އަމާޒު ބޯޓާ ގުޅިގެން މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، އަމާޒު ބޯޓުގެ ކަލަސްޓާއާއި ކޮންޓެކްޓުވެ އިތުރު ބަޔަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން ކުރިން ފެނުނު ނުވަ ކޭސްގެ އިތުރަށް، މިއަދު ދެ މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 10 މީހުން ނިސްބަތްވަނީ ށ. ނަރުދޫ އަށެވެ. އެއީ، އަމާޒު ބޯޓުން އެންމެ ފުރަތަމަ ޕޮޒިޓިވް ވި، އެ ބޯޓުގެ ކެޕްޓަންގެ އާއިލީ މެމްބަރުންނެވެ. އޭގެ އިތުރަށް ދެން ށ. މިލަންދޫއިން މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އެ ބޯޓާއި ގުޅިގެން މިހާތަނަށް ވަނީ 113 ކޮންޓެކްޓެއް ހޯދިފައެވެ. އޭގެ ތެރެއިން ހައިރިސްކު ކޮންޓެކްޓުންނަކީ 35 މީހުންނެވެ.
އަމާޒު ބޯޓު މާލެއިން ފުރާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެއީ، މާލެއިން ފުރަތަމަ ފަހަރަށް ބަލި ފެނުނު ދުވަހެވެ. އަދި އެ ދުވަހު މުޅި މާލެ ލޮކްޑައުންކޮށް އަރާ ފޭބުން މަނާ ކުރިއެވެ.
އަމާޒު ބޯޓު ކެޕްޓަނަށް ބަލި ޖެހުނު ގޮތް އަދި ސާފު ނުވީ ނަމަވެސް، ބޯޓު ފުރުމުގެ ކުރިން އޭނާ ބާޒާރު މައްޗަށް ދިޔަ ކަމަށް ވައެވެ. ޕޮޒިޓިވްވީ ”އަމާޒް“ ބޯޓްގެ ކެޕްޓަނަކީ އުމުރުން 49 އަހަރުގެ ދިވެއްސެކެވެ.
ބޯޓު ހއ، ށ އަދި ނ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރި އެވެ. އޭގެ ތެރޭގައި ނ. މާފަރާއި އެ އަތޮޅު ހެނބަދޫ އާއި މިލަދޫ އާއި ކެނދިކުޅުދޫ އާއި ވެލިދޫ އާއި ހޮޅުދޫ އަށް ދަތުރު ކޮށްފައި ވެއެވެ. މީގެ އިތުރުން ށ. އަތޮޅުން ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އާއި ފީވަކާއި މާއުނގޫދޫ އަށް ވެސް އަމާޒު ދިޔަ އެވެ. މީގެ އިތުރުން ހއ. ދިއްދޫ އާއި އުތީމަށްވެސް އަމާޒު ބޯޓު ވަނެވެ. އަދި އެ ބޯޓްގެ ކެޕްޓަން ޕޮޒިޓިވް ވެފައި ވުމުން، އޭނާއާއި ކޮންޓެކްޓުވެފައިވާ ގިނަ ކޭސްތަކެއް ފެނުމުގެ ބިރު އެބަ އޮތެވެ.
އަމާޒު ބޯޓުގެ ކައްޕި ވައިރަހަށް ޕޮޒިޓިވެ، އާއިލާގެ ބައެއް މެމްބަރުންނަށް ވެސް ބަލި ޖެހުނުއިރު މިއީ ބޮޑު ކަލަސްޓާއެއްގެ ގޮތުގައި ވެދާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

