ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

19 ދެއްކި ރޯނުއެދުރުންގެ ވާހަކަ!

މަޖިލީޙުގެ ނަމޫނާއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޖުމްހޫރީއްޔާގެ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި  ޢަދުލު އިންސާފު ގާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، އަދި ގާނޫނަކުން ކަނޑައަޅައިފައިވާ ދަށުކޯޓު ތަކަށެވެ. ހަމައެހެންމެ  ޢަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމްކޯޓެވެ. ސުޕްރީމްކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރެވެ. ސުޕްރީމްކޯޓުން ބަލާ ކޮންމެ މައްސަލައެއް ނިންމާންވާނީ އެ މައްސަލައެއް ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. 

އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ ކަމަށް ވެސް ގާނޫނުއަސާސީގައި ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ. މީގެއިތުރުން  ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށް ނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި، ގާނޫނާއި ގަވާޢިދުތަކުގެ ޒަރީޢާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެ ކަމަށް ވެސް ދިވެހި ޖުމްހޫރީއްޔާގެ ގާނޫނުއަސާސީގައި ވަރަށް ސާފު ބަހުން ވަނީ ބަޔާންކޮށްފައެވެ. 

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި  ފަނޑިޔާރުންނަކީ މުސްތަގިއްލު ބައެކެވެ. ފަނޑިޔާރުން ޢަމަލުކުރާނީ ގާނޫނުއަސާސީ އާއި ގާނޫނަށެވެ. ގާނޫނުއަސާސީ އާއި ގާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރާންވާނެއެވެ. ފަނޑިޔާރުންގެ މަސައްކަތުގައި ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ކަންތައްތައް ނިންމާންވާނީ ވަކިފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްސުބުން އެއްކިބާވެ ތިބެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ގާނޫނުއަސާސީ އާ ހިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމްކޯޓަށެވެ. ހަމައެހެންމެ ކޮންމެ ކޯޓެއްގައިވިޔަސް، ބަލަމުންދާ މައްސަލައެއްގައި ގާނޫނުއަސާސީ މާނަކުރާން ޖެހިއްޖެނަމަ އެ މައްސަލައަކާ ގުޅޭގޮތުން އެ ކޯޓަކުން ގާނޫނުއަސާސީ މަނާކުރާ ކަމެއް ނޫނެވެ. އަދި ކޮންމެ ކޯޓަކަށްމެ އެ ކޯޓެއް ހިމެނޭ މަރުހަލާއަށްވުރެ ދަށު މަރުހަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވެއެވެ.

ދެން އޮތީ ދުސްތޫރީ މައްސަލަތައް ބެލުމުގެ ވާހަކައެވެ. ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި  ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާޢިދެއް ނުވަތަ ގަވާޢިދެއްގެ ބައެއް އަދި ކިއެއްތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް ވިޔަސް ގާނޫނުއަސާސީ އާ ހިލާފުވާނަމަ އެ ހިލާފުވާ މިންވަރު އެއީ ބާތިލް އެއްޗެއް ނުވަތަ ބާތިލް ކަމެއް ކަމުގައި ކަނޑައެޅުމުގެ ބާރަކީ ކޯޓުތަކަށް ލިބިގެންވާ ދުސްތޫރީ ބާރެކެވެ. 

ނަމަވެސް މިއަދު މަންޒަރު މުޅިން ބަދަލުވެއްޖެއެވެ. ރާއްޖޭގެ ޝަރުއީދާއިރާގައި ކަންހިނގަމުންދަނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަކަށް ނޫނެވެ. ގާނޫނުއަސާސީއާއި ގާނޫނުތައް މާނަ ކުރުމަކީ ނުވަތަ ކޯޓުތަކަށް ދުސްތޫރީ މައްސަލަތައް ބެލުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުވަތަ ލިބިގެންވާ ބާރެއް ކަމަށް މާ ގަދަފަދަ ބާރެއް ލިބިގެން އުޅޭ ބަޔަކު ގަބޫލެއް ނުކުރެއެވެ. ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމެއް ގާނޫނަކަށް ގެނެސްގެން ބަދަލު ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާއިރު އެކަން ވެސް މާ ގަދަފަދަ ބާރެއް ލިބިގެންވާ ބަޔަކު ކުރަނީއެވެ. ބައެއް ކަންކަން ހިއްސާ ކޮށްލާނަމެވެ. 

