ހިދުމަތްތައް ފޯރުކޮށްދިނުމަށް، ފްރަންޓްލައިނުގައި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މުވައްޒަފުން ގެއަށް ނުގޮސް ވަކިތަނެއްގައި ކަރަންޓީނުވެގެން މަސައްކަތަށް ނިކުންނަ ގޮތަށް އެކުންފުނިން ހަމަޖައްސައިފިއެވެ.
އެމްޓީސީސީން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކަރަންޓީން ވެގެން މަސައްކަތަށް ނިކުންނަ މުވައްޒަފުންނަކީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގައި ކުންފުނީގެ ފަރާތުން ފޯރުކޮށްދެމުން އަންނަ އާއްމު ފެރީއާއި، ސްޕީޑް ފެރީ، މެޓްރޯ ބަސް، އަދި ޕްރައިވެޓް ހަޔާ ހިދުމަތްތައް ދޭ މުވައްޒަފުން ދެން ގެއަށް ނުދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނެފައިވަނީ، މުވައްޒަފުންގެ ހުރުމުގެ ކަންތައް ހަމަޖައްސާފައިވަނީ މާލެ އާ ހުޅުމާލޭގައި ހުންނަ ފެރީ ޓާމިނަލްގައެވެ. އަދި އޭގެ މަގްސަދަކީ މުވައްޒަފުންނާއި، އެ މުވައްޒަފުންގެ އާއިލާތައް ބައްޔަށް ހުށަހެޅިގެން ދިއުމުގެ ނުރައްކާ ކުޑަކުރުން ކަމުގައި އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.
މާލެ ލޮކްޑައުން ކުރުމާއި އެކު، އެމްޓީސީސީން ދަނީ، ވިލި މާލޭގައި ދިރިއުޅޭ ސިއްހީ ހިދުމަތްތެރިން މާލެއަށް ގެނެސް ދިނުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކޮންމެ ދުވަހަކު އެ ދަތުރުތައް ކުރާއިރު، ވިލިމާލެއާއި ތިލަފުށި އަދި ގުޅީފަޅުގައި އުޅޭ މީހުންނަށް މުދާ ފެރީގެ ހިދުމަތް ވެސް ކުންފުނިން ފޯރުކޮށްދެއެވެ.
މީގެ އިތުރުން އެމްޓީސީސީން އަންނަނީ ނޭޝަނަލް ޑީޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އެމްއެންޑީއެފްއަށް ބޭނުންވާ ލޮޖިސްޓިކް ސަޕޯޓްސް ފޯރުކޮށްދެމުންނެވެ. އެ ކުންފުނިން ބުނެފައިވަނީ ތިލަފުށީގައި އެ ކުންފުނިން ހިންގާ ބްޓޯޔާޑުން ދެމުންދާ ހިދުމަތްތައް މި ދަނޑިވަޅުގައި ދޭން ޖެހޭ ހާލަތެއްގައި މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން 120 މުވައްޒަފުން އެ ތަނުގައި ތިބި ކަމަށެވެ. އަދި ކުންފުނިން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ސައިޓްތަކުގައި ވެސްއެ ކުންފުނީގެ މުވައްޒަފުން އުޅެމުންދާ ކަމަށް އެމްޓީސީސީން ބުންޏެވެ.

