ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު މިއަހަރު ބޭއްވުމަށް ނިންމާފައިވާ ލޯކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއވެ.
މުއްދަތެއް ނެތްގޮތަށް އިލެކްޝަންސް ކޮމިޝަނުން ފަސްކޮށްފައިވާ ކައުންސިލް އިންތިހާބުގައި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފަކު ނޔވަތަ މުވައްޒަފުންތަކެއް ވާދަކުރޭތޯ ބެލުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިންނެވެ.
ރާއްޖޭގައި މިހާރު އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައުމުން ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު ވާދަކުރޭތޯ ޖުޑިޝަރީ ކޮމެޓީން ބަލަން ނިންމީ މަޖިލީޙުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ޖުޑިޝަރީ ކޮމެޓީއަށް ފޮނުވި ސިޓީއަކާއި ގުޅިގެންނެވެ.
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މުއްދަތެއް ނެތްގޮތަށް ކައުންސިލް އިންތިހާބު ފަސްކޮސްފައި ވުމާއިއެކު ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އިންތިހާބުގައި ވާދަކުރާތީ ސަސްޕެންޑް ކޮށްފައިވާ މުވައްޒަފުންގެ މައްސަލައާއި މެދު ގޮތެއް ނިންމައި ދިނުމަށް އެދި މަޖިލީޙުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ ކަމާއި މެދު ޖުޑިޝަރީ ކޮމެޓީއަށް ފެންނަ ގޮތެއް ނިންމައި ދިނުމަށް އެދިފައިވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ފަރާތުން ޖުޑިޝަރީ ކޮމެޓީއަށް ފޮނުވި ސިޓީއާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ ޖުޑިޝަރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެ ދާއިރާގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެ އަދި އިންތިހާބުތަކުގައި ވާދަކުރުމަކީ މަނާ ކަމެެއް ކަމަށެވެ. ނަމަވެސް ކައުންސިލް އިންތިހާބުގައި ޖުޑިޝަރީގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު ކުރިމަތިލާފައިވާކަން މިހާތަނަށް އެނގިވަޑައިގެންފައި ނުވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
ކޮމެޓީ ބައްދަލުުވުމުގައި ހުރިހައި މެމްބަރުން ވެސް ވިދާޅުވީ ޖުޑިޝަރީގައި މަސައްކަތް ކުރާ މުވައްޒަފަކު އާންމު އިންތިހާބަކަށް ކުރިމަތިލާ ހިސާބުން ފެށިގެން އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށާއި އެހެން ކަމުން ވަޒީފާ ގެއްލިފައިވާ ބައެއްްގެ ސަސްޕެންޝަނާއި ބެހޭ ގޮތުން ގޮތެއް ނިންމަން ނުޖެހޭ ކަމަށް މެމްބަރުން ވިދާޅުވިއެެ. ނަމަވެސް ކޮމެޓީން ވަކި ގޮތެއް ނިންމާނީ ޖުޑިޝަރީގައި މަސައްކަތްކުރާ މުވައްޒަފަކު އިންތިހާބުގައި ވާދަކުރޭތޯ ޑިޕާޓްމެންޓް އިފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން މެދުވެރިކޮށް ބެލުމަށް ފަހު ކަމަށް ކޮމެޓީގެ ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.
ޝަރުއީ ދާއިރާގައި މަސައްކަތްކުރާ އެއްވެސް މުވައްޒަކު އިންތިހާބުގައި ވާދަކުރޭތޯ ބެލުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމާފައިވާއިރު ކައުންސިލް އިންތިހާބުގައި ވާދަކުރާތީ ސަްސްޕެންޑް ކޮށްފައިވާ ސިވިލް ސާވިސްގެ މުވައްޒަފުން ސަސްޕެންޝަން އިންތިހާބު ބާއްވާނެ ތާރީހެއް އަލުން ކަނޑައަޅަންދެން އުވިގެންދާ ގޮތަށް ކައުންސިލް އިންތިހާބާއި ގުޅޭ ހާއްސަ ބިލެއް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ ބިމް މަޖިލީޙުން ފާސްކޮށްފައި ވަނީ ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ.

