އަލަށް ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު އެމަޤާމުތަކުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ދެމިގެންދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބަލައިގަނެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ބިލު ދިރާސާ ކުރަން ފޮނުވަން ފާސްކޮށްފި އެވެ.
މި ބިލު ހުށަހަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އަދި މެންބަރުން ބަހުސް ކުރެއްވުމަށްފަހު އެ ބިލު ތަޅުމަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.
މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވަނީ އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެ ތާރީހަށް ކައުންސިލް އިންތިހާބު ބޭއްވޭނެ ކަމަކަށް ނުބެލެވޭތީ އިންތިޚާބު މިހާރުވަނީ ފަސްކޮށްފައެވެ.
އެގޮތުން ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރަން ސަރުކާރުން ހުށަހަޅާފައިވާ ސަންސެޓް ބިލު، ބައެއް އިސްލާހު ތަކާ އެކު ރައްޔިތުންގެ މަޖިލީހުންވަނީ ފާސްކޮށްފައެވެ. ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލް ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 63 މެމްބަރުންގެ އިއްތިފާގުންނެވެ.
ކައުންސިލަރުންގެ ދައުރު ދަންމާލާ ބިލު ކޮމިޓީއަށް ފޮނުވި ނަމަވެސް، އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ. އެގޮތުން ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިންތިހާބީ މަގާމެއްގެ ދައުރު ގާނޫނަކުން ދިގު ނުކުރެވޭނެ ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.
ހަސަން ލަތީފު ވިދާޅުވީ ގާނޫނު އަސާސީގައި އުފެދިފައި ނެތް ހާލަތެއްގައި އަމަލު ކުރާނެ އުސޫލުތަކެއް ހިމަނައިގެން ވަގުތީ ގާނޫނުތައް ފާސް ކުރުމަކީ ކުރާ ކަމެއް ކަމަށެވެ. އަދި ގާނޫނު އަސާސީން އެޖާގަ ދީފައިވާ ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.
ބިލުގައި ބުނެފައިވާ ގޮތުން ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެއެވެ. އަދި އެގޮތަށް ހުށަހެޅި ސަބަބެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވަނީ ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމަކަށް ގޮސްދާނެތީ އެވެ.

