އަތޮޅުތަކުގައި ތިބި، ޖެންޑަރ މިނިސްޓްރީގެ ޚިދުމަތްތައް ހޯދަމުން އަންނަ މީހުންނަށް އެއްވެސް ދަތިކަމެއްނެތި ޚިދުމަތްތައް ލިބޭނެކަން ކަށަވަރުކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމު ގޮވާލައިފިއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައި މިވަނީ، ޖެންޑަރ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީއާއި އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީއާއި އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ އިސްވެރިންނާއި ނައިބު ރައީސް ވަނީ މަޝްވަރާކުރައްވާފައެވެ.
މި ގޮތުން، ނައިބު ރައީސް ވަނީ، މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގައި ތިބި، ޖެންޑަރ މިނިސްޓްރީގެ ޚިދުމަތްތައް ހޯދަމުން އަންނަ މީހުންނަށް އެއްވެސް ދަތިކަމެއްނެތި ޚިދުމަތްތައް ލިބޭނެކަން ކަށަވަރުކުރުމަށާއި، އެ މީހުންނަށް ބޭނުންވާ އެހެންކަންކަން ވެސް ކަށަވަރުކުރުމަށް ގޮވައިލައްވާފައެވެ.
މީގެ އިތުރުން ނައިބު ރައީސްވަނީ، އެ އިދާރާތަކުގެ ބެލުމުގެދަށުގައި ތިބޭ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޭހާއި ފަރުވާގެ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތުގެ މަޢުލޫމާތު ވެސް އޮޅުންފިލުއްވެވިއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސްވަނީ، ޖެންޑަރ މިނިސްޓްރީއާއި، އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގަމުން އަންނަ އިދާރާތަކުން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ދަތިތަކާބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

