ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިބަން ކަނޑައިގެން ރައްޔިތުންނަށް ވީ ފައިދާއެއް ނެތް، ދައްކަނީ ކުލަ ނެތް ހުވަފެން: އިލްޔާސް

އައްޑޫ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރު ވެރިކަމަށް އައީ ވަރަށް މޮޅެތި ވާހަކަތަކާއި ބޮޑެތި ވަޢުދުތަކާ އެކުގައި ކަމަށާއި ނަމަވެސް މިއަދު ފެންނަމުންދަނީ ސަރުކާރުގެ އެއްވެސް ގާބިލުކަމެއް ނެތް ވެރިއެއްކަމަށް ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ވަރަށް މޮޅެތި ވާހަކަތަކާއި ބޮޑެތި ވައުދުތަކާ އެކުގައި ކަމަށާއި ނަމަވެސް މިއަދު ފެންނަމުންދަނީ ސަރުކާރުގެ އެއްވެސް ގާބިލުކަމެއް ނެތި، ގައުމުގެ މާލީ އަދި އިގްތިސާދީ ހާލަތު ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ މަންޒަރުކަމަށެވެ.

އިލްޔާސް ވިދާޅުވީ، ސަރުކާރު ފެށިގެން އައިއިރު މާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މޮނޮރެއިލަކުން ގުޅާލުމާއި، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ހުޅުދޫ – މީދޫ ދެމެދު ބޮޑު ބްރިޖެއްއެޅުމާއި، ދެކުނުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމުގެ އިތުރުން ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް ގާއިމުކުރާނެކަމަށް ބުނެ ފޮނި ވާހަކަތައް ދެއްކި ކަމަށެވެ. އަދި ދައުލަތުން 10 ރިސޯޓު ހަދައި، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު ނުވަތަ ފަސް މީހުންގެ އާއިލާއަކަށް 2،000 ޑޮލަރު ބަހާނެކަމަށް ބުނެ ދެއްކީ ކުލަ ނެތް ހުވަފެންތަކެއްކަމަށާއި، ބައެއް ކަންކަމުގައި ނަންބޯޑު އަޅުވައި ރިބަން ކަނޑާލުން ފިޔަވައި ރައްޔިތުންނަށް ވީ އެއްވެސް ފައިދާއެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑުތަކުގެ ޑޮލަރު ލިމިޓަށް ބަދަލު ގެނައުމުން، ސަރުކާރުން އެކަން ހައްލުކުރުމުގެ ބަދަލުގައި އެއީ ބަޣާވާތެއްކަމަށް ބުނެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ ނުކުމެވަޑައިގެން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރި ކަމަށެވެ. އަދި މަރުކަޒީ ބޭންކް އެމްއެމްއޭގެ ތެރޭގައި ތިބި ގާބިލު މީހުން ވަކިކޮށް، ގަވާއިދުތަކަށް ބަދަލު ގެނެސްގެންނާއި، ކެބިނެޓް ސެކްރެޓަރީ ބީއެމްއެލްގެ ޗެއާމަނަކަށް ލައިގެން ބޭންކުތައް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ނަތީޖާއަކަށްވީ އޭރު ކަޅު ބާޒާރުގައި 17.90 ރުފިޔާގައި ހުރި ޑޮލަރުގެ އަގު 23 ރުފިޔާއަށް އުފުލިގެން ދިޔުން ކަމަށެވެ. އަދި ބޭރުގެ ދަރަނި ދެއްކުމަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާއިރު، ބޭރުގެ އެއްވެސް ގައުމަކުން ނުވަތަ މާލީ އިދާރާއަކުން ދިވެހި ސަރުކާރަށް އިތުބާރު ނުކުރާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ލިބޭ ޑޮލަރުގެ އާމްދަނީ ނަގައިގެން، ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ނަމުގައި ބޭރުގެ ކުންފުނިތަކަށް ކަޓު ނަގަމުން ބަހަމުންދާ ކަމުގެ ތުހުމަތު ކުރައްވައި އިލްޔާސް ވިދާޅުވީ އެ މަޝްރޫއަށް ހިނގާ ހަރަދާއި އޭގެ ތަފްސީލުތައް ރައްޔިތުންނަށް ސާފުކޮށް ހާމަކުރަން ޖެހޭ ކަމަށެވެ.

އިލްޔާސް ވިދާޅުވީ ދެން އަނެއްކާވެސް އުފެދޭނީ އެމްޑީޕީގެ ސަރުކާރެއްކަމަށާއި، 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް މި ހުރިހާ ހިޔާނާތްތަކެއް ބަލައި، ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: