ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް، ރާއްޖެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކޮށްގެން ރަޝިޔާއަށް މުދާ ފޮނުވާކަމަށް ބުނެ ބޭރުގެ މީޑިއާއަކުން ކުރި ތުހުމަތުތައް ބަލަމުންދާކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
އެމެރިކާގެ ”ދަ ވޯލް ސްޓްރީޓް ޖާނަލް“ އިން ޝާއިއުކުރި ތަހުގީގީ ރިޕޯޓެއްގައި ބުނެފައި ވަނީ، ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް ރާއްޖޭގެ މަގު ބޭނުންކުރަމުންދާ ކަމަށެވެ. އެގޮތުން އެމެރިކާ، ޔޫރަޕް އަދި ޗައިނާ ފަދަ ގައުމުތަކުން ވެލާނާ އިންޓަނޭޝަނަލް އެއާއާޕޯޓު (ވީއައިއޭ) އަށް ގެންނަ މުދާ، ރާއްޖޭގެ ކަސްޓަމްސް ސަރަހައްދަށް ވެއްދުމެއް ނެތި ޓްރާންސިޓް އޭރިއާގައި ބަހައްޓައިގެން، އެއަރޯފްލޯޓްގެ ފްލައިޓްތަކުގައި މޮސްކޯއަށް ފޮނުވަމުންދާކަމަށް އެ ނޫހުގެ ރިޕޯޓުގައި ވެއެވެ. އަދި މިކަން ކުރަނީ މުދަލުގެ އަސްލު ލިޔެކިޔުންތައް ބަދަލުކޮށް، އުފެއްދި ފަރާތް ސިއްރުކުރުމަށް ފަހު، ރާއްޖޭގެ ބައެއް ކުންފުނިތައް މެދުވެރިކޮށްކަމަށް ވެސް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވެ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރާއްޖެ މަގުން ފޮނުވާ ތަކެތީގެ ތެރޭގައި ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ ސްޕެއާޕާޓްސް، މިސައިލް ސިސްޓަމްތަކަށް ބޭނުންކުރާ މައިކްރޯ-ޗިޕްސް، އަދި ސެޓެލައިޓްތަކަށް ބޭނުންވާ އޮޕްޓިކަލް ސާމާނު ހިމެނެ އެވެ.
މީގެ އިތުރުން 2021 ވަނަ އަހަރާ އަޅާބަލާއިރު، 2022 ވަނަ އަހަރު ރާއްޖެއިން ރަޝިޔާއަށް އެތެރެކުރި މުދަލުގެ އަގު 630 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
މި ތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެ ރިޕޯޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކުން ބަލަމުން އަންނަ ކަމަށެވެ. އަދި އެފަދަ ގާނޫނާ ހިލާފު ކަމެއް ހިނގާނަމަ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޒަމާނީ އިލެކްޓްރޯނިކް ސާމާނުތަކުގައި ހުންނަ ޗިޕްތަކަކީ ހަނގުރާމައަށް ބޭނުންކުރާ އެއްޗެހިކަން ދެނެގަތުމުގެ ފަންނީ ގާބިލުކަން ރާއްޖޭގައި ހުރިތޯ ސުވާލު އުފެދޭކަމަށް މުންދު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މި މައްސަލައިގައި ބޭރުގެ ގައުމުތަކުން ދިވެހި ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންދާކަމަށް ބުނާ ވާހަކަ މުންދު ވަނީ ދޮގު ކުރައްވާފަ އެވެ. މުންދު ވިދާޅުވީ ރާއްޖެއަކީ ބައިނަލްއަގުވާމީ ސަލާމަތީ އިދާރާތަކާ ގުޅިގެން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ގައުމެއް ކަމަށެވެ.

