ގއ. ވިލިނގިލީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މި މަޝްރޫޢާއި ހަވާލުވެފައިވަނީ، ވޭތުވެދިޔަ އަހަރުގެ އޯގަސްޓް މަހުގެތެރޭގައެވެ. މި ގޮތުން މިދިޔަ ޑިސެމްބަރު މަހުގައި މަޝްރޫޢުގެ މަސައްކަތްތައް އެ ކުންފުނިން ވަނީ ފަށާފައެވެ.
މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާކަން ހާމަކޮށް އެމްޓީސީސީން މިއަދު ކުރި ޓްވީޓުގައި ބުނީ، 7,985 ކިއުބިކް މީޓަރު ސަރަހައްދެއް މިހާރު ފުންކޮށްފައިވާކަމަށެވެ.
މީގެ އިތުރުން 346 މީޓަރުގެ ބްރޭކްވޯޓާރލުމާއި، 30 މީޓަރުގެ ބްރިޖެއްގެ އިތުރުން، ނެރު ބައްތި ހަރުކޮށް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ގއ. ވިލިނގިލީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމިފައިވާކަމަށް އެމްޓީސީސީން މިއަދު ބުނެފައިވާއިިރު، އއ.ހިމަންދޫގެ ބަނދަރު ނިމިފައިވާކަމަށް އެ ކުންފުނިން އިއްޔެ ބުނެފައިވެއެވެ.

