ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަ ދެއްކެވީމާ މެމްބަރުން އަތް ޖައްސަވަނީ އުތުރު ކޮރެއާގައި ޖަހާގޮތަށް ކަމަށާއި، އެގޮތް ވަރަށް ރީތި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަލްސާގައި ފަލާހު ވިދާޅުވީ ރައީސް މުއިއްޒާއި ގުޅޭގޮތުން ވާހަކަ ދެއްކެވީމާ ޕާޓީގެ އާއްމުމެމްބަރުން އަތްޖައްސަވާގޮތް ވަރަށް ތަފާތު ކަމަށެވެ. ރައީސް މުއިއްޒުގެ ވާހަކަ ގެންނަވާ ކޮންމެ ފަހަރަކު އަތްޖައްސަވަނީ ވަރަށް ލޯބިންކަމަށާއި އެއީ އުތުރު ކޮރެއާގައި އަތް ޖަހާގޮތް ކަމަށް ފަލާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެގޮތަށް އަތް ޖެހީމާ ވަރަށް ކަމުދާ ކަމަށާއި އަދި ވަރަށް އެއީ ރީތި މަންޒަރެއް ކަމަށެވެ.
ފަލާހު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވާހަކަ ދައްކާއިރު މެމްބަރުން އަތްޖައްސަވަނީ އެހެން ނޫން ކަމަށާއި، އެއީ ޔާމީން ދެކެ ”ލައިކު“ ނުވާތީ ކަމަށެވެ. ޔާމީންގެ ވާހަކަ ދެއްކެވީމާ އަތްޖަހަނީ ވަރަށް ގޯސްކޮށް ކަމަށް ފަލާހު ވިދާޅުވިއެވެ.
މީގެއިތުރުން އެ ޕާތީގެ ކޮންގްރެސްއަށް އަލިއަޅުވާލައްވައި ވިދާޅުވީ ކުރިއަށް އޮތީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ކޮންގްރެސް ކަމަށެވެ. އެންމެ ބޮޑު ކޮންގްރެސްއަށް ވަނީ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވީމާ ކަމަށް ފަލާހު ވިދާޅުވިއެވެ.
”ރާއްޖެތެރެއިން މަންދޫބުންގެ ގޮތުގައި އެ އަންނަނީ 1200 ބޭފުޅުން. އަދި ކޮބާ ދައުވަތު ނުލިބިގެން އެތައް ހާސް ސަޕޯޓަރުންނެއް އެބަ ތިބި، އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ކޮންގްރެސް ފައްޓަން އޮތް ޖާގައިގެ ދަތިކަން ވަރަށް ބޮޑު. އެހެންވުމުގެ ސަބަބުން އަޅުގަނޑުމެންނަކަށް ނެތް މުޅިން އޯޕެންކޮށް ކޮންގްރެސްއަސް ހުޅުވާލެވޭކަށް“
ފަލާހު ވިދާޅުވީ ހުރިހާ ބޭފުޅުންވެސް ވަޑައިގަންނަވަން ރައީސް ބޭނުންފުޅުވާ ކަމަށާއި އެހެންނަމަވެސް ޖާގަ ލިބުމުގައި ހުރި ތަކިތައް ހުރުމުން އެންމެންނަށް ހުޅުވާނުލެވޭ ކަމަށެވެ. ޕާޓީގެ މަސައްކަތްތައް މިއަދު ކުރިއަށް ގެންދަނީ ވަރަށް ވެސް ފުރިހަމަ ކަމާއިއެކު ކަމަށާއި ހިންގޭނެ އެންމެ ރަނގަޅަށް ކަމަށް ފަލާހު ވިދާޅުވިއެވެ.
މިއަދު ޕާޓީގެ މަސައްކަތް ކުރަން އިދާރީ މުވައްޒަފުން ހުރި ކަމަށާއި، އިދާރީ އޮފީހެއް ހުރި ކަމަށާއި، އަދި ޖަގަހަ ނެތް ރަށްރަށުގައި މިއަހަރު ނިމުމުގެ ކުރިން ޖަގަހަތައް އަޅަންވެސް ރައީސް ނިންމަވާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

