2004 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ސުނާމީ ކާރިސާއާއި އަދި ދިވެހިރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރިގެން ހިންގި ހަރަކާތްތަކާއި ކުރެވުނު މަސައްކަތުގެ ތެރެއިން ހިންގިފަދަ ކޮރޮޕްޝަންގެ އަމަލުތައް ކޮވިޑް19 އާއި ގުޅިގެން ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ކޮވިޑް19 އާއި ގުޅިގެން އޭސީސީ ކުރަމުންދާ މަސައްކަތްތައް ސާފްކުރުމަށް އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިޔުނާ ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި އަދި ކުރަމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޮރޮޕްޝަނަށް މަގުފަހިވާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ ތެރޭގައި އެންމެ ބޮޑަށް ކަންބޮޑުވުންފާޅުކޮށްފައިވާ ތިން މައްސަލަ ހާއްސަ އިސްކަމެއް ދީގެން ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެގޮތުން ކޮވިޑާއި ގުޅިގެން އޭސީސީން ތަހުގީގު ކުރަމުންދާ ފުރަތަމަ މައްސަލައެއްގެ ގޮތުގައި ޝިޔުނާ ފާހަގަ ކުރެއްވީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ޕޮރޮކިޔުމެންޓް ޕޮރޮސެސް ކުރިއަށްގެންދާ ގޮތާއި އަދި ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި ބޭނުންވާތަކެތި ގަތުމުގައި އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭ ގޮތަށް ތަކެތި ގަނެފައިވާ ކަމަށް ނުވަތަ ގަންނަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ. ދެ ވަނަ މައްސަލައެއްގެ ގޮތުގައި އޭސީސީން ތަހުގީގު ކުރަނީ ކޮވިޑާއި ގުޅިގެން ގެންނަން ނިންމާފައިވާ ވެންޓިލޭޓަރުގެ މައްސަލައެވެ. އަދި ތިން ވަނަ މައްސަލައެއްގެ ގޮތުގައި އޭސީސީން ތަހުގީގު ކުރަނީ ކޮވިޑާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ފަރާތްތައް ގެނައުމުގައި އިސްކަން ދިން ގޮތާއި އަދި މީޙުން ގެނައުމުގައި ސަރުކާރުގެ އިސްފަރާތްތަކުގެ ނުފޫޒް ފޯރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.
”މިހާތަނަށް ކޮވިޑާއި ގުޅިގެން ޖެނަރަލް ޕަބްލިކްގެ ފަރާތުން ދެ ޝަކުވާއެއް ވަނީ ހުށަހަޅާފަ. މި ވަގުތު ކޮމިޝަނުން އިސް ނަގައިގެން ތިން މައްސަލައެއް ދަނީ ތަހުގީގު ކުރަމުން. އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކޮވިޑް19އާއި ގުޅިގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮސްފައިވާ މިދަނޑިވަޅުގައި ޕޮރޮކިޔުމެންޓް ޕްރޮސެސްތަކުގެ ތެރޭގައި ވަކިފަރާތަކަށް ނާޖާއޮޒް ފައޮދާތަކެއް ލިބޭގޮތަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގައި މަސައްކަތްތަކެއް ކުރަމުންދާ މައްސަލަ. މި މައްސަލަ ބަލަނީ ވަކި މައްސަލައެއްގެ ގޮތުގައި. ދެން ހަމަ އެހެންމެ ވެންޓިލޭޓަރާއި ގުޅިގެން ޖެނަރަލް ޕަބްލިކްގެ ތެރޭގައި ކަންބޮޑުވުން ހުރުމުން އެ މައްސަލަ ވެސް ދަނީ ވަކި މައްސަ؛ައެއްގެ ގޮތުގައި ތަހުގީގު ކުރަމުން. އޭގެ އިތުރުން ކޮވިޑް19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި މީހުން ގެނައުމުގައި އިސްކަންދޭ ފަރާތްތައް ކަނޑައަޅާއިރު ސަރުކާރުގެ އިސްވެރިންގެ ނުފޫޒް ބޭނުންކޮށްގެން އެ ފަރާތްތަކުގެ އާއިލާއާއި ރައްޓެހިންނާއި ގުޅުންހުރި ފަރާތްތައް ގެންނަ ކަމަށް ބުނާ މައްސަލަ“ ޝިޔުނާ ވިދާޅުވިއެވެ.
ޝިޔުނާ ވިދާޅުވީ އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅުންހުރި ލިޔުންތައް ހޯދުމަށް ފިނޭންސް މިނިސްޓްރީއަށާއި ހެލެތް މިނިސްޓްރީއަށާއި އަދި ކަމާއި ގުޅުންހުރި އެހެން މުއައްސަސާތަކުގައި ކޮމިޝަންގެ ފަރާތުން މިހާރު އެދިފައިވާ ކަމަށެވެ.
