ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިލުގެ ސަބަބުން ދައުލަތުގެ ފައިސާއަށް ސީދާ އަސަރެއް ނުކުރާނެ: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ދަށްވެ ރައްޔިތުންގެ މާލީ ހާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި ”ކޮވިޑް19 ގެ އެހީތެރިކަމުގެ ބިލް“ގެ ނަމުގައި މަޖިލީހަށް ހުށަހެޅި ބިލުން ދައުލަތުގެ ފައިސާއަށް ސީދާ އަސަރެއް ނުކުރާނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނައިބު ރައީސްގެ މަޤާމުގައިވެސް ހުންނެވި ސައީދު މަޖިލީހަށް ހުށަހެޅުއްވި ”ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލު“ ގައި މުހިތްމު ގިނަކަންތައްތަކެއް ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް އެ ބިލަކީ މަޖިލީހުގެ ޤަވައިދަށް ނުފެތޭ ބިލެއް ކަމަށް މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި މައްސަލަތަކާއި ބިލުތައް މަޖިލީހަށް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަންޏެވެ. އެ ގޮތަށް ހުށަހަޅާނީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރެއް މެދުވެރިކޮށެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ސައީދު ހުށަހެޅުއްވި ބިލު އެޖެންޑާ ކުރުމުގެ ބަދަލު މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާ ފަދަ މާއްދާތަކެއް ހުރުމުން، އެކަން އިސްލާހުކުރުމަށްފަހު އަލުން ބިލު ހުށަހަޅުއްވުމަށެވެ.

ރިޔާސަތުން އެހެން ވިދާޅުވުމުން، އޭގެ ރައްދުގައި ސައީދު ވިދާޅުވީ އެ ބިލަކީ، ދައުލަތުން ފައިސާއަށް ސީދާ އަސަރެއް ނުކުރާ ގޮތަށް، ދައުލަތުގެ އެހެން ބާރުތަކުގެ ތެރެއަށް ކުރިން ރައްކާކުރެވިފައި ހުރި ފައިސާއެއް އޭގެ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ކަމަށެވެ.

ސައީދު ވިދާޅުވީ ބިލް ހުށަހަޅާފައިވަނީ ވަނީ ދައުލަތުގެ ބަޖެޓަށް ސީދާ އަސަރެއް ނުކޮށް، މަސްވެރިންނާއި ދަނޑުވެރިންނާއި އެހެނިހެން ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފައިދާތަކެއް ވާނެ ގޮތަށް ކަމަށެވެ. އަދި މިހާރު ދިމާވެފައި މިވަނީ ހާއްސަ ހާލަތެއް ކަމަށާއި މިއީ މަޖިލީހުގެ ގަވާއިދު އެބުނާ ހާލަތު ނޫން ކަމުން ބިލްގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ސައީދު ވަނީ މި ހާލަތާ ގުޅުވައިގެން އެންމެ ކުޑަމިނުން ބިލަށް މަޖިލީހުގައި ބަހުސްކޮށްލަ ދިނުމަށް މަޖިލިސް ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.

”އެހެންވީމަ އަޅުގަނޑު ރައީސްގެ އަރިހުން ވަރަށް ބޮޑަށް އެދެން ސަރުކާރު ހިންގާ ޕާޓީ ނޫން ކަމުގައި ވިޔަސް މި ހާލަތަށް ގުޅުވާފައި، ބިލު މަޖިލީހަށް ބަލައިގެންދެއްވައި އެންމެ ކުޑަމިނުން މަޝްވަރާކޮށްލުން“ ސައީދު ވިދާޅުވިއެވެ.

ސައީދު ހުށަހެޅުއްވި ބިލުގައި މި ހާލަތުގައި ދިރިއުޅޭ އުޅޭ ތަނަށް ކުލި ނުދެއްކުނަސް ގެއިން ނެރުން މަނާ ކުރުމާއި މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކޮންމެ ދިވެއްސެއްގެ ޕެންޝަން ފަންޑަށް ޖަމާ ކޮށްފައިވާ ޖުމުލަ ފައިސާގެ ތިންބައިކުޅަ އެއްބައި އެ މީހަކަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޫކުރަން ވެސް ހުށަހަޅާފައިވެ އެވެ.

ދައުލަތުގެ އެކިއެކި އިދާރާތަކުން ދޫކޮށްފައިވާ ވިޔަފާރި ބިންތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ 50 ޕަސެންޓު ހަ މަސް ދުވަހަށް މައާފުކޮށްދިނުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ. އަދި ފަރުދުންނާއި ވިޔަފާރިތަކުން، މޯލްޑިވްސް އިންލެންޑް އޮތޯރިޓީއަށް، ހުށަހަޅަންޖެހޭ ޓެކްސްއާއި އެންމެހާ ރިޕޯޓެއް ވަކި މުއްދަތަކަށް ފަސްކުރުމާއި ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން ފަސްކުރުމަށާއި، ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް، ދިވެހި މަސްވެރިންނަށް ފައިދާއަކާއި ނުލައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް ދައުލަތުން ހަމަޖައްސުން ފަދަ ކަންކަން ވެސް ބިލުގައި ހިމެނާފައިވެއެވެ.

މަޖިލީހުގެ ގަވާއިދަށް ފެއްތުމަށް ޓަކައި ސައީދުގެ ބިލަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މެންބަރު ސައީދާއެކު ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންގެ ބައްދަލުވުމެއް ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

 

 

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: