ރާއްޖޭގައި މި ވަގުތު ތިބި ފަތުރުވެރިންނާއި، ބިދޭސީ މުވައްޒަފުންނާއި، އެހެނިހެން ފަސިންޖަރުން، އެ މީހުންގެ ޤައުމަށް ގެންދިއުމަށް މި ހަފުތާގައި 3 ފްލައިޓް ފުރުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ހޯމަވިލޭރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގައި މި ވަގުތު ތިބި ފަތުރުވެރިންނާއި، ބިދޭސީ މުވައްޒަފުންނާއި، އެހެނިހެން ފަސިންޖަރުން، އެ މީހުންގެ ޤައުމަށް ގެންދިއުމަށް މި މަހުގެ 4 ވަނަ ދުވަހާއި، 5 ވަނަ ދުވަހުގެ އިތުރުން، 8 ވަނަ ދުވަހު ދަތުރުތައް ހަމަޖެހިފައިވާކަމަށެވެ.
މި ގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން، މި މަހުގެ 4 ވަނަ ދުވަހުގައި ފުރާނީ، މޯލްޑިވިއަން ފްލައިޓް Q2 9350 ކަމަށާއި، 5 ވަނަ ދުވަހު ފުރާނީ، ޓަރކިޝް އެއަރލައިންސް ފްލައިޓް TK 731 ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މި މަހުގެ 8 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވަނީ ޔުކްރެއިންގެ ސްކައިއަޕް އެއަރލައިންސް ފްލައިޓް PQ 5906 ކަމަށް ވެސް، ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
މި 3 ފްލައިޓް ފުރުމަށް ހަމަޖެހިފައިވާއިރު، މި މަހުގެ 01 ވަނަ ދުވަހުގައި ގުރުޑާ އެއަރލައިންސް ފްލައިޓް GA 9830 އިން ވެސްވަނީ ބިދޭސީން ގޮވްއިގެން އެ މީހުންގެ ޤައުމަށް ފުރާފައެވެ.

