ސިނަމާލެ ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ނަމަވެސް، އެހާ އަވަހަށް މުޅި ބްރިޖު ބަލައި އެތަނަށް އެއްވެސް ގެއްލުމެއް ނުވާކަމަށް ކަނޑައެޅި ގޮތާމެދު އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 10 ސެޕްޓެމްބަރުގެ ރޭގަނޑުގެ ވަގުތެއްގައި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ރިޕަބްލިކް އޮފް ހައިޓީގައި ރެޖިސްޓްރީކޮށްފައިވާ، ނަމަވެސް ވެރިފަރާތް ކަށަވަރުނުވާ ދެ ބޯޓު ނަގިލި ކަނޑައިގެން ގޮސް ސިނަމާލެ ބްރިޖަށް އުރުނު ހާދިސާއަކީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދެ ބޯޓަކީ މިދިޔަ އޭޕްރިލް މަހު އެއްވެސް ހުއްދައެއް ނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ މާލެ ސަރަހައްދުގައި ބަނދަރުކޮށްފައި އޮއްވާ ފެނުނު ދެ ބޯޓެވެ. މި އުޅަނދުތައް ރާއްޖޭގައި އޮތްކަން ސަލާމަތީ ބާރުތަކަށް އެނގުނީ ވެސް ބަނދަރުކުރިތާ ހަފުތާއެއް ފަހުން ކަމަށާއި، އޭގެ ތެރެއިން އެއް ބޯޓުގައި ނަގިއްޔެއް ނެތްއިރު އިންޖީނު ހިނގަނީ ވެސް އެންމެ ބޯޓެއްގައި ކަމަށް އެމްޑީޕީން ފާހަގަކުރެއެވެ.
އެ ޕާޓީން ބުނީ، ދެ ބޯޓުގެ ހާލަތާއި އެ ދެ ބޯޓު މާލެ ކައިރީގައި އަޅާފައި އޮތުމުގެ ނުރައްކާ ބޮޑުކަމުން، ރައްކާތެރި ތަނަކަށް ގެންގޮސް ބޯޓުތައް އަޅަން މީގެ ދޮޅުމަސް ކުރިން ނިންމާފައިވީ ނަމަވެސް އެ މަސައްކަތް ނުކޮށް ދޫކޮށްލުމުން މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގަން މެދުވެރިވި ކަމަށެވެ. އަދި ބްރިޖަށް ގެއްލުމެއް ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، މިފަދަ ހާދިސާއަކުން ބޮޑެތި ގެއްލުންތަކެއް ވުމަކީ ދުރުކަމެއް ނޫން ކަމަށާއި، މި ސަރުކާރުން އެހާ އަވަހަށް މުޅި ސިނަމާލެ ބްރިޖު ބަލައި ގެއްލުމެއް ނުވާކަމަށް ކަނޑައެޅި ގޮތާމެދު ސުވާލު އުފެދޭ ކަމަށް ވެސް ބަޔާނުގައިވެއެވެ.
މީގެއިތުރުން، މާލެއާއި މާލެ ކައިރީގައި ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތްތެރިކަން ޔަގީންކޮށްދިނުމުގައި ސަރުކާރު ވަނީ ނުކުޅެދި ބޮޑުތަނުން އިހުމާލުވެފައި ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ. ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް އުޅަނދުތަކަކަށް މިފަދަ ގޮތެއް ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ކަންކަން އިސްލާހު ނުކޮށްފިނަމަ މާދަމާ މިފަދަ އުޅަނދެއް މާލޭގެ ތޮށިގަނޑަށް ނުވަތަ އެހެން އުޅަނދަކަށް އުރުމަކީ ވެސް ދުރުކަމެއް ނޫން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، ހުއްދައެއް ނެތި އުޅަނދުތައް ރާއްޖެ ސަރަހައްދަށް ވަދެ ބަނދަރުކުރުމަކީ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށާއި، މިކަމުގައި ކަމާގުޅޭ އެންމެހާ މުއައްސަސާތަކާއި ވެރިން ޒިންމާދާރުކުރުވައި ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށެވެ. އަދި ކަނޑުމަތީގެ ސަލާމަތަށް ވަމުންދާ އިހުމާލުތައް ކުށްވެރިކޮށް، ބޭރުގެ މިފަދަ އުޅަނދުތަކާމެދު އަމަލުކުރާނެ ހަރުދަނާ އުސޫލެއް ހަދައި އެއާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

