އިކޮނޮމިކް ސަޕޯޓް ފަންޑިންގެ ގޮތުގައި ދިވެހިރާއްޖެއަށް 2 މިލިއަން ޑޮލަރުގެ އެހީއެއް އެމެރިކާއިން ދީފިއެވެ.
މިކަން ހާމަކޮށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމެރިކާއިން ރާއްޖެއަށް 2 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވާކަމަށެވެ.
ޓްވީޓުގައި ޝާހިދު އިތުރަށް ވިދާޅުވީ، ކޮވިޑް-19 އިގެ ބަލާއާފާތުން އަރައިގަތުމަށްޓަކައި، ރާއްޖެއަށް މިފަދަ އެހީތެރިކަން ނުހަނު ބޭނުންވާކަމަށެވެ.
މިނިސްޓަރު ޢަބްދުﷲ ޝާހިދުވަނީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއަށާއި، ލަންކާއަށާއި، ރާއްޖެއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްސްއަށް ޝުކުރު އަދާކުރައްވާފައެވެ.
އެމެރިކާއިން އިކޮނޮމިކް ސަޕޯޓް ފަންޑިންގެ ގޮތުގައި ރާއްޖެއަށް 2 މިލިއަން ޑޮލަރުގެ އެހީއެއްދީފައިވާއިރު،2004 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް 30 މިލިއަން ޑޮލަރުގެ އެހީ ދީފައިވާކަމަށް އެ ޤައުމުގެ ސްޓޭޓް އޮފް ޑިޕާޓްމެންޓުން ހާމަކޮށްފައިވެއެވެ.
އެމެރިކާއިން ރާއްޖެއަށް 2 މިލިއަން ޑޮލަރުގެ އެހީދީފައިވާއިރު، ޖަޕާނުން ވަނީ ރާއްޖެއަށް 8.4 މިލިއަން ރުފިޔާގެ އެހީ ވެސް ހަދިޔާކޮށްފައެވެ.
މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރާއްޖެއަށް ބަނދަރުކުރި ކާގޯ ފްލައިޓަކުން ވެސް ވަނީ އެހީގެގޮތުގައި ދެ ޤައުމަކުން ރާއްޖެއަށް ދީފައިވާ ތަކެތި ގެނެސްފައެވެ.
މި ތަކެތީގެ ތެރޭގައި ސިންގަޕޫރުގެ ޓެމަސެކް ފައުންޑޭޝަނުން ހަދިޔާކޮށްފައިވާ ކޮވިޑް-19 އިގެ 5000 ޓެސްޓު ހެދޭ 25 ޓެސްޓުކިޓް ހިމެނެއެވެ.
މީގެ އިތުރުން، ތައިލެންޑްގެ ޓްރެވަލް އެޖެންޓެއްކަމަށްވާ މޯލްޑިވްސް ޓްރެވަލް އެކްސްޕާޓް ކޮމްޕެނީގެ ކޮންސަލްޓިންގ މެނޭޖަރު ތިޓިތިޕް ތަންޔަކުލްތިޕް ހަދިޔާކުރެއްވި 200 ޕާރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ގެ އިތުރުން، 300 ޕީޕީއީ ކިޓް ހިމެނެއެވެ.
މި ތަކެތީގެ އިތުރުން، ސިންގަޕޫރުން ރާއްޖެއަށް ހަދިޔާކުރާ ބައެއް ސާމާނު މި ހަފުތާގައި ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި އެހީތަކުގެ އިތުރުން، ޗައިނާއިން ވެސް އަންނަނީ، ރާއްޖޭގައި ކަރަންޓީނު ފެސިލިޓީއެއް ޤާއިމުކުރަން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ހަމައެގޮތަށް އަވަށްޓެރި އިންޑިއާ އިން ރާއްޖެއަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދީފައިވާއިރު، ބަންގްލަދޭޝް އިން ވެސް ވަނީ، ކާބޯތަކެއްޗާއި ޕީޕީއީ ފޯރުކޮށްދީފައެވެ.
ކޮވިޑް-19 އިގެ ވައިރަހުން އަރައިގަތުމަށްޓަކައި، ރާއްޖެއަށް މިއަދު މިވަނީ އެތައް ގުނައެއްގެ މަސައްކަތްކުރަން ޖެހިފައެވެ. އިޤްތިޞާދު ހީނަރުވެ ޤައުމު މިވަނީ އަޑިއަޅުވައިލާފައެވެ.
ކަން މިހެން ހުރުމާއެކު ރާއްޖެއިން އަންނަނީ، ބޭރުގެ ބައެއް ޤައުމުތަކުގެ އެހީ ހޯދުމަށް މަސައްކަތްކުރަމުންނެވެ.
މި ގޮތުން، ރާއްޖެއިންވަނީ ދެކުނު ކޮރެޔާއާއި، ރަޝިޔާގެ އިތުރުން ތުރުކީ ވިލާތުގެ އެހީތެރިކަމަށް ވެސް އެދިފައެވެ.

