ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން ކަމުން މިދިޔަ ބުރާސްފަތި ދުވަހު ވަކިކުރި އަހުމަދު ޝަހީރު، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕެމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއާމަންގެ މަގާމަށް އައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ބުނީ އެމްޓީޑީސީ ޗެއާމަންކަމުގެ މަގާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، މ. ލާލުބާޣު، އަޙްމަދު ޝަހީރު، އެކުންފުނީގެ ބޯޑުން އައްޔަނުކޮށްފައިވާ ކަމަށެވެ.
އެ ކުންފުނީގެ ޗެއާމަންކަމުގެ މަގާމަށް ޝަހީރު އައްޔަންކޮށްފައި މިވަނީ، އަޔާޑާ މޯލްޑިވަސް ރިސޯޓުު ހިންގަމުން އަންނަ ގދ. މަގުއްދުވާގެ ހެޑްލީސް އެ ރިސޯޓު ހިންގާ ކުންފުންޏަށް ނުއަގުގައި ވިއްކާލަން އުޅޭ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެކަމާ ގުޅިގެން ކުންފުނީގެ ބޯޑުން މެމްބަރަކު އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އަދި އެ މުއާމަލާތަށް މަގުފަހިކުރުމުގެ ގޮތުން ކުންފުނީގެ އިތުރު ހިއްސާ ވިއްކަން ބޯޑުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ނުއަގުގައި މަގުއްދުވާ ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށް އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރ ވެސް މީގެ ކުރިން ވަނީ ބަދަލުކޮށްފައެވެ. އެގޮތުން އެ މަގާމުގައި ދިގު މުއްދަތަކަށް ހުންނެވި އަހުމަދު ނިޔާޒު ވަކިކޮށް، އެ މަގާމަށް ހާރިސް މުހައްމަދު އައްޔަންކުރީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅުއެވެ.
މަގުއްދުވާގެ ސަބްލީސްގެ ގޮތުގައި ކޮންމެ ކުއާޓަރެއްގައި އެމްޓީޑީސީއަށް 1.2 މިލިއަން ޑޮލަރު ލިބޭއިރު، ތުރުކީގެ ކުންފުންޏަށް ރަށުގެ ހެޑްލީސް ވިއްކާލަން އުޅެނީ ވެސް ގާތްގަނޑަކަށް އެ އަގަށެވެ. އެހެންކަމުން، އެ ކުންފުނީގެ އާންމު ހިއްސާދާރުންގެ މެދުގައި އެކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

