ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވީ މީހުންގެ ތެރެއިން، އުމުރުން ދުވަސް ވީ މީހެއްގެ ހާލު ސީރިއަސްވެފައި ވާތީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދޭން ފަށާފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.
އެންއީއޯސީން ދަރުބާރުގޭގައި، އޮންލައިންކޮށް މިރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ވިދާޅުވީ، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނީ އުމުރުން 88 އަހަރުގެ މީހަކަށް ކަމަށެވެ. އަދި އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށާފައިވަނީ ހަލަތު ގޯސްވާން ފެށުމުން ކަމަށް ވިދާޅުވިއެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ، އޭނާއަށް އޮކްސިޖަން ލެވެލް ދަށްވެ، ލޭގެ ޕްރެޝަރު ދަށްވުން ދިމާވަމުން ދާ ކަމަށެވެ. އެހެން ނަމަވެސް، ވެންޓިލޭޓަރަށް ލާ ފަރުވާ ދޭން ފެށިފަހުން ހާލަތު އިތުރަށް ގޯސްވެފައި ނުވާ ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި މިވަގުތު، ބަލި ޖެހިފައިވާ ފަސް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އެއީ މުޅިންވެސް އުމުރުން ދުވަސް ވީ ފަރާތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ، 80 އަހަރުގެ ދިވެހި ފިރިހެނަކާއި، 68 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން، 70 އަހަރުގެ އަންހެނަކާއި، މިވަގުތު ވެންޓިލޭޓަރުގައި ފަރުވާދެމުން ދާ މީހާގެ އިތުރުން ޕާކިސްތާނުގެ މީހެކަށެވެ.
ރާއްޖޭގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދަކީ، 527 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، 181 ދިވެހިންނާއި، 346 ބިދޭސީންނެވެ.

