މާލޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިގެން މަރުވި އުމުރުން83 އަހަރުގެ އަންހެން މީހާ ވަޅުލައިފިއެވެ. އޭނާ މަރުވީ މިއަދު އިރުއޮއްސި 7:10 ގައެވެ.
ކޮރޯނާ ވައިރަސް ޖެހިގެން ނިޔާވެފައި ވަނީ އައިމިނަތު އާދަމް ކިޔާ އަންހެނެކެވެ. އެ މީހާއަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހެކެވެ. އެމީހާގެ ނަތީޖާ ލިބިފައިވަނީ ނިޔާވި ފަހުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެ އަންހެން މީހާ ހިނެވުމުގެ މަސައްކަތް ކޮށްފައި ވަނީ އެކަމަށް ހާއްސަ ތަމްރީން ދީފައިވާ ސިފައިންގެ އަންހެން އޮފިސަރުންނެވެ.
ނިޔާވި އަންހެން މީހާއާއި ބެހޭ މައުލޫމާތު ދެމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑް-19 ޖެހިގެން ނިޔާވި އަންހެން މީހާގެ ކޭސް ގުޅިފައިވަނީ 126 ވަނަ ކޭސްއާއި ކަމަށާއި އަދި އެއީ އަންހެން މީހާގެ އާއިލާގެ މީހެއް ކަމަށް ވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ނިޔާވި އަންހެން މީހާގެ ސާމްޕަލް ނަގާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ދަންވަރުކަމަށާ، ސާމްޕަލްގެ ނަތީޖާ ލިބުނިިއިރު އޭނާވަނީ މަރުވެފައިވާކަަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ. މިރޭ އިރުއޮއްސުނުއިރު އާމިނަތު އާދަމަށް ނޭވާލާން އުނދަގޫވެގެން އޭނާ ހޮސްޕިަޓަަލަށް ގެންދިއޔައިރުވެސް ވަނީ މަރުވެފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނިޔާވި އަންހެން މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި ކޭސް ކަމަށް މިނިސްޓަރ އަމީން ވިދާޅުވި ކޭސް 126 މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް މިއަދު ނިޔާވި މީހާގެ ސާމްޕަލް ނެގިފައިވަނީ އޭގެ ހަތަރު ދުވަސް ފަހުން ކަމަށްވުމުން އެމީހާގެ އާއިލާ އިން އަންނަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެމީހާ އަކީ ހައި ރިސްކު ކެޓެގަރީގެ މީހެއް ކަމަށް ސަރުކާރުން ވެސް ގަބޫލު ކުރެއެވެ.
ނިޔާވި މީހާއަކީ ހައި ރިސްކު މީހެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހެއް ކަމަށްވާއިރު، ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަލީ ލަތީފް ވަނީ ހައިރިސްކް މީހުންގެ ސާމްޕަލް ނެގުމަށް އިސްކަން ދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ހާލަތު ބަދަލުވަމުން އަންނަ މިންވަރަކުން އެޗްޕީއޭއިން އަމަލު ކުރަމުންދާ އެސްއޯޕީއަށް މީގެކުރިން ވެސް ބަދަލު ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ މިކަމުގައި އިހުމާލެއްއޮތްތޯ ނުވަތަ ނޫންތޯ ބަލާނެ ކަމަށާއި މި ހިތާމައިގައި އާއިލާއެކު ބައިވެރިވާ ކަމަށެވެ.

