ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް ފޮނުވި މެެސެޖުގައިވަނީ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގު، ކޭޕީއެސް ކައިރީގައި މި އެކްސިޑެންޓް ހިނގާފައިވަނީ 2 ސައިކަލު ޖެހިގެން މިއަދު ހެނދުނު 8:54 އެހާކަންހާއިރު ކަަމަށެވެ.
މި އެކްސިޑެންޓްގައި 2 ސައިކަލުގައި ތިބި 2 މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް މައުލޫމާތުދެއެވެ. އެ ދެ މީހުންނަށްވެސް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެހެންނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަނީ އިތުރުވެފައެވެ. ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 9 އަހަރުގެ ކުޑަކުއްޖަކު ވަނީ ނިޔާވެސްވެފައެވެ.