ސަރުކާރުގެ ނުވަތަ ދައުލަތުގެ އެއްވެސް އިދާރާއަކުން ނެރޭ އަމުރަކާއި މެދު ސުވާލުތަކެއް އުފެދިއްޖަނަމަ އެ މައްސަލައެއް ހައްލު ކުރަން ދާން ޖެހޭނީ ހައިކޯޓަށް ނުވަތަ ސްޕްރީމް ކޯޓަށް ކަމަށްވާއިރު މިވަގުތު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އޮތްތޯ ނުވަތަ ނެތްތޯ ކުރެވުނު ބަހުސް ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން އެއްވެސް ކަހަލަ ކުއްލި ނުރައްކަލުގެ ހާލަތެއް އެއްވެސް އިދާރާއަކުން އިއުލާންކޮށް އެ ހާލަތަކާއި މެދު ސުވާލު އުފެދިއްޖެނަމަ ސުޕްރީމް ކޯޓަށް ދާންޖެހޭނެ ކަމަށް ބުނެފައިވާއިރު މާ ގަދަފަދަ ބާރެއް ލިބިފަ ތިބި ރޯނު އެދުރުންތަކެއް ކަމަށް ބެލެވޭ ބަޔަކު އެކަން ގަބޫލެއް ނުކުރިއެވެ. އެންމެ ފަހުން އެބައިގަނޑުގެ ހުދުމުހުތާރުކަން މާ ތަފާތުކޮށް ބުނެދެމުން އެ ގަދަފަދަ ބާރު ލިބިގެންވާ މީހުން ބޭނުންވާ ގޮތަށް ނިންމީއެވެ. 

މިވަރަކުން ނިމުނީއެއް ނޫނެވެ. ގާނޫނުއަސާސީގައި ކައުންސިލްތަކުގެ ދައުރު ބަޔާންކޮށް ކަނޑައަޅާފައިވަނިކޮށް ކައުންސިލްތަކުގެ ދައުރު ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ބަދަލު ކުރެވެން އޮތް ނަމަވެސް އެކަން ނުކޮށް ގާނޫނަކުން ކައުންސިލްތަކުގެ ދައުރު ބަދަލު ކުރަން ނުވަތަ ދަންމަން މި ދެންނެވި މާ ގަދަފަދަ ބާރެއް ލިބިގެންވާ ރޯނުއެދުރުން ކަމަށް ބެލެވޭ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. ފަހަރުގައި މިއީ އެ ބުނާ 19 އެއްގެ ތަފާތުކަމުންވާ ކަމަކަށް ވެސް ވެދާނެއެވެ. 

ކޮންމެއަކަސް މިއަދުގެ ހަގީގަތަކީ މާ ވަރުގަދަ 19 އެއް ރޯނު އެދުރުން ކަމަށް ބެލެވޭ ބަޔަކު ރައްޔިތުންނަށް ދައްކައިގެން މުޅި ޝަރުއީ ނިޒާމް ގަޑުބަޑުކޮށްލައި އެ ބައިގަނޑުގެ އަންބޮޑިއަށް މުޅި ނިޒާމް ލައިފިއެވެ. މައްސަލަ ހުށަހަޅަނީ ރޯނުއެދުރުން ކަމަށް ބެލެވޭ ބައެކެވެ. މައްސަލަ ބަލަން ތިބެނީ ވެސް އެފަދަ ބައެކެވެ. މައްސަލަ ނިންމަން މަޖިލީހޭ ކިޔާ ތަނެއްގައި ވެސް ތިބެނީ ހަމަ އެބައިގަނޑެވެ. މިހެންމިވީ މާ ވަރުގަދަ 19 އެއްގައި ޖެހި ގާނޫނުހަދާ މަޖިލީހަށް ގާނޫނީ ބަޔަކު ލުމުގެ ބަދަލުގައި ރޯނުއެދުރުންތަކެއް ވެއްދުމުންކަން އެއީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: