މުއްދަތު ހަމަވެގެންނާއި، ކުނިވެ ހަލާކުވާ ތަކެތި ނައްތާލުމަށް ވެމްކޯއިން ލުއިފަސޭހަ އިންތިޒާމެއް ޤާއިމުކޮށްފިއެވެ.
މި ކަން ބަޔާންކުރައްވާ ވެމްކޯއިން މިއަދު ނެރުނު އިޢުލާނެއްގއި ބުނީ، ކޮވިޑް-19 އިގެ ލޮކްޑައުންއާއި، މުޅި ރާއްޖޭގައި ދަތުރުފަތުރުކުރުން މަނާކުރުމާއި ގުޅިގެން، މުއްދަތު ހަމަވެގެންނާއި، ކުނިވެ ހަލާކުވާ ތަކެތި ނައްތާލުމަށް ލުއިފަސޭހަ ގޮތެއް އިންތިޒާމުކޮށްފައިވާކަމަށެވެ.
ވެމްކޯގެ ޚިދުމަތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ނައްތާލަންޖެހޭ މުދަލާއި ތަކެތި ނައްތާލުމުގެ އިންތިޒާމު ކުރިން ހަމަޖެހިފައިވަނީ، ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓުގައެވެ.
ނަމަވެސް ލޮކްޑައުންއާއި، މުޅި ރާއްޖޭގައި ދަތުރުފަތުރުކުރުން މަނާކުރުމާއި ގުޅިގެން، ވެމްކޯއިން މިވަނީ، ނައްތާލުމަށް ބޭނުންވާ ބާވަތްތައް މަދު ޢަދަދަކަށް ހިމެނޭ ފަރާތްތަކަށް، މާލޭ ޓްރާންސްފަރ ސްޓޭޝަނަށް ކުނި ނައްތާލުމުގެ ޚިދުމަތަށް އެދުމުގެ އިންތިޒާމު ހަމަޖައްސާފައެވެ.
މި ގޮތުން މާލޭ ޓްރާންސްފަރ ސްޓޭޝަނުން ކުނި ނައްތާލުމުގައި ވަނީ އުސޫލެއް ކަނޑައަޅާފައެވެ.
އެ އުސޫލުގެތެރެއިން ނައްތާލެވޭ ބާވަތްތަކުގެތެރޭގައި، މުއްދަތު ހަމަވެފައިވާ ކާބޯތަކެއްޗާއި، ތަޣައްޔަރުވެފައިވާ ކާބޯތަކެއްޗާއި، ކުނިވެ ހަލާކުވެ ނުވަތަ މުޅަވެފައިވާ ކާބޯތަކެތި ހިމެނޭކަމަށް ވެމްކޯއިން ބުނެއެވެ.
މީގެ އިތުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނައްތާލަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ކާބޯތަކެއްޗާއި، ބޭހުގެ ބާވަތްތަކާއި، ކަމާބެހޭ ފަރާތްތަކުން ނައްތާލުމަށް އަމުރުކޮށްފައިވާ ތަކެތި ވެސް ހިމެނޭކަމަށް ވެމްކޯއިން ބުނެއެވެ.
ނަމަވެސް މި ބާވަތްތަކުގެ ކުނިބުނީގެތެރޭގައި ކެމިކަލް އެކުލެވޭ ނުރައްކާތެރި ކުނި ނުހިމެނޭނެކަމަށް ވެސް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން ބުނީ، މި އުސޫލުގެތެރެއިން މާލޭ ޓްރާންސްފަރ ސްޓޭޝަނުން ނައްތާލެވޭ ތަކެތީގެ މިންވަރަކީ، 350 ކިލޯއާއި، 1500 ކިލޯގެ އުޅަނދުތަކުގައި ގެނެވޭ ކުނިކަމަށެވެ. މީގެ އިތުރުން ވެމްކޯއިން ބުނީ، ޚިދުމަތަށްއެދޭ ފަރާތަކަށް ދުވާލެއްގެ މައްޗަށް ގިނަވެގެން އުކޭނީ 1500 ކިލޯގެ އުޅަނދެއްގެ ކުނިކަމަށެވެ.
މި ޚިދުމަތަށް ވެމްކޯއިން ނަގަން ހަމަޖެހިފައިވާ ފީ އަކީ، ޓަނަކަށް 2700 ރުފިޔާކަމަށާއި، އޭގެތެރޭގައި ޖީއެސްޓީ ނުހިމެނޭނެކަމަށް ވެމްކޯއިން ބުނެއެވެ.
މީގެ އިތުރުން، ފީ ނަގާނީ، ކުނި ގެންނަ ވެހިކަލްގެ ބަރުދަނަށް ބަލައިގެންކަމަށާއި، އެ ކަން ބަލާނީ ވެހިކަލްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓުންކަމަށް ވެސް ވެމްކޯއިން ހާމަކުރެއެވެ.

