މާލޭގެ މަގުތަކުން ކުރިން ދޫކޮށްފައިވާ ޕާކިން ސްލޮޓްތަކުގެ މައްސަލާގައި ހާއްސަ އިންވެސްޓިގޭޓިވް އޮޑިޓެއް ހަދަން ހުށަހެޅީ ސިޔާސީ މަގްސަދެއްގައި ނޫންކަމަށާއި، އޭގެ ބޭނުމަކީ އެ މުއާމަލާތްތަކުގައި ހިނގާފައިވާ ނޭދެވޭ ކަންކަމާއި މާލީ މުއާމަލާތްތައް ފުންކޮށް ބަލައި ތަހުގީގުކުރުން ކަމަށް މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު ހުސައިން ފުރުޝާން ވިދާޅުވެއްޖެ އެވެ.
މާލޭގެ މަގުތަކުން ކުރިން ދޫކޮށްފައިވާ ޕާކިން ސްލޮޓްތަކާއި ގުޅޭގޮތުން ހާއްސަ އިންވެސްޓިގޭޓިވް އޮޑިޓެއް ހެދުމުގެ މަސައްކަތް، އިތުރަށް ދިރާސާކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ އޮޑިޓް ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. މި މައްސަލަ އޮޑިޓް ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅީ ފުރުޝާން އެވެ.
މިކަމާ ގުޅޭގޮތުން ”ސަންގު ޓީވީ“ ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ފުރުޝާން ވިދާޅުވީ، މި މައްސަލާގައި އާދައިގެ އޮޑިޓެއް ހެދުމުގެ ބަދަލުގައި އިންވެސްޓިގޭޓިވް އޮޑިޓެއް ހަދަން ހުށަހެޅުއްވީ ލިބެން ހުރި ލިޔެކިޔުންތަކަށް އެކަނި ބެލުމުގެ ބަދަލުގައި، ޝައްކުކުރެވޭ ފަރާތްތަކުގެ އެކައުންޓްތަކާއި ހިނގާފައިވާ މާލީ މުއާމަލާތްތައް ފުންކޮށް ބެލުމުގެ ބޭނުމުގައި ކަމަށެވެ. އަދި އޭރުގެ ސަރުކާރުން މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، މިހާރުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ވެސް މަގުމަތިން އެގޮތަށް ޖާގަ ނުވިއްކޭނެކަމަށް ލަފާދެއްވުމުން އެ ސްލޮޓްތައް ކެންސަލްކޮށްފައިވާތީ، އޭގެ ތެރޭގައި ހިނގާފައިވާ ގަވާއިދާ ހިލާފު ކަންކަން ބަލަންޖެހޭކަމަށް ފާހަގަކުރެއްވި އެވެ.
ފުރުޝާން ވިދާޅުވީ، މާލޭގެ މަގުތަކުން 800 އަށްވުރެ ގިނަ ޕާކިން ޖާގަ ވިއްކާފައިވާ މައްސަލައަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް ކަމަށެވެ. އެގޮތުން މަގުމަތިން ޖާގަ ނުވިއްކޭނެ ކަމަށް 10 ފެބްރުއަރީ 2022 ގައި ޓްރާންސްޕޯޓް މިނިސްޓްރީންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލިޔުމުން އަންގާފައިވަނިކޮށް، އަދި އެޓާނީ ޖެނެރަލްގެ ލަފައެއް އޮތްއިރު ވެސް އޭރުގެ ސިޓީ ކައުންސިލުން އެ އެންގުންތަކަށް ބެލުމެއްނެތި އެކަން ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ފުރުޝާން ފާހަގަކުރެއްވި ގޮތުގައި، މި މުއާމަލާތްތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންކަން ކަމަށް ބެލެވޭތީ، މިނިވަން ފަރާތަކާ ހަވާލުކޮށްގެން ހާއްސަ އިންވެސްޓިގޭޓިވް އޮޑިޓެއް ހެދުމުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެދުވެރިކޮށް ވެސް މި މައްސަލަ ބަލަންޖެހެ އެވެ.

