ބުޅި ކެނޑޭނީ ކެޔޮޅުން އަތުންނޭ ބުނެ އުޅެއެވެ. އެކަމަކު މާގިނައިން ކެޔޮޅު އަތުން ބުޅި ކަނޑައިގެންދާ ފަށައިފިނަމަ ފަޅުވެރިންވެސް ހިތްހަމައެއް ނުޖެހޭނެއެވެ. އެކަހަލަ ކަމެއް ދިމާވެ، އެވަރުގެ އިހުމާލު ވުމެއް ހިނގާފާނެ ކަމަށް ބުނެ ފަރުޖައްސާލައިގެނެއް ނުތިބޭނެއެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލާއާފާތުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގައި އެފަދަކަމެއް ހިނގާފާނެއެވެ. ކެޔޮޅު މީހާގެ އަތުން ބުޅި ކެނޑިދާނެއެވެ. އެކަމަކު މާ ގިނައިން ބުޅި ކެނޑެން ފަށައިފިއްޔާ އެއީ އިތުރު ގޯހެއް އުޅެނީއެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ގައުމު ބިރުވެރިކަންމަތީ އޮތް ވަގުތެއްގައި، ހާސްކަން މަތީތިބެ ކަންކަން ކުރަމުންދާއިރު ގޯހެއް ހެދިދާނެކަންވެސް ގަބޫލު ކުރަންޖެހެއެވެ. އަތްދަށުން ކަމެއް ދޫވެގެން ހިނގައިދާނެކަމަށްވެސް އެއްބަސްވާން ޖެހެއެވެ. އަދި އެފަދަ ކަމެއް ދިމާވުމުން ދެންބަލަންވާނީ ކުރިޔަށް އޮތްތަނުގައި އެފަދަކަމެއް ތަކުރާރުނުވެ ކުރިއަށް ދިޔުމަށެވެ. މި ދަނޑިވަޅުގައި މި ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތްކުރައްވާ ބޭފުޅުން، ޚައްސަކޮށް ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން އެ އުޅުއްވަނީ ފުރާނަ އަތްމަށްޗަށް ލައިގެން ރައްޔިތުންގެ ގެ ހިދުމަތު ގައެވެ. މިފަދަ ދަނޑިވަޅެއްގައި އޭގެން އެއްވެސް ބޭފުޅަކު ގަސްތުގައި އިހްމާލު ވެދާނެ ކަމަކަށް ޤަބޫލެއް ނުކުރަމެވެ.
ހާލަތުގެ ގޮތުން މި ދަނޑިވަޅުގައި ”ކެނޑޭ ބުޅި“ ތަކަށް މާބޮޑަށް ވިސްނުމަކީވެސް ގޯހެކެވެ. އެހެން ވިސްނަންވެއްޖެނަމަ އިތުރު ތަކްލީފްތަކެއް ކުރިމަތިވުމަކީ ގާތްކަމެކެވެ. މިކަމުގައި މައްސަލަ ނުކުންނަ ހިސާބަކީ ޖަވާބުދާރީވާން ތިއްބަވާ ބޭފުޅުން މިފަދަކަމެއް އަތްދަށުން ދިޔުމުން އެކަން ދިފާއުކޮށް އެއީ ނުވާކަމަށް ހަދަން މަސައްކަތް ކުރެއްވުމެވެ. އެންމެ ފަސޭހަ ޖުމްލައަކަށް އިހުމާލެއް އޮތްތޯ ބަލާނަމޭ ބުނެ ކަންކަން ފޮރުވަން ފަސްއަޅާ އެޅުމެވެ. ބުނެލަން ފަސޭހަ ޖުމްލަކުން ހުރިހާ ކަމެއް ފަރުޖައްސާލަން މަސައްކަތްކުރުމެވެ. ފަހުން އެކަމެއްގެ މަތިން މީހުން ހަނދާންނެތިދާނެ ކަމަށެވެ.
