އޮޔާ ދިޔަ ބޮޑު ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރިއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ތެޔޮ ޓަގު ބޯޓު މާލޭ އުތުރު ފަރާތު ކާނިވަލާ ދިމާލުން އޮޔާ ގޮސް، ބްރިޖާ ދިމާލަށް ދެއެވެ.
އަދި އޭގެ ފަހުން އާންމުވި މަންޒަރުތަކުން ފެންނަނީ އެ ބޯޓު ކޮންޓްރޯލުން ނެއްޓި ގޮސް ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރިފައިވާ ތަނެވެ. އެ ސަރަހައްދުގައި ކޯސްޓުގާޑްވެސް ހަރަކާތްތެރި ވަމުންދާކަން ފާހަގަކުރެވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓުންއިން ވަނީ ހާމަކޮށްފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން ރާއްޖެ ސަރަޙައްދުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެގޮތުން މިމަހުގެ 11، 12 އަދި 13ވަނަ ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށްވެސް ފާހަގަކޮށްފަވެއެވެ.

