ރަށްރަށަށް ދަތުރުފަތުރުކުރުން މަނާކޮށްފައިވާ މި ދަނޑިވަޅުގައި، ސިއްރުން ލ. ކުނަހަންދުއަށް ދިޔަ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި ކަން ހާމަކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހޯމަދުވަހު ކުރި ޓްވީޓެއްގައި ބުނީ، ލ. މާމެންދޫން، އެ އަތޮޅު ކުނަހަންދުއަށް އެއްވެސް ހުއްދައެއްނެތި ރޭ ދަންވަރު ބަޔަކު ގޮސްފައިވާކަމަށެވެ.
މި ގޮތުން އެ މީހުން، ކުނަހަންދޫގައި އުޅެނިކޮށް ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ކަނދުފައްޗެއްގައި އެ ރަށަށް ދިޔަ ތިން މީހުންގެތެރޭގައި ހިމެނެނީ، 43 އަހަރުގެ މީހަކާއި، 38 އަހަރުގެ މީހެއްގެ އިތުރުން 29 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ.
މި ތިން މީހުން މިހާރު ވަނީ 15 ދުވަހުގެ މުހުލަތަށް ފުލުހުންގެ ބެލުމުގެދަށުގައި ބަންދުކޮށްފައި ކަމަށާއި، މި މައްސަލަ ތަހުޤީޤުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.
ކޮރޯނާ ވައިރަސް ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ މި ދަނޑިވަޅުގައި، ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. މި ގޮތުން، ބައެއް ރަށްތައް ލޮކްޑައުންކޮށް، ރަށްރަށުގެ މެދުގައި ދަތުރުފަތުރުކުރުން ވަނީ މަނާކޮށްފައެވެ.
ނަމަވެސް، ހުއްދައެއްނެތި އެހެން ރަށްރަށަށް އެރުމުގެ މައްސަލަތައް ދޭތެރެދޭތެރެއިން އަންނަނީ ފެންމަތިވަމުންނެވެ.
މި ގޮތުން ބަލާއިރު، ޑިންގީއެއްގައި އއ.ހިމަންދޫން ފުރަން އުޅުނު 4 މީހަކު މީގެ ކުރިން ހައްޔަރުކޮށްފައިވެއެވެ.
މީގެ އިތުރުން، ނ.މާފަރު މޮނިޓަރިންގެ ހާލަތަށް ގެނެސް އެ ރަށުން ފުރައިގެން ދިއުން މަނާކޮށްފައިވަނިކޮށް މަސްދަތުރު ދިޔަ 2 މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ.
ހަމައެއާއެކު، ބ.ގޮއިދޫން، އެ އަތޮޅު ފެހެންދުއަށް ފަތާފައިދިޔަ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލަތަކުގެ އިތުރުން، ނ.މިލަދޫން ފުރުން މަނާކޮށްފައިވަނިކޮށް، ސިއްރުން އެ ރަށުން ފުރައިގެންދިޔަ 4 މީހަކު އެނބުރި ރަށަށް އައުމާއެކު، ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

