ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގެ މުސްތަޤުބަލު ފެންނަނީ ވަރަށް ވެސް އުޖާލާކޮށްކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ވިދާޅުވެއްޖެއެވެ.
މިއަދަކީ، ދުނިޔޭގައި ފާހަގަކުރާ، ނޫސްވެރިކަމުގެ މިނިވަންކަމުގެދުވަހެވެ.
މި ގޮތުން، މިއަދުގެ މުނާސަބާގައި ހިދާޔަތުﷲ ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި މި އަހަރު ރާއްޖެއަށް 19 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފައިކަމަށާއި، މުޅި ދެކުނު އޭޝިއާއިން ވެސް ރާއްޖެ އޮތީ ދެވަނަ ދަރަޖައިގައިކަމަށެވެ.
އެހެންކަމަށްވުމާއެކު ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގެ މުސްތަޤުބަލު ފެންނަނީ ވަރަށް ވެސް އުޖާލާކޮށްކަމަށާއި، މުސްތަޤުބަލުގައި މި ކުރިއެރުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ދިވެހި މީޑިއާތަކާއެކު އެ ކައުންސިލު އަބަދުވެސް އޮންނާނެކަމަށް ހިދާޔަތުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން މާޒީއަށް އަލިއަޅުވައިލައްވައި، ހިދާޔަތުﷲ ވިދާޅުވީ، 2018 ވަނަ އަހަރުން ފެށިގެންނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއިން ކުރިއެރުންތައް ހޯދަމުން އައުމަކީ އެ ކައުންސިލުން ނުހަނު އުފަލާއެކު ފާހަގަކުރާކަމަށެވެ. މި ގޮތުން ބަލާއިރު، މި ހުސްވި އަހަރު ރާއްޖެވަނީ 22 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ.
ހިދާޔަތުﷲ ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑުކަމުގެ މި ނާޒުކު ހާލަތުގައި ނޫސްވެރިން ރެއާދުވާލު ވަރުބަލިވުމެއްނެތި މަސައްކަތްކުރަމުންދާއިރު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރަމުންދަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ 27 ވަނަ އިޙްތިފާލުކަމަށެވެ.
މި ގޮތުން، ޔުނެސްކޯއިން މިއަހަރުގެ ޚާއްސަ ކޮންފަރެންސަށް ކަނޑައެޅުއްވި ޝިޢާރަކީ، ”ޖެހިލުންވުމެއް، ވަކި އަތަކަށް ޖެހުމެއްނެތި ނޫސްވެރިކަން“ މި ޝިޢާރެވެ.
މި ޝިޢާރުން ދޭހަކޮށްދެނީ، ނޫސްވެރިން މަސައްކަތްކުރަންވާނީ، ލިބިފައިވާ މިނިވަންކަމުގެ ދާއިރާގެތެރޭގައި ބިރެއް ފަސްޖެހުމެއްނެތި ކަމަށާއި، ވަކި ފަރާތަކަށް ޖެހުމެއްނެތި ހަމަހަމަކަމާއި އިންސާފުންކަމަށް ހިދާޔަތުﷲ ވިދާޅުވިއެވެ. މީގެ އިތުރުން ބިރެއްނެތި ނޫސްވެރިކަންކުރެވޭނެ އަމާން ފަހި މާހައުލެއް ޤާއިމުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވޭކަމަށް ވެސް ހިދާޔަތުﷲ ވިދާޅުވިއެވެ.
ހިދާޔަތުﷲ ވަނީ، ކޮވިޑް-19 އިގެ މި ބިރުވެރި ހާލަތުގައި ރައްޔިތުންނަށް ޚަބަރާއި އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރަމުންދާ މިންނެއް މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