އިހުމާލެ އޮތްތޯ ބަލާނަމަ ބަލަންޖެހޭނީ އެންމެ ކަމެއް ދެކަމެއް ނޫނެވެ. ބަލަންޖެހޭ އެތައް ކަމެއް އެބަހުއްޓެވެ. ކޮވިޑް 19 އަކީ ”ބަލާއާފާތެއް“ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ނިންމުމާއެކު، ރާއްޖޭގެ މައި ދޮރާށި ބަންދުކޮށް މާލެ ލޮކްޑައުން ކުރުމަށް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުން ކެނޑިނޭޅި ގޮވަމުންދިޔައެވެ. ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދިޔަ ގައުމުތަކުގެ މީހުންނާއި ފްލައިޓްތަކަށް ރާއްޖޭ ނާދެވޭނެ ގޮތެއް ހެދުމަށް އާދޭސްކުރަމުންދިއެވެ. ނަމަވެސް ސްޓޭކް ހޯލްޑަރުން (އެމީހުންނަށް މުހިތްމުވި ވިޔަފާރިވެރިން) ގެ ބަސް އަހަން ހަދައިގެން، ކޮވިޑް-19 ގެ ނުރައްކާ ރާއްޖޭގެ ހަފޮޅުން އެތެރޭވީއެވެ. ރިސޯރޓުތަކުގެ ޚަރަދު ސަލާމަތް ވާވަރަށް ގެސްޓުން ނާންނަން ފެށީމުން ރިސޯޓުތަށް ބަންދުކުރިއެވެ. ބޯޑަރު ބަންދު ކުރިއިރު ރާއްޖެ އަންނާނެ މީހެއް ފްލައިޓެއް ނެތެވެ. އިޓަލީގައި ހެސްކިޔާފައި ވައިރަސް ފެތުރެނިކޮށް ވެސް އިޓަލީ ފަތުވެރިން ގެނައުން ހުއްޓައެއް ނުލިއެވެ. އެހިސާބުން އެއްކަލަ އިހުމާލެއް އޮތްތޯ ބަލާނަމޭ ބުނެ ހަމަޖައްސާލިއެވެ. އެހިސާބުން އެއީ ނުވާކަމަށްވެ ނިމުނީއެވެ.
ރާއްޖެއަށްވެސް ކޮވިޑް-19 އާ ކުރިމަތިލާންޖެހުނީއެވެ. ދެން އޮތީ އެހެން ވާހަކައެކެވެ. ”ކިރިޔާ އަލާމާތެއް ހުރި މީހަކު ޓެސްޓުނުކޮށް ދޫކޮށްލުމާއި 14 ދުވަސް ކަރަންޓީނުގައި ހަމަނުކުރުން ފަދަ އެއްވެސް ކަމެއް ދޫނުކޮށްލާނަން އަޅުގަނޑުމެން“ މިއީ ޑައިރެކްޓަރު، ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވި ވާހަކަފުޅެކެވެ. އެކަމަކު ފެނުނު މަންޒަރުތަފާތެވެ. ކުރެވުނު ކަންތައްތައް ވެގެންދިޔައީ ލިބުނު ފިލާވަޅަކަށެވެ. އެ ފިލާވަޅަކީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު، ނަތީޖާ ނުލިބެނީސް އިޓަލީގެ ދެ ފަތުރުވެރިއަކު 27 މާޗުގައި ފުރުވައިލެމެވެ. އެމީހުން ޕޮޒިޓިވްވިކަން އެގުނީ އެމީހުން ދަތުރުކުރި ފްލައިޓް ވައިގެ ތެރޭގައި އުދުހެމުންދަނިކޮށެވެ.
އުސޫލުގެ ތެރެއިން ބަލިޖެހިފައިވާ ކަމަށް ބެލެވޭ މީހަކު ޓެސްޓްގެ ނަތީޖާ ނުލިބެނީސް ފޮނުވޭނަމަ، އެއުސޫލެއް ބަދަލު ކުރުމުގެ ބާރު އޮންނާނެއެވެ. 100 ފޫޓު ހަމަނުވާ ބޯޓެއްގައި ތިބި 2 މީހަކަށް ގައިންގަޔަށް އަރާ ބައްޔެއް ޖެހުނުކަން އެނގުމުން އެބޯޓުގައި ދެން ދަތުރުކުރި މީހުން އެ ވެއްޓުނީ ނުރައްކަލަކަށެވެ. ތައުރީފު ކުރަންވީމައި ތަރީފުވެސް ކުރާނަމެވެ. އެކަމަކު ސާމްޕަލް ނަގާފަ ނަތީޖާނުލިބެނީސް ރިސްކު އޮތް ބަޔަކު ފުރުވާލުން ބަލައެއް ނުގަނެވޭނެއެވެ. އެފްލައިޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނާ ހުރިހާ ކުރޫއިންގެ ފުރާނަ ނުރައްކަލައް ވައްޓާލާފަ އެއީ ހެދުނު މިސްޓޭކެއް ކަމައް ނުދެކެމޭ ވިދާޅުވުން އެއީ ޖޯކެއް ނޫނެވެ. އިހުމާލެއް އޮތްތޯ ބަލާނަމޭ ބުނެލަން ފަސޭހަވާނެއެވެ. ނަމަވެސް އެ އިހުމާލަކުން ލިބޭ ގެއްލުމަކީ ފޫ ނުބެއްދޭ ގެއްލުމަކަށް ވެދާނެއެވެ.
