ކޮވިޑް-19 އާއި ގުޅިގެން މަޝްހޫރު ވިޔަފާރި ކުންފުނި، ”އަލީބާބާ“ގެ ބާނީ ޖެކްމާ ގެ ފަރާތުން ރާއްޖެއަށް ދެއްވުމަށް ނިންމަވާފައިވާ އެހީތައް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާން ލިޖޯން ވިދާޅުވެއްޖެއެވެ.
ހުސްވި މާރިޗު މަހުގައި ޖެކް މާ ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނޭކަމަށް ވިދާޅުވެފައެވެ.
މި ކަމާއި ގުޅިގެން ޗައިނާގެ ސަފީރު ޖާން ލިޖޯން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެއަށް އެ ތަކެތި ގެނައުން ލަސްވީ، މި ފަދަ ހާލަތެއްގައި އެ ތަކެތި ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރުވެފައިވާތީކަމަށެވެ.
މީގެ އިތުރުން ސަފީރު ވިދާޅުވީ، ޗައިނާގެ ފޮރިން މިނިސްޓްރީއާއި، އެ ޤައުމުގެ އިތުރު 6 ކުންފުންޏަކުން ވެސް، ރާއްޖެއަށް އެހީތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.
ޖެކްމާ ވަނީ ރާއްޖޭގެ އިތުރުން، އޭޝިއާ ބައްރުގެ ނުވަ ޤައުމަކަށް އެހީވުމަށް ނިންމަވާފައެވެ. މި ކަން ހާމަކޮށް ޖެކްމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އެހީގެ ދަށުން ދިހަ ޤައުމަކަށް އިމަޖެންސީ ސަޕްލައި ހަދިޔާކުރާނެކަމަށެވެ.
އެ ޤައުމުތަކަކީ، ބަންގްލަދޭޝާއި، އަފްޣާނިސްތާނާއި، ކެމްބޯޑިއާ އާއި، ލާއޯސްއާއި، މޮންގޯލިޔާއާއި، މިޔަންމާގެ އިތުރުން ނޭޕާލް، ޕާކިސްތާނު އަދި ސުރީލަންކާއެވެ.
މި ގޮތުން މި ޤައުމުތަކަށް 1.8 މިލިއަން މާސްކާއި، 210,000 ޓެސްޓު ކިޓާއި، 36,000 ސޫޓާއި، ވެންޓިލޭޓަރާއި ތާމޯމީޓަރު ވެސް އެހީގެތެރޭގައި ހިމެނޭނެކަމަށް ޖެކްމާވަނީ ވިދާޅުވެފައެވެ.

