތުން ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ގައުމުތައް އަދި މިއަދު މުޅި ދުނިޔޭގައި އެންމެ ޑިމާންޑް ބޮޑު ވެންޓިލޭޓަރު ވެސް އުފައްދާ ގައުމުތައް ވެސް ވަނީ ވެންޓިލޭޓަރަށް ޖެހިފައެވެ. ބައެއް ގައުމުތައް ގޮތް ހުސްވެފައިވާހެން ވެސް ފެންނަމުންދާ މަންޒަރުތަކުން ހިވެއެވެ.
އެހެން ކަމުން މި ނުރައްކާތެރި ބަބާއިން މި މުސީބާތުން ސަލާމަތް ވެވެން އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރުމެވެ. ކުރާކަމަކުން އެދެވޭ ނަތީޖާއެއް ލިބުމަށް އެންމެ ފަސޭހަވާނެ ގޮތަކީ މިއީއެވެ. އެއްބައިވަންތަކަން އާލާކުރަންވީ ރަނގަޅު ބިންގަލެއްގެ މަތީގައެވެ. ހަރުދަނާ އުސޫލުތަކެއްގެ މަތީގައެވެ. ޢާއިލާތަކުގެ މެދުގައެވެ. ޖަމާއަތްތަކުގެ މެދުގައެވެ. ނޫނީ ޤައުމުތަކުގެ މެދުގައެވެ.
ކޮރޮޏާ ވައިރަސް ރާއްޖޭގެ ވެރިރަށް މާލޭގައި ހަލުވި ކަމާއިއެކު ފެތޔރެމުން ގޮސް މިއަދު މި ބަލީގެ ނުރައްކާ މިވަނީ މުޅި ރާއްޖެއަސް ބޮޑުވެފައެވެ،. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ބަލި ކޮންޓްރޯލް ނުވެ މުޅި ރާއްޖޭގައި ބަލި ފެތުރެން ފަށައިފިނަމަ ރާއްޖޭގައި 1،000،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ. އެއީ ރާއްޖޭގެ މި ކުޑަކުޑަ އާބާދީއަށް ބަލާއިރު ވަރަށް ބޮޑު އަދެކެވެ. އަދި ބަލިން10،000 އާ ގާރް ކުރާ އަދަދަކަށް ރާއްޖެއިން މީޙުން މަރުވާނެ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.
މި ދެންނެވި ބިރުވެރިކަމުން ސަލާމަތްވުމަށް ވެރިރަށް މާލޭގައި އިއުލާން ކޮށްފައިވާ ކާފިޔު މިވަނީ 14 ދުވަހަށް އަނެއްކާވެސް އިތުރުކޮށްފައެވެ. އަދި މިއއާއިއެކު ހާއްސަ ހުއްދައެއް ލިބިގެން ނޫން ގޮތަކަށް ރަށްރަށުން އަންނަ މީޙުންނަށް ވެރިރަށް މާލެ އެރުމަކީ ވެސް މިަނާ ކަމެކެވެ. އަދި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ ވެސް މަނާ ކަމެކެވެ.
ސަރުކާރުން މިހުރިހައި ފިޔަވަޅުތަކެއް އަޅަމުންދާއިރު މިކަން ކާމިޔާބް ކުރެވޭނެ އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ އެންމެން ގުޅިގެން އެއް ރޫހެއްގައި މަސައްކަތް ކުރުމެވެ. ކޮންމެ މީހެއްގެ ފަޖަތުގައި ފުލުހެއް ބަހައްޓަން ނުޖެހޭ ގޮތަށް ގެއިން ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމެވެ. ތިމާ ކުރަނަމުން ކުރަމުން އައި އެތައް ކަމެއް ނުކޮށް އަދި ކުރިން ބޭނުން ކުރަމުން އައި އެތައް އެއްޗެއް ބޭނުން ކުރުން ހުއްޓާލައި ލިބޭ މިންވަރަށް ޝުކުރުކޮށްގެން އިގްތިސާދު ކޮށްގެން އުޅެންވީއެވެ. ބޭނުންވާ ކަންކަމަށް ހިތްވަރާއިއެކު ކެތްތެރިވާންވީއެވެ. ބޭނުންވާ ކަމެއް ފުދިއްޖެނަމަ އެކަމަށް ޝުކުރު ކޮށްގެން ހުންނަންވީއެވެ. މި ނޫން ގޮތެއް މިއަދު ނެތްކަން ގަބޫލުކޮށްގެން ކޮވިޑާއިއެކު އުޅެން ދަސްކުރާށެވެ.

