ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު ހިނގާ މީޑީއާއެއް މިވަގުތު ވަރަށް މުހިތްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން މި ސަރުކާރުން ކަށަވަރުކޮށްދެނީ ސައްޙަ މައުލޫމާތު ނުލިބޭނަމަ އޭގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެތީ ކަމަށެވެ.
ރައީސް ވިދާޅުވީ ކޮވިޑް-19ގެ ފަދަ ކާރިސާގެ ހާލަތްތަކުގައި ސައްހަ ނޫން މައުލޫމާތު ފެތުރުމުން ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.
ނޫސްވެރިކަމާއި ނޫސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ނައްތާލައި މިނިވަން ނޫސްވެރިކަމެއް ކަށަވަރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި 2018 ވަނަ އަހަރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ. ނަމަވެސް މިދިޔަ އަހަރު ރާއްޖެ އޮތީ ޕްރެސް ފްރީޑަމް އިންޑެކްސްގައި 79 ވަނައިގަ އެވެ.
ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އަންގައިދިނުމަށް ކޮންމެ އަހަރަކު ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ނެރޭ އިންޑެކްސްއެކެވެ.