ޝިޔުނާ ވިދާޅުވީ ކޮވިޑްގެ ކަންކަން ފެށުނު ދުވަހުން ފެށިގެން އޭސީސީގެ ފަރާތުން ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އެގޮތުން މިދިޔަ މަހުގެ ތެރޭގައި ހެލެތް މިނިސްޓްރީއާއި ނެޝަނަލް އިމަޖެންސީ ސެންޓަރުގެ އިސްބޭފުޅުންގެ އިތުރން ފިނޭްސް މިނިސްޓްރީއާއި ވެސް ބައްދަލުކޮށް މަޝްވަރާކޮށް މައުލޫމާތު ހޯދާފައިވާކަން ޝިޔުނާ ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ ކޮވިޑާއި ގުޅުންހުރި ކަންކަން ހާއްސަ އިސްކަމެއް ދީގެން އޭސީސީއިން ތަހުގީގު ކުރުމުގެ ބޭނުމަކީ ސުނާމީއާއި މިނިަވަން 50 ގައި ހުށަހެޅި ފަދަ ކޮރޮޕްޝަންގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުން ކަމަށެވެ. އެގޮތުން އޭސީސީން މި މައްސަލަތައް ތަހުގީގު ކުރަމުންދާކަން ކޮމިޝަނުން ނެރުނު ބަޔާނަކުން ހާމަކޮސްފައިވާކަން ޝިޔުނާ ފާހަގަ ކުރެއްވިއެވެ. އަދި ކޮވިޑާއި ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން އަމަލު ކުރަން ޖެހޭނެ ގޮތުގެ އުސޫލެއް ވެސް އާންމުކޮށްފައިވާކަން އޭސީސީގެ ރައީސް ފާހަގަ ކުރެއްވިއެވެ.
ކޮވިޑާއި ގުޅިގެން އޭސީސީއިން ކުރިއަށް ގެންދާ ތަހުގީގުގައި ބަލާ ކަންތައްތަކުގެ ތަފްސީލް ދެއްވަމުން ޝިޔުނާ ވިދާޅުވީ ކޮވިޑާއި ގުޅިގެން ނިންމަމުންދާ ނިންމުންތައް ލިޔުމަށް ބަދަލުކޮށްފައިވާ މިންވަރު ބަލާ ކަމަށާއި އަދި ކަންކަން ނިންމުމުގައި ގާނޫނާއި ގަވާއިދުތަކަށް ތަބާވެފައިވާ މިންވަރާއި މިނޫން ވެސް ގިނަ ކަންކަން ހިމެނޭ ކަމަށް ޝިޔުނާ ވިދާޅުވިއެވެ.
ކޮވިޑާއި ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރުމުގައި ހުރި ގޮންޖެހުންތަކުގެ ތަފްސީލް ވެސް ޝިޔުނާ ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން ތުހުމަތު ކުރެވޭ ކޮރޮޕްޝަންގެ މައްސަލަތަކާއި ގުޅުންހުރި ލިޔުންތައް ހޯދުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަލާން ޖެހޭކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ލިޔުންތައް ލިބުން ލަސްވުމާއި ލިޔުންތައް ބޭނުންވާ ގިނަ އޮފީސްތައް ކޮވިޑާއި ގުޅުންހުރި އެކިއެކި ކަންކަމުގައި އުޅުމަކީ ވެސް ލިޔުންތައް ހޯދާ ލިބިގަތުގައި ހުރި ދައްޗެއް ކަމަށް ޝިޔުނާ ވިދާޅުވިއެވެ. މީގެއިތުރުން ކޮވިޑާއި ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅުންހުރި ފަރާތްތަކުގެ ބަޔާންތައް ނެގުމުގައި ވެސް ވަަރަށް ބޮޑެތި ދަތިތަކާއި މިވަގުތު ކުރިމަތިލާން ޖެހިފައިވާކަން ޝިޔުނާ ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ޝިޔުނާ ވިދާޅުވީ ކޮވިޑާއި ގުޅިގެން އޭސީސީން ކުރިއަށް ގެންދާ ތަހުގީގަށް ސަރުކާރުގެ ކަމާއި ގުޅުންހުރި ހުރިހައި މުއައްސަސާތަކަކުން ވެސް އެއްބާރުލުންދޭ ކަމަށާއި އެގޮތުން ލިޔުންތައް ވެސް ފޮނުވާ ކަމަށާއި އަދި ލިޔުންތައް ފޮނުވުމުގައި ލަސްވާނަމަ އެކަން ކޮމިޝަނަށް އަންގާ އިތުރު ވަގުތު ހޯދާކަން ޝިޔުނާ ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ ކޮވިޑާއި ގުޅިގެން އޭސީސީން ކުރިއަށް ގެންދާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް އެދިފައިވާ ތަންތަނުގެ ތެރެއިން މިހާތަނަށް އެއްވެސް ލިޔުމެއް ފޯރުކޮށްދީފައި ނުވަނީ ހަމައެކަނި އައިލެކްޑް އޭވިއޭޝަނުން ކަމަށެވެ. އެ ނޫން ހުރިހައި ތަންތަނަކުން ވެސް ލިޔުންތައް ފޯރުކޮށްދެމުންދާ ކަމަށް ޝިޔުނާ ވިދާޅުވިއެވެ.

