ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް665.4 މިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑް19 އަށް މިހާތަނަށް ކޮށްފައިވާ ހަރަދުތައް ބަޔާންކޮށް ފިނޭންސް މިނިސްޓްރީ ނެރެފައިވާ ފުރަތަމަ ހަފްތާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހެލެތް މިނިސްޓްރީއާއި ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮޕަރޭޝަން ސެންޓަރުން665.4 މިލިޔަން ރުފިޔާ ވަނީ ކޮވިޑް19އިގެ އެކިއެކި ކަންކަމަސް ހަރަދުކޮށްފައެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިހާތަނަށް ހަރަދު ކުރި 665.4 މިލިޔަން ރުފިޔާގެ ތެރެއިން ބޮޑު ހޭދައެއް ކޮށްފައިވަނީ ކޮވިޑް19 އިން ރައްކާތެރިވުމަށް ބޭނުންވާ ސިއްހީ ސާމާނު ގެނައުމަށެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުން ބޭނުން ކުރުމަށް އަދި މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސަލާމަތީ ކަންކަމަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް (ޕީޕީއީ) އާއި އެ ނޫން ވެސް ގިނަ އަދަދެއްގެ މެޑިކަލް ސާމާނު ހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. އެއީ ހަރަދު ކުރި އަދަދުގެ ތެރެއިން91.2 ޕަސެންޓް ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮވިޑް19އިގެ ކަންކަމަށް އެންޑީއެމްއޭއިން ވަނީ 387.3 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ހެލްތް މިނިސްޓްރީން 135.7 މިލިޔަން ރުފިޔާ ހަރަދުކޮސްފައިވާއިރު ޕްލޭން މިނިސްޓްރީން 27.9 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ޑިފެންސް މިނިސްޓްރީން5.0 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު ފޮރިން މިނިސްޓްރީން ވަނީ3.4 މިލިޔަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި އެންސްޕާއިން ވަނީ2.9 މިލިޔަން ރުފިޔާ ހަރަދުކޮށްފައެވެ.

