ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ޤާނޫނުއަސާސީއާ ހިލާފުވެ، މުއައްސަސާތަކަށް ނުފޫޒު ފޯރުވައި ސަރުކާރު ޖަވާބުދާރީކުރުމަށް ނޫސްވެރިން ކުރާ މަސައްކަތްތަކަށް ހުރަސްއަޅުއްވަމުންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ނޫސްވެރިންނަކީ ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މުހިންމު ޒިންމާއެއް އަދާކުރާ ބައެއް ކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމަށް ރައްޔިތުންނަށް ޤާނޫނުއަސާސީން ލިބިދީފައިވާ ހައްގުތަކަށް އެންމެ ފުރަތަމަ ވެސް އަރައިގަތީ މި ސަރުކާރުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން، މައުލޫމާތު ހާމަނުކޮށްގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސް އޮފީސް ޖޫރިމަނާކުރަން ޖެހުނުއިރު، ޕީއެންސީއަށް ވަގަށް މީހުން ވެއްދި މައްސަލައިގައި ވެސް އެ ޕާޓީ ޖޫރިމަނާކޮށްފައިވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމެއްގައި، އެމަނިކުފާނުގެ އަރިހުގައި ތިބެވޭނީ އެމަނިކުފާނު ބުނާ ގޮތަށް ކަންކަން ކުރާ މީހުންނަށްކަމަށް ރައީސް މުއިއްޒު ވިދާޅުވި ހިސާބުން ފެށިގެން ޤާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމަށެވެ. އޭގެ ސަބަބަކީ ޤާނޫނުއަސާސީ ބުނާގޮތުން ގައުމުގެ މުހިންމު ބޮޑެތި ނިންމުންތައް ނިންމަންޖެހޭނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި އެކުގައިކަމަށް ވާތީމަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ސީދާ ޖަވާބު ނުދެއްވައި ޝަރުއީ ދާއިރާ މެދުވެރިކޮށް ގެގް އޯޑަރުތައް ނެރުމަކީ ރައީސް މުއިއްޒު އަމިއްލަފުޅަށް ރައްޔިތުންގެ ކުރިމަތީގައި ފަޟީހަތްވުންކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އަދި މުސްތަގިއްލު މުއައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަ ދީފިނަމަ، މިއަދު މި ސަރުކާރު ދެމި ނޯންނާނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ، މުއައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަ އޮތްނަމަ މިއަދު ސަރުކާރުގެ ވެރިންނަށް އެ މަގާމުތަކުގައި ނުތިބެވޭނެ ކަމަށެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ހުރި މައްސަލަތަކުގެ ފައިލްތައް ގެއްލިފައިވާކަމަށާއި، ރައީސް މުއުއިޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ހިނގާދިޔަ ކަންކަމާއި ގްރީން ބިލްޑިންގގައި ރޯކޮށްލި މައްސަލައިގެ ހަގީގަތް ފުލުހުންނަށް ވަރަށް ރަނގަޅަށް އެނގޭނެކަމަށް ރައީސް ޔާމީން ވިދަޅުވި އެވެ. އަދި އެކަމުގައި ޝާމިލުވަނީ ވެރިކަމާ ކިހާ ގާތް މީހެއްކަން އެނގިތިބެ، ފުލުހުން ފިޔަވަޅު އަޅަން ބޭނުންނުވާކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. ނަމަވެސް ވެރިކަން ބަދަލުވާ ދުވަހަކުން ފުލުހުންވެސް މި ކަންކަމުގެ ޒިންމާ ނަގަންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

