ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ އަޚްލާގީ މިންގަނޑު އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓަންޖެހޭ: ސީޕީ

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު / ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ ޚިދުމަތުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ކޮންމެ ފުލުހަކުވެސް އަމިއްލައަށް އަހުލުވެރިވެ، މުއައްސަސާގެ ޕްރޮފެޝަނަލް އަދި އަހުލާގީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ގޮވާލައްވައިފިއެވެ.

ކޮމިޝަނަރ މިހެން ގޮވާލެއްވީ، އިސްކަންދަރު ބިލްޑިންގގައި ބޭއްވި ފުލުހުންގެ ރޭންކުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސީޕީ ވިދާޅުވީ، ދިވެހި ދައުލަތުގެ އެހެން މުއައްސަސާތަކާ އަޅާބަލާއިރުވެސް އެންމެ ގިނައިން ގަވާއިދުތަކާއި އުސޫލުތަކާއި އެސް.އޯ.ޕީތައް ލިޔެވި، އެއަށް އަމަލުކުރެވެމުންދާ މުއައްސަސާއަކީ ދިވެހި ފުލުހުންގެ ޚިދުމަތް ކަމަށެވެ. އަދި އެ ހުރިހާ ގަވާއިދުތަކަކީވެސް ފަސޭހައިން ބަލައިލެވޭނެހެން ފެންނަން ހުރި ތަކެތި ކަމަށްވާއިރު، މުއައްސަސާއާ ގުޅުމަށްފަހު އެއިން އެއްވެސް ގަވާއިދެއް ނޭނގުމަކީ ފަރުދީގޮތުން އެއްވެސް މުވައްޒަފަކަށް ދެއްކޭނެ ހުއްޖަތެއް ނޫން ކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުންނަށް ދިމާވާ އިދާރީ އަދި އެހެނިހެން މައްސަލަތަކުގައި މުއައްސަސާގެ އެތެރޭގެ ނިޒާމުގެ ބަދަލުގައި ބޭރުން ހައްލު ހޯދަން މަސައްކަތްކުރުމަކީ އިދާރީ ގޮތުން ގިނަ އުނދަގޫތަކެއް ކުރިމަތިވާ ކަމެއްކަން ފާހަގަކުރައްވައި، ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި ބުއްދި އިސްކޮށް ހިކުމަތްތެރިކަމާއެކު މައްސަލަތަކަށް ހައްލު ހޯދުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ. އަދި ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމާއި ފިޔަވަޅު އެޅުމުގެ ކަންކަން ހިންގަނީ ފުލުހުންގެ ގާނޫނާއި އެތެރޭގެ އުސޫލުތަކުގެ ތެރެއިން ކަމަށާއި، ރަނގަޅު ގޮތުގައި ހިދުމަތުގައި ދެމިހުންނަ މުވައްޒަފަކާ މެދު ނުހައްގުން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ހަމައެއާއެކު، އަމަންއާންމު ބެލެހެއްޓުމާއި ގާނޫނު ތަންފީޒުކުރުމުގެ ބޮޑު މަސްއޫލިއްޔަތު އޮތް ބަޔަކަށް ވީހިނދު، ކަންކަމުގައި ނުތަނަވަސްކަން އަންނަ ހާލަތްތަކުގައިވެސް ކެތްތެރިކަން އިސްކޮށް، އުސޫލުތަކާ ހިލާފުނުވުމަށާއި ބޭއަދަބީކޮށް ވާހަކަނުދެއްކުމަށް ކޮމިޝަނަރ ހަނދާންކޮށްދެއްވިއެވެ.

ރަސްމިއްޔާތުގައި އެރުވުނު އަހުލާގީ ކުލައާއި މެޑަލްތަކަށް އަލިއަޅުއްވާލައްވަމުން، އެއީ މުއައްސަސާއިން ފުލުހެއްގެ އަހުލާގާއި ފެންވަރު ރަމްޒުކޮށްދޭ މަތިވެރި ޝަރަފެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ޝަރަފުތައް ލިބުމަށްފަހު، އެއާ ނުގުޅޭ ފަދަ އަހުލާގީ މައްސަލަތަކުގައި ޕްރޮފެޝަނަލް ސްޓޭންޑަރޑްސް އަށް ހާޒިރުވާންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ ޝަރަފުތައް އަނބުރާ އަތުލަންޖެހޭ ފަދަ ހާލަތަކަށް އެއްވެސް މުވައްޒަފެއްގެ އަމަލުތައް ގޮސްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

މުވައްޒަފުންގެ ކުރިއެރުމާ ގުޅޭގޮތުން ކޮމިޝަނަރ ހާމަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ކުރު މުއްދަތެއްގެ ތެރޭގައި 400 އަށްވުރެ ގިނަ މުވައްޒަފުންނަށް އެކި ރޭންކްތަކުގައި މަގާމުގެ ކުރިއެރުން ދެވިފައިވާއިރު، 400 އަށްވުރެ ގިނަ ފުލުހުންނަށް ވަނީ އެކި ކުލައާއި މެޑަލް އަރުވާފައެވެ. އަދި 4 ގިންތިއަކުން 518 ފުލުހަކަށް ހިދުމަތުގެ ހަނދާނީ ފިލާ ދިނުމަށް ނިންމައި އޭގެ ތެރެއިން ގިނަ ފަރާތްތަކަކަށް މިހާރު ފިލާ ހަވާލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މުވައްޒަފުންނަށް ހައްގުވާ ކުރިއެރުމާއި ޝަރަފުތައް ކުރިއަށް އޮތް ތަނުގައި ލަސްނުވެ، ދޭންޖެހޭ ވަގުތުގައި ވީހާވެސް ފުރިހަމައަށް ދެވޭނެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ކުރިއަށް އޮތް ތަނުގައި މުއައްސަސާގެ މުވައްޒަފުންގެ ކިބައިން އަހުލާގީ މައްސަލަތައް މަދުކޮށް، އުސޫލުތަކަށް ފުރިހަމައަށް ބޯލަނބާ ބަޔަކަށް ހެދުމަށްޓަކައި ތަމްރީނުތަކާއި ޕްރޮގްރާމްތައް ހިންގަވާނެކަން އިއުލާނުކުރައްވަމުން، ގާނޫނީ ވާޖިބު އަދާކުރުމުގައި އަހުލާގު ރަނގަޅު، އުއޫލުތަކަށް ހުރުމަތްތެރިކޮށް ހިތާ ބައެއްގެ ގޮތުގައި ދެމިތިބުމަށް އަޒުމް ކަނޑައެޅުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ހުރިހާ ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މެންބަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: