މިހާރަކަށް އައިސް ވަރަށް ގިނައިން އިވޭ އަޑެކެވެ. އެ ވައިރަހެއްގެ ޝިކާރައަކަށް މުޅި ދުނިޔެ ވެފައިވާ ކޮރޯނާ ވައިރަހުން، ދިވެހިރާއްޖެއަށް އަރައިގަނެވެން އޮތީ، ޖަލުގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ޢަބްދުލްޤައްޔޫމް މިނިވަންކޮށްގެންޔޯލައެވެ. އެހެން ބުނާ ބަޔަކު، އެހެން ބުނާތީ އަޅުގަނޑު އަންތަރީސް ވަމެވެ.
އެހެންޏާ ފަހެ، ރައީސް ޔާމިންއާއި، ކޮރޯނާ ވައިރަހުން ސަލާމަތްވުމާއި، މި ދެމެދުގައި އޮތީ ކޮން ގުޅުމެއްތޯއެވެ. ކޮން ސިއްރެއްތޯއެވެ. ފަހެ، ޢަބްދުﷲ ޔާމީނަކީ، ކޮރޯނާވައިރަހަށް ސައިންޓިސްޓުން ހޯދާފައިވާ ވެކްސިނެއް ނޫނެއްނޫންތޯއެވެ. ނުވަތަ ކޮރޯނާ ވައިރަހަށް ފަރުވާދިނުމަށްޓަކައި އުފައްދާފައިވާ ބޭސްގުޅައެއްނޫނެއްނޫންތޯއެވެ. އަދި ކީއްތަ، އެ ވައިރަސްޖެހި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާދޭން އީޖާދުކޮށްފައިވާ ވެންޓިލޭޓަރެއް ވެސް ނޫން ދޮގެއްތޯއެވެ.
މިފަދަ ތާކުންތާކުނުޖެހޭ އޮށްޓަރެއްނެތް ވާހަކަތައް އަޑުއިވޭތީ،އަޅުގަނޑުގެ ގާތަށް ހަމަ އަންނަނީ ހިންޏެވެ.
މިހާ ހިސާބުން ކަމުގެ އަސްލަށް ރުޖޫޢަވަމާ ހިންގަވާށެވެ. ކޮރޯނާވައިރަހޭ، ޔާމީނޭ، ޤައުމު ސަލާމަތްވުން އޮތީ އެވެނި ގޮތަކަށޭ ނުވަތަ މިވެނި ގޮތަކަށޭ، އެ ކިޔާ ބަޔަކު އެ ކިޔަނީ ވަކި މަޤުޞަދެއްގައެވެ.
އެއްވެސް ޝައްކެއްނެތްގޮތުގައި އެ ވާހަކަތައް އެ ދައްކަނީ، ސިޔާސީ ބޭނުމެއްގައެވެ. ދަންނަވަންތޯއެވެ. މިއީ ރޯދަމަސްކަން އެނގެއެވެ. އެހެނެއްކަމަކު، މި ރޯދަމަހުގައި ހަމައެކަނި ޖަލުގައި ހުންނެވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިނެއްނޫނެވެ. އެ މަނިކުފާނު ނޫނަސް، ޢާންމު އެތަކެއް ރައްޔިތުންނެއް ޖަލުތަކުގައި އެބަ ތިއްބެވެ. ވީއިރު ވަކި ޢަބްދުﷲ ޔާމީން ދޫކޮށްލައްވަން ޖެހޭނެތޯއެވެ.
ހިތާމައަކީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމިނުގެ ”އެކުވެރި ކުދިންނަށް“ އަދި ވެސް އެ މަނިކުފާނަކީ ކިހާވަރެއްގެ ބޭފުޅެއްކަން ނޭނގޭތީއެވެ. އެހެންނަމަވެސް މި ފަހަރު އަޅުގަނޑު ކިޔައިދޭނަމެވެ. ފަހަރެއްގައި މި ވާހަކަތައް އަޑު އިވިފައި ވެސް އޮވެދާނެ ތޯއްޗެކެވެ. އެހެނަސް ހަނދާންކޮށްދިނުމަކީ، އޮންނަކަމެއް ނޫންތޯއެވެ. އަޑު އައްސަވާށެވެ.
ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރާ ވާހަކައަކީ، އަބަދުވެސް އިވޭ ވާހަކަތަކެކެވެ. ދަޢުލަތު ހަރުމުދާތައް ޢަބްދުﷲ ޔާމީނު ވިއްކައިލާފައިވާ ކަމަށް ބުނާ ވާހަކަތަކަކީ ވެސް މަދުން އިވޭ ވާހަކަތަކެއްނޫނެވެ. ބައެއް މީހުން ދެކޭގޮތުގައި އެއީ، ”ގަޓް“ ރައީސްއެވެ.
މީގެ އިތުރުން، ޢަބްދުﷲ ޔާނިނަކީ، މައުމޫން ޢަބްދުލްޤައްޔޫމްގެ ދައުރުގައި ވައްކަމާއި ޚިޔާނާތުގެ އެތައް މައްސަައަކަށް ތުހުމަތުކުރެވިފައިވާ ބޭފުޅެކެވެ. މި ގޮތުން، ދައުލަތުގެ ތެޔޮ ކުންފުނިތަކުގެ ބޭނުން ކުރައްވައިގެން ބަރުމާއާއި ކުރެވުނު ތެލުގެ ވަގު ވިޔަފާރިތަކުގެ ތެރެއިން 800 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާއަށް ޚިޔާނާތްތެރިވެވަޑައިގެންފައިވާކަމަށް ތުހުމަތުކުރެވިފައިވެއެވެ.
ދޮންޖޭމު ޢުމަރު ނަސީރު ވިދާޅުވަނީ ކީކޭތޯއެވެ. ޢަބްދުﷲ ޔާމިނާއި ދިވެހި ދަޢުލަތުގެ ތިޖޫރީ ހަވާލުކުރައްވައިނަމަ އެ ތަނުގައި ހުންނާނީ ވަޅުގަނޑެއްކަމަށް ކަމަށެވެ.
މިއަދުގެ ހާލަތަށް ބެލިޔަސް ރައީސް ޔާމީނުގެ މައްޗަށް އެތައް ތުހުމަތެއް ކުރެވިފައިވެއެވެ. އަދި ދަނީ ވެސް ޙުކުމް ތަންފީޒުކުރައްވަމުންނެވެ.
ވީއިރު، ޖަލުން މިނިވަންވެވަޑައިގަތެއްކަމަކު، ޤައުމަށް ކޮށްދެއްވޭނެ އޮންނާނެތޯއެވެ. ޤަައުމަށް ކަމެއްކޮށްދެއްވޭނީ ވެސް، ޤައުމަށް އޯގާތެރިވެގެން ނޫންތޯއެވެ. ޤައުމުގެ ހަރުމުދަލަށް ޚިޔާނާތްތެރިވެ، ޤައުމުގެ ފައިސާތައް ކަަޕަޅާކޮށް ހަދާ މީހަކަށް، ކޮރޯނާ ވައިރަހުން ޤައުމު ސަލާމާތްކޮށްދެވޭނީ ކޮންފަދައަކުންތޯއެވެ.


One Response
ފެންވަރު ރަނގަޅު. ފަށުވި ހުނަރުވެރި ލިޔުންތެރިއެކެވެ ތިޔަކުރައްވާ ހިތްވަރަށް ހަމަ ޝުކުރު ދަންނަވަން ?????