ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފިއެވެ.
މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ އިދާރާއިން ދަނީ މޫސުމީ އެލާޓްތައް ނެރެމުންނެވެ.
މެޓް އޮފީހުން މިއަދު ވަނީ ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 11:30 އިން ފެށިގެން ހަވީރު 16:30 އާ ހަމައަށެވެ. އެ އިދާރާއިން ބުނި ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ގަމަށް
މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ސ. ގަމަށެވެ. އެއީ 183 މިލިމީޓަރުގެ ވާރޭއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ. ތިނަދުއަށެވެ. އެ ރަށަށް 87.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ކ. ހުޅުލެއަށް ވަނީ 86.4 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
މީގެއިތުރުން، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެގޮތުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 3 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

