ބަލި ޖެހިފައި ހުރި މީހުން ކޮންމެވެސް ވަރަކަށް މަދުވާހެން ހީވުމަކީ، އެއީ އަދި ”ހަމަޖެހިލަން“ ޖެހޭ ސަބަބެއް ނޫން ކަމަށާއި، ހާލަތު ބަދަލުވެދާނެ އިރެއް ނޭނގޭނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއީ އަދި ހަމަޖެހިލަންވީ ވަގުތެއް ނޫން ކަމަށެވެ. މިވަގުތު ފެންނަ ޕޮޒިޓިވް ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވެފައި، އާ ކްލަސްޓާތަކެއް ނުފެނުނަސް މަންޒަރު ބަދަލުވުމަށް މާ ގިނަ ވަގުތެއް ނުނަގާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި މިހާރު ވެސް ބޮޑެތި ކްލަސްޓާތައް ހިމެނޭ ކަމަށެވެ. އެހެން ކަމުން، އެ މީހުންގެ ފަރާތުން ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޑރ. އަފްޒަލް ވިދާޅުވީ ހެލްތް ކެއާ ވޯކަރުންގެ ނުވަތަ، ފްރަންޓް ލައިނަށް ބަލައިގެން އެންޓި ބޮޑީ ޓެސްޓިންއެއް ހެދުމުގެ ވިސްނުމެއް އެބަހުރި ކަމަށެވެ. ނަމަވެސް، އެއީ ޓެގުން މަޝްވަރާ ކުރެވެމުންދާ ކަމެއް ކަމުން، މިވަގުތު ހާއްސަ ސަމާލުކަމެއް ދޭނީ، އެކްޓިވް ކޭސްތަކަށް ކަމުގައި ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑުމެން ރިލެކްސް ވާކަށް ނުބުނާނަން. މިދިޔަ ތިން ދުވަހު މަދުން ކޭސްތައް ފެނިފައި ވީ ނަމަވެސް ވަރަށް ބޮޑަށް އެކަށީގެންވޭ ކުއްލިއަކަށް ހުރެލާފަ ހަމަ ބޮޑު ކްލަސްޓާއެއް ފެނިފައި ނަންބަރުތައް ހައިވެގެން ދިއުން“ ޑރ. އަފްޒަލް
ކޮރޯނާ ވައިރަހުގެ ސަބަބުން މާލޭގެ ހާލަތު ވަރަށް ބޮޑުތަނުން ދަށްވެފައިވާއިރު، ހާއްސަ ސަމާލުކަމެއް ބިދޭސީންނަށް ދޭން ޖެހެއެވެ. ބައެއް ބިދޭސީންގެ ދިރިއުޅުމުގެ ހާލަތު ފާހަގަކޮށް، ބަލީގެ ނުރައްކާ އޮތް މިންވަރު ބަލާ 23 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި އެ ގެތަކުން މީހުން ވަދެ ނިކުތުން ވެސް ވަނީ މަނާ ކުރެވިފައެވެ. ގެ ވަށާ ޓޭޕު ދެމުމަށްފަހު ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާއިރު އެ މީހުންގެ ކެއުމުގެ ކަންކަން ފޯރުކޮށްދެމުން ދަނީ މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފަރާތުންނެވެ.
މޮނީޓަރިންގައި ހުރި ގިނަގެތަކުން މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ކަލަސްޓާއަކީ، ޓްރިޕަލް ސީގެ ކަލްސަސްޓާއެވެ. އެ ކޭސްގައި އެއް ތަނެއްގައި ދިރިއުޅޭ 95 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެ ކޭސްއާއި ގުޅޭގޮތުން ޑރ އަފްޒަލް ވިދާޅުވެފައިވަނީ، އެ ގެއަކީ އެއީ މޮނީޓަރިންގައި ހުރި ގެއެއް ކަމަށެވެ. އަދި އެ މީހުންގެ މޫވްމެންޓެއް ނެތުމުގެ ސަބަބުން އިތުރު ބަޔަކަށް އެ މީހުންގެ ފަރާތުން ބަލި އެރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.
މާލޭގައި ބަލި ޖެހުނު މީހުންނާއި ގުޅޭގޮތުން ޑރ. އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ވި މީހުންގެ ތެރެއިން 41 އިންސައްތަ މީހުންގެ އެއްވެސް އަލާމާތްތަކެއް ނެތް ކަމަށެވެ. އަދި ޕޮޒިޓިވް ވި ކުޑަކުދިންގެ ފަރާތުން ވެސް ބަލީގެ އަލާމާތްތަކެއް ނުފެންނަ ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ، މާލޭގައި ބަލި ޖެހި ބަލި ހުރިކަން ނޭނގޭ މީހުން ތިބެދާނެ ކަމަށެވެ. އަދި ބަލި ޖެހި އަމިއްލައިން ބަލިން މީހުން ރަނގަޅުވެފައި ވެސް ހުރެދާނެ ކަމަށެވެ. ނަމަވެސް، އެންޓި ބޮޑީ ޓެސްޓުން އެކަން އެނގޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އަފްޒަލް ވިދާޅުވެފައިވަނީ، ބަލި ފެތުރުން ކުޑަކުރުން އޮތީ އާއްމުންގެ އަތް މަތީގައި ކަމަށެވެ. ހާއްސަކޮށް، ފިހާރަށް ގެއަށް ބޭނުންވާ ތަކެތި، ނުވަތަ ކާބޯތަކެތި ހޯދުމަށް ނިކުންނަށް މީހުން ސަމާލުކަން ދޭންޖެހޭ ކަންތަކެއް ހުންނާނެ ކަމަށެވެ. އަދި މި ލޮކްޑައުންގެ ތެރޭގައި ބަލި ފެތުރުމުގެ އެންމެ ބޮޑު ޗާންސްއެއް އޮތް މަގަކީ ވިޔަފާރި ކުރަން ނިކުންނަ މީހުންގެ ފަރާތުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
އެހެންކަމުން، ފިހާރައިން ގެއަށް އައުމަށްފަހު ރަނގަޅަށް އަތް ދޮވުމަށް އޭނާ އެދިވަޑައިގްންނެވިއެވެ.

