ހއ. އިހަވަންދޫ އައިސްޕްލާންޓުގައި އަނިޔާވެރި ގޮތަކަށް މަރާލި ޅ. ހިންނަވަރު، އުމުރުން 54 އަހަރުގެ އިސްމާއިލް އުމަރު (އިއްސެ) ގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ބަންގްލަދޭޝް މީހާ މެރުމަށް ކޮށްފައިވާ ހުކުމް ދަމަހައްޓަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައިގެ ޝަރީއަތް ހައިކޯޓުން ފަށައިފިއެވެ.
ޖޫން، 2017 ގައި އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އިއްސެ މަރާލި ކަމަށް ދައުލަތުން ދައުވާކުރަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ސުމޮން މިއާގެ މައްޗަށެވެ. އިއްސެގެ މަރުގެ ތުހުމަތުގައި ސުމޮން މިއާ ހައްޔަރުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
ކްރިމިނަލް ކޯޓުން އޭނާ މެރުމަށް ހުކުމް އިއްވީ މާޗު 2022 ގައެވެ.
ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން، މަރުގެ ހުކުމެއްގެ ސައްހަކަން ކަށަވަރުކުރުމަށް ދައުލަތުން ހައިކޯޓަށް މި މައްސަލަ ހުށަހެޅި ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ.
މިއަދު ހައިކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ދައުވާ ލިބޭ ސުމޮން މިއާ ވަނީ ދައުލަތުގެ ހަރަދުގައި ގާނޫނީ ވަކީލެއް ހަމަޖައްސައިދިނުމަށް އެދިފައެވެ. އެހެންކަމުން، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އޭނާއަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ދީ މިއަދުގެ އަޑުއެހުން ނިންމާލާފަ އެވެ،
މި މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި، ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަބްދުއްރައޫފް އެވެ.
އިއްސެ މަރާލިކަމަށް ސުމޮން މިއާވަނީ ތަހުގީގާއި، ޝަރީއަތުގެ، އަޑުއެހުމުގެ މަރުހަލާގައި ވެސް އިއުތިރާފްވެފައިއެވެ. ސުމޮން ބުނެފައިވާތުން، އިއްސެ މަރާލީ، މަސައްކަތް ކުރުމުގެ ތެރޭގައި އެނާއަށް އުނދަގޫކޮށް، އޭނާ އާއިލާއަށް ވަގުތު ދޭން ވެސް ހުރަށްއަޅައި، އިއްސެ ފުރުސަތު ނުދޭތީ ނުރުހިގެންކަމަށެވެ.
އިއްސެގެ މަރާ ގުޅިގެން ސުމޮން މިއާގެ އަތެއްވާކަމަށް ރައްޔިތުން ޝައްކުކުރީ، އިއްސެ މަރާލާފައި އޮއްވާ ފެނުނުތާ ތިން ދުވަސް ކުރިން އޭނާ ރަށުން ފިލާފައިވުމުންނެވެ. އަދި އޭނާ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ފެނިފައިނުވުމުން ސުމޮން ފިލައިގެން ދިޔައީކަމަށް އެރަށު ރައްޔިތުންނަށް ވެސް ގަބޫލު ކުރެވުނެވެ. ސުމޮން މިއާ ހައްޔަރު ކުރީ ފިލައިގެން ގޮސް ހދ. ކުޅުދުއްފުށީގައި ހުއްޓައެވެ.

