މާލެއިން ކޮވިޑް-19ގެ މީހުން ފެނުމާ އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް އަރައި ފޭބުން މަނާކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ އިތުރުން އިތުރު ދެ މެމްބަރަކަށް ރަށުން މާލެ ވަޑައިގަތުމުން ހުއްދަ ދިން ގިތް ބެލުމަށް ރައްޔިތުންގެ މަޖިލީޙުން ނިބްމައިފިއެވެ.
މާލެއިން ކޮވިޑް-19ގެ މީހުން ފެނުމާ އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް އަރައި ފޭބުން މަނާކޮށްފައި ވަނިކޮށް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ރަށުން މާލެ ވަޑައިގަތުމުން އެކަމުގައި ރައްޔިތުންގެ މެދުގައި ކަންބުޑުވުން އުފެދިފައި ވާތީ އެ މައްސަލަ ބަލައި ދިނުމަށް އެދި މަޖިލީހަށް މައްސަލަ ހުށަހެޅުއްވި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖްއެވެ.
މޫސާ ސިރާޖް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއަށް ހުށަހެޅުއްވި އެ މައްސަލަ ބެލުމަށް ފޮނުވީ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒާއި ސުލޫކް ކޮމެޓީއަށެވެ.
މާލެ ލޮކްޑައުން ކޮށްފައި ވަނިކޮށް އަބްދުﷲ ރިޔާޒްގެ އިތުރުން އިތުރު ދެ މެމްބަރަކު ވެސް މާލެ އައިސްފައިވާކަން އެނގިގެން ދިޔައީ މުސާ ސިރާޖް ހުށަހެޅުއްވި މައްސަލަ ބެލުމަށް ހުކުރު ދުވަހުގެ ރޭ ވެބްކޮންފަރެންސް މެދުވެރިކޮށް ބޭއްވި ކޮމެޓީ ބައްދަލުވުމުގެ ތެރެއިން މެމްބަރުން ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިންނެވެ.
އެގޮތުން އިމްތިޔާޒް ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ މާލެ ލޮކްޑައުން ކޮށްފައި ވަނިކޮށް މާލެ ވަޑައިގަތުމަށް ހުއްދަ ލިބިގެން ދިޔަ މެމްބަރަކީ ހަމަ އެކަނި އަބްދުﷲ ރިޔާޒް ނޫން ކަމަށާއި އޭނާއަށް އެނގިފައިވާ ގޮތުގައި ރިޔާޒްގެ ފަހުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މަޢުނީއާއި އަދި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވެސް މާލެ ވަޑައިގެންނެވި ކަމަށް ހުއްދަ ދީފައިވާ ކަމަށާއި އަދި މުޢުނީއާއި ފިރުޝާން ވަޑައިގެންނެވީ ވެސް އެކުއެކީގައިކަން އެނގިފައިވާ ކަމަށް ސަނީފް ވިދާޅުވިއެވެ.
ސަނީފް ވިދާޅުވީ މާލެ ލޮކްޑައުން ކޮށްފައި ވާތީ އެތައް ރައްޔިތުންނަކަށް މާލެ ނާދެވިގެން އުޅޭއިރު ބަލަންވީ ހަމައެކަނި ރިޔާޒްއަށް މާލެ ވަޑައިގެންނެވުނު ގޮތް ނޫން ކަމަށާއި އޭގެ އިތުރުން ބަލަން ޖެހޭ ކަމަކީ ރަށްރަށުން މާލެ އައުމަށް ހުއްދަ ދޭ ގޮތާއި ބަލާ މިންގަނޑުތަކާއި ގެންގުޅޭ އުސޫލްތައް ކަމަށް ސަނީފް ވިދާޅުވިއެވެ.
ސިަނީފް ވިދާޅުވީ ރިޔާޒް މާލެ ވަޑައިގަތުމަކީ އެއީ މެމްބަރެއްގެ ސުލޫކީ މައްސަލައެއް ނޫން ކަމަށާއި އަދި އެއީ މެމްބަރަކާއި ދޭތެރޭ ފިޔަވަޅު އަޅަން ވެސް ޖެހޭ މައްސަލައެއް ނޫން ކަމަށެވެ. ސަބަބަކީ ރިޔާޒް މާލެ ވަޑައިގެންނެވީ އެޗްޕީއޭ އަދި ފުލުހުންގެ ފަރާތުން ހުއްދަ ލިބިގެންކަން އެ ދެ އިދާރާއިން ވެސް ބުނެފައިވާތީ ކަމަށް ސަނީފް ވިދާޅުވިއެވެ. އެހަން ކަމުން ބަލަންވީ މާލެ އަރައި ފޭބުމަށް ހުއްދަ ދިނުމުގައި އަމަލު ކުރަމުންދާ ގޮތް ކަމަށް ސަނީފް ވިދާޅުވިއެވެ.
ކޮމެޓީ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ އެންމެ ފުރަތަމަ ސާފް ކުރަން ޖެހޭ ކަމަކީ ރިޔާޒްއަށް މާލެ ވަޑައިގަތުމަށް އެޗްޕީއޭއާއި ފުލުހުން ހުއްދަ ދިން ގޮތް ކަމަށާއި އަދި އެ ދެ އިދާރާއިން ރިޔާޒް މާލެ ވަޑައިގަތުމަށް ހުއްދަ ދެއްވީ ކޮން އުސޫލަކުން އަދި ރިޔާޒްއަށް ކިހާވަރެއްގެ އިމަޖެންސީއެއް ދިމާވެގެންތޯ ކަމަށް މެމްބަރުން ވިދާޅުވިއެވެ.
މެމްބަރުންގެ ކުރެވުނު މަޝްވަރާތަކަސް ފަހު ކޮމެޓީން ނިންމީ މާލެ ލޮކްޑައުންގެ ހާލަތުގައި ވަނިކޮށް މާލެ އައުމަށާއި މާލެއިން ފޭބުމަށް އެޗްޕީއޭ އަދި ފުލުހުން ހުއްދަ ދިނުމުގައި ގެންގުޅޭ އުސޫލާއި އަމަލު ކުރަމުންދށާ ގޮތް ލިޔުމުން ކޮމެޓީއަށް އެންގުމަށް އެ ދެ އިދާރާއަސް އެންގުމަށެވެ. އަދި ރިޔާޒްއާއި އިތުރު ދެ މެމްބަރަކަށް ހުއްދަ ދިން ގޮތާއި އެކަމުގައި އަމަލު ކުރި ގޮތް ތިން ދުވަހުގެ ތެތޭގައި ލިޔުމުން ކޮމެޓީއަށް އެންގުމަށް އިމްތިޔާޒް ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

