މި ހިނގާ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.68 ބިލިޔަން ރުފިޔާ ދޫކޮށްފިއެވެ.
މި މުއްދަތުގައި ދޫކުރެވުނު އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލުތަކަށް ދޫކޮށްފައިވަނީ 1.43 ބިލިޔަން ރުފިޔާ ކަމަށްވާއިރު، މިއީ 17.4 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ބޮޑު ބަޖެޓެއް ކައުންސިލް ގްރާންޓަށް ކަނޑައެޅި އަހަރެވެ. އެގޮތުން މި އަހަރުގެ ބަޖެޓުގައި ކައުންސިލުތަކަށް ދިނުމަށް ޖުމްލަ 2.5 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅައި ބަޖެޓުކޮށްފައެވެ.
ކައުންސިލުތަކަށް ދޫކުރާ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ޚާއްޞަކުރެވެނީ ސިޓީ ކައުންސިލުތަކަށެވެ. އަދި ސިޓީ ކައުންސިލުތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ބަޖެޓެއް ލިބެނީ މާލޭ ސިޓީ ކައުންސިލަށެވެ.
މީގެއިތުރުން، ކުރިއަށް އޮތްތަނުގައި ކައުންސިލްތަކަށް ފައިސާ ދޫކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދެން ފައިސާ ދޫކުރުމުގައި ރަށުގެ އާބާދީގެ އިތުރުން ރަށުގެ ބިމުގެ ބޮޑުމިނަށް ވެސް ބެލުމަށް ވަނީ ހަމަޖެހިފައެވެ.