މި ސިލްސާއަށް އިތުރުވެގެންދިޔަ އަޅެއް ބޮޅަކީ ކަރަންޓީން ފެސިލިޓީއެއް ކަމަށް ވާ އެނބޫދޫ ވިލެޖްގައި ހުރި ކުއްޖެއްގެ ކާފަ ނިޔާވުމުން ޖަނާޒާއަށް އެކުއްޖާ މާލެ ގެނައި ގެނައުން، ސަރުކާރުން ދިފާއު ކުރުމެވެ. ކިތަންމެ ވަރަށް ދިފާޢު ކުރިނަމަވެސް އެހެދީ ގޯހެކެވެ. އެކަމަކު ހަމަ އެދަނޑިވަޅަކީ އެ ކުއްޖާއަށްވެސް ކިތަންމެހާވެސް މުހިއްމު ދަނޑިވަޅެއްކަން ޤަބޫލުކުރަމެވެ. ނަފްސާނީ ގޮތުންވެސް ގެއްލުން ލިބެނެވި ހާލަތެއްކަން އެނގެއެވެ. މިކަމުގައި އެކުއްޖާގެ އެއްވެސް ގޯހެއް ނެތެވެ. މައްސަލައަކީ ކަމާއި ގުޅުންހުރި ފަރާތްތަކުން އެކުލަވާލާ އެސްއޯޕީ ތަކަށް އެފަރާތްތަކުން އަމަލު ނުކުރެވުމެވެ. އެކުއްޖާގެ ފަރާތުން އަލާމާތެއް ނުފެނި އިރާދަފުޅާއެކު ރަނގަޅުވިޔަސް އެ ދަނޑިވަޅު އެކުއްޖާގެ ހާލަތެއް ނޭނގެއެވެ. ނުވަތަ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ޕަބްލިކް ހެލްތާއި ޢާންމުންގެ ރައްކާތެރިކަމާއި ސަލާމަތަށް ވިސްނާއިރު އެކަންނުކޮށް ފަރުޖައްސަން ދެއްކޭނެ ބައިވަރު ހުއްޖަތްތައް ހުންނާނެކަންވެސް އެނގެއެވެ. އޭގެ އެއް މިސާލަކަށް ކުރިންވެސް މި ދެންވިގޮތަށް އިހުމާލެއް އޮތްތޯ ބަލާނަމޭ ބުނެލުމެވެ.
ކޮވިޑް-19 އަށް ރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ހެލްތު މިނިސްޓަރު އަބދުﷲ އަމީން ވިދާޅުވީ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. ނަމަވެސް އެވިދާޅުވާ މިންވަރަށް ތައްޔާރުވެވިފައިވާ ކަމަށް ރައްޔިތުންގެ ތެރެއިން ޤަބޫލު ކުރަނީ މަދުބަޔެކެވެ. ސަރުކާރުގެ ދިފާއުގައި އެކަމަށް އެއްބަސްވާ ބަޔަކުވެސް ހިތުގެ އަޑިން އެކަމެއް ޤަބޫލެއް ނުކުރެއެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުގައި މާގަދައަށް އެހެން ގައުމުތަކުގެ މިސްމެނޭޖްމަންޓްގެ ވާހަކަ ދެއްކުމުން ސިއްޙީ ދާއިރާގެ ބޭފުޅުން ފިޔަވައި ދެން މިއުޅޭ މީހުންގެ ކޮންފިޑެންސް ހުރިވަރު ވަޒަންކޮށްލެވޭނެއެވެ. އެއްވެސް ހަރުދަނާ ކަމެއް ނެތެވެ. ބޮސުންލައިގެން ދާއިރު ރައްޔިތަކަށް ފަސޭހަވާނެ އިންތިޒާމެއް ހަމަޖައްސަން ކެރުނު ވަޒީރަކު ނެތެވެ. ކުރާ ހުރިހާ ކަމެއް އެއްބަޔަކެވެ. ޓެގު ކިޔާބަޔަކު ޓެސްޓުކުރަނީއެވެ. ފުލުހުން ފޯރި މަރަނީއެވެ. ރައްޔަތުން ވީހާލެއްގައި ވާން ދޫކޮށްލީއެވެ.
