ރާއްޖެއަށް އައި ބޭރުގެ ދެ މަސް ބޯޓަކާ ގުޅިގެން ކަމާބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކޮށް، އެކަމާ ގުޅޭ މައުލޫމާތުތައް ސާފުކޮށްދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައިފިއެވެ.
މެމްބަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ސިނަމާލެ ބްރިޖަށް އުރުނު ދެ މަސް ބޯޓުގެ މައްސަލައަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ބޮޑެތި ސުވާލުތަކާއި ކަންބޮޑުވުންތަކެއް އުފެދޭ ކަމެއް ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ވެފައިވާ އިހުމާލުތަކާއި އިތުރު މައުލޫމާތު ހޯދުމަށް ކޮމިޓީއަށް އިދާރާތައް ހާޒިރުކުރުން މުހިންމު ކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ސަރަހައްދަށް ވަނުމާއި ބެލެހެއްޓުމުގެ ނިޒާމުގައި ހުރި އިހުމާލުތައް: މި ދެ ބޯޓު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ މިއަހަރުގެ އޭޕްރިލް 26 ގައި އެއްވެސް އިދާރާއެއްގެ ހުއްދައެއް ނުނަގައި ކަމަށާއި، އަދި ހަފްތާއެއް ވަންދެން މާލޭ ސަރަހައްދުގައި ބަނދަރުކޮށްފައިވާއިރު ކަމާބެހޭ އިދާރާތަކަށް މިކަން ފާހަގަކުރެވުނީ މެއި 3 ގައެވެ. އެހެންކަމުން މިފަދަ ނުރައްކާތެރި ހާލަތެއް ދިމާވާން މެދުވެރިވި ސަބަބުތަކާއި، މިކަމުގައި އިހުމާލުވި ފަރާތްތަކަކީ ކޮބައިކަމާއި، ޒިންމާދާރު ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު އަޅާފައިވޭތޯ ސާފުކުރުމަށް ވަނީ އެދިފައެވެ.
ފަޅުވެރިންގެ އިންސާނީ ހާލަތާއި ފަންނީ ހާލަތު: ބޯޓުގެ ފަޅުވެރިން ހާލުގައި ޖެހުނުތާ 5 ދުވަސް ވެގެންދިޔައިރު ވެސް އެކަމަށް ހައްލެއް ނުހޯދުނު ސަބަބު ދެނެގަތުމަށާއި، މާލޭ ބަނދަރު ސަރަހައްދުގައި ބޯޓުތައް އަޅާފައި އޮތްއިރު އެ އުޅަނދުތަކުގެ ފަންނީ ހާލަތު ވަޒަންކުރުމަށް ކަމާގުޅޭ އިދާރާތަކުން އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ ބެލުމަށް ވެސް ވަނީ އެދިފައެވެ.
ސިނަމާލެ ބްރިޖުގެ ރައްކާތެރިކަމާއި އިންޝުއަރެންސް: ސިނަމާލެ ބްރިޖަކީ ރާއްޖޭގެ އެންމެ މުހިންމު އެއް އުމްރާނީ ތަރައްގީ ކަމަށްވާއިރު، އެ ބްރިޖަކީ އިންޝުއަރ ކޮށްފައިވާ ތަނެއްތޯއާއި މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމުގެ އިންތިޒާމުތައް ހަމަޖެހިފައިވޭތޯ ވެސް މެންބަރު ވަނީ ސުވާލު އުފައްދަވާފައެވެ.
މެމްބަރު މުހައްމަދު އިބްރާހީމް އިތުރަށް ވިދާޅުވީ، މިކަމަކީ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމުގެ މައްސަލަތަކާއި ގައުމީ ސަލާމަތާއި ބެލެހެއްޓުމުގެ ނިޒާމުގައި ހުރި ބާގަނޑުތައް ހާމަވާ ކަމެއް ކަމަށާއި، މި މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