ތައްޔާރުވެފައިވާ މިންވަރު މި ބަލީގައި މީހަކު ދުނިޔެ ދޫކުރި ހިސާބުންވެސް އެގެއެވެ. އެކަމުގެ ވަށައިގެންވާ ކަންކަމަށް ބަލާލުމުންނެވެ. ޢުމުރުން ދުވަސްވީމީހެއްކަން އެނގެއެވެ. ޢުމުރުން ދުވަސްވީމީހުނަކީ ހައިރިސްކު ބައެއްކަންވެސް އެނގެއެވެ. މިހުރިހާ ކަމެއް އެނގިތިބެ ޓެސްޓުތައް ހެދުނީ 4 ދުވަސް ފަހުންނެވެ. އެވެސް އާއިލާއިން ބުނެކިޔާ އާދޭސްކޮށްގެންނެވެ. 6 ގަޑި އިރުން ލިބޭ ނަތީޖާ ލިބުނީ 24 އިރުފަހުންނެވެ. ހެނދުނު ނޭވާލުމަށް އުނދަގޫ ކަމާއި ބަލިވެ އުޅޭކަން އެންގުމުން ހޮސްޕިޓަލަށް ގެންދެވުނީ އިރުއޮށްސުނު ފަހުންނެވެ. އެކަމަކު ދަންވަރު ޕްރެސް ބާއްވާ މިނިސްޓަރުވެސް ވިދާޅުވީ ”ތިފަދަ ކަމެއް އުޅޭތޯ އަޅުގަނޑުމެން ބަލާނަން“ ކަމަށެވެ. އެކަމަކު އެކަން ބެލިދާނެކަމާއިމެދު ވެސް ސުވާލު އުފައްދަށް ޖެހެއެވެ.
މިމަހުގެ ދެވަނަ ދުވަހުވެސް އާކަމެއް ތަކުރާރުވިއެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްނުވާ ކުޑަ ކުއްޖެއް ކަރަންޓީނަށް ގެންދިޔުމެވެ. އެންމެ ފަހުން އެކަމަށް މާފަށް އެދުނީއެވެ. އެކަންކުރެވުނީ ނަމުގައި އެއް ގޮތް ކަމެއް ހުރުމުން ކަމަށް ސަރުކާރުން ބުންޏެވެ. ނަމުގައި އެއް ގޮތް ކަމެއް ހުއްޓަސް ހަމަ ގައިމުވެސް އައިޑީކާޑުގައި އެއް ގޮތް ކަމެއް ނުހުންނާނެއެވެ. އެއް ގޮތަކަށް ބަލައިފިނަމަ ވާނުވާ ނޭނގިގެން ކުޑަ ކުއްޖަކު ނުރައްކަލަކަށް ހުށަހެޅިގެންދިޔައީއެވެ. މިހުންނަނީ އިންތިޒާމްތައް ދޯދިޔާ ވުމުގެ ސަބަބުން ދިމާ ކަންކަމެވެ. މިހެން އަދި ނޭގި ކިތަންމެ ކަމެއް ހުރުން އެކަށީގެންވެއެވެ. ފަރުވާ ލިބުމާއި ބަލި މީހުންނަށް އެޓެންޑުވުމާއި މިނޫންވެސް އެތަކެއް ކަމެއް ފެންމަތިނުވެ ނުވަތަ އާންމުންނާއި ހަމައަށް ތިލަނުވެ ހުރެދާނެއެވެ. ހުސް އިހުމާލުން ހިނގާ ކަންކަމެކެވެ. ކޮންމެއަކަސް އިހުމާލެއް އޮތްތޯ ބަލާނަން، ބުނެލަން ފަސޭހަ ބަހެކެވެ.

